Advertisement

އެމްބާޕޭގެ ގޯލާ އެކު ޕީއެސްޖީ އަށް މޮޅެއް، އެންރީކޭ ހިތްހަމަޖެހޭ!

22 އޮކްޓޯބަރު 2023 - 11:06 0


އެމްބާޕޭގެ ގޯލާ އެކު ޕީއެސްޖީ އަށް މޮޅެއް، އެންރީކޭ ހިތްހަމަޖެހޭ!

22 އޮކްޓޯބަރު 2023 - 11:06 0

ޕެރިސް (އޮކްޓޫބަރު 22) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ގޯލާ އެކު، ޕީއެސްޖީން 3-0 އިން ސްޓްރާސްބޯ އަތުން މޮޅުވިއިރު، ޖުމްލަކޮށް ބަލާއިރު، މެޗުގައި ފެނުނު ކަންތަައްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ރޭގެ މޮޅާ އެކު، ޕީއެސްޖީން ވަގުތީ ގޮތުން އެއް ވަނަ އަށް ޖެހިލި އެވެ. އެކަމަކު، ފަހުން ކުޅުނު މެޗުން މާސޭ އަތުން 1-0 އިން މޮޅުވެ، ނީސް ވަނީ ލީގުގެ އެއް ވަނަ މަގާމަށް އަރައިފަ އެވެ. ނީސް އެއް ވަަނައިގައި އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ. ޕީއެސްޖީ ދެ ވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މޮނާކޯގެ އޮތީ އަށް މެޗުން 17 ޕޮއިންޓެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ އެވެ. މިއީ ޕީއެސްޖީގެ ޕޯޗުގީސް ފޯވާޑް، ގޮންކާލޯ ރާމޯސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޕީއެސްޖީން ދެ ވަނަ ލަނޑު ޖެހީ ކާލޯސް ސޮލެއާ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.

މި މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ. އެއީ، މިދިޔަ މަހު ޕީއެސްޖީން މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ކޮށްފައިވާތީ، ފްރެންޗް ލީގުން ދީފައިވާ ސަސްޕެންޝަނަކާ ހެދި އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ޕީއެސްޖީން ތިން ވަނަ ލަނޑު ޖެހީ ފަބިއަން ރުއީޒް އެވެ. މި ލަނޑު ޖަަހަން ފުރުސަތު ހޯދައިދިނީ ސޮލެއާ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ އާންމު ގޮތެއްގައި ގައުމީ ޓީމުގެ މެޗުތަކަށް ފަހު، އެނބުރި އައިސް ކުޅެން ޖެހޭ ފުރަތަމަ މެޗު ދަނީ ވަރަށް އުނދަގޫކޮށް ކަމަށާއި އެކަމަކު، މި މެޗުގައި ފެނުނު ކަންތައްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.