Advertisement

ގަރުނަކަށް ފަހު އޮލިމްޕިކްސްގައި ކްރިކެޓް ހިމަނައިފި

17 އޮކްޓޯބަރު 2023 - 09:11 0


ގަރުނަކަށް ފަހު އޮލިމްޕިކްސްގައި ކްރިކެޓް ހިމަނައިފި

17 އޮކްޓޯބަރު 2023 - 09:11 0

މުމްބާއީ (އޮކްޓޫބަރު 17) - ގާތްގަނޑަކަށް ގަރުނެއްގެ މުއްދަތަކަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ނިންމައިފި އެެވެ.

އެ ގޮތުން، 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސްގައި ޓީ20 އަންހެން އަދި ފިރިހެން ކްރިކެޓް މުބާރާތް އޮންނާނެ އެވެ.

އެންމެ ފަހުން، އޮލިމްޕިކްސް އިވެންޓެއްގެ ގޮތުގައި ކްރިކެޓް ކުޅެފައިވަނީ 1900 ވަނަ އަހަރު އެވެ. އެހެންކަމުން، ކްރިކެޓް އަލުން އޮލިމްޕިކްސް އަށް މި އައީ ގަރުނެއްގެ މުއްދަތެއް ފަހުންނެވެ.

ލޮސް އެންޖެލްސް ގޭމްސް އޮގަނައިޒަރުންނާ މަޝްވަރާ ކުރުމަށް ފަހު، މި ވަގުތަށް ހުށަހަޅާފައި އޮތީ ހަ ގައުމު ހިމަނައިގެން ކުޅޭ މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު، މީގެއިން އެއްވެސް ކަމެއް އަދި ރަސްމީ ސިފައެއްގައި ފައިނަލް ކޮށްފައެއްނުވެ އެވެ. އަދި ކޮލިފިކޭޝަން ކުރިއަށްދާނެ ގޮތެއް ވެސް އޮތީ މަޝްވަރާ ކުރުމުގެ މަރުހަލާގައި ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މައުލޫމާތު ދެ އެވެ.

ކްރިކެޓްގެ އިތުރުން، ދެން 2028 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދެން ހިމަނާފައިވާ ބައެއް ކުޅިވަރުތަކަށް ބަލާއިރު، ފްލެގް ފުޓްބޯލް، ސްކޮއަޝް، ބޭސްބޯލް އަދި ސޮފްޓްބޯލް ހިމެނެ އެވެ.

އައިއޯސީގެ ރައީސް ތޯމަސް ބަކް ވިދާޅުވީ އަލަށް އިތުރުވި ކުޅިވަރުތަކާ އެކު، 2028 ގައި ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްްސް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.