Advertisement

ޕޮގްބާގެ ދެ ވަނަ ސާމްޕަލް ވެސް ޕޮޒިޓިވް: ބޮޑު ސަސްޕެންޝަނަކާ ގާތަށް!

6 އޮކްޓޯބަރު 2023 - 22:19 0


ޕޮގްބާގެ ދެ ވަނަ ސާމްޕަލް ވެސް ޕޮޒިޓިވް: ބޮޑު ސަސްޕެންޝަނަކާ ގާތަށް!

6 އޮކްޓޯބަރު 2023 - 22:19 0

ޓިއުރިން (އޮކްޓޫބަރު 6) - މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ، ދެ ވަނަ ސާމްޕަލެއްގެ ގޮތުގައި ޓެސްޓްކުރިއިރު ވެސް ޕޮޒިޓިވްވެފައިވާތީ، ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އިޓާލިއަން ލީގުގައި މިދިޔަ މަހު 20 ވަނަ ދުވަހު ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އެ މެޗުގައި ނުކުޅުނު ނަމަވެސް ޕޮގްބާ، 30، ވަނީ ޑޯޕިން ޓެސްޓެއް ކޮށްފަ އެވެ. އެ ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެެވެ.

މިދިޔަ މަހު، ނާޑޯ އިން ނިންމީ ޕޮގްބާގެ ފުރަތަމަ ޓެސްޓްގެ އިތުރު ކަންކަން ބެލުމަށް ފަހު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރިޕޯޓެއް ހުށަހެޅުމަށެވެ. އެއީ އިތުރު ސާމްޕަލެއް ޓެސްޓްކޮށް، އޭގެ ތަފްސީލާ އެކު، ފެޑެރޭޝަނަށް ތަފްސީލީ ހޯދުންތައް ދިނުމުގެ ގޮތުންނެވެ.

އެ ގޮތުން، އިއްޔެ ޓެސްޓްކުރި ޕޮގްބާގެ ސާމްޕަލް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މިއާ އެކު، ޕޮގްބާ އަށް ބޮޑު ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މި ވަގުތު އަމަލުކުރަމުން އަންނަ އެންޓި ޑޯޕިން އުސޫލުތަކާއި ގަވާއިދުގައި ހިމަނާފައިވާ ގޮތުން ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު، ސަސްޕެންޝަނާ ގުޅޭ ކަންކަން ފައިނަލްކުރާނީ ޕޮގްބާގެ ރިޕޯޓްގެ ކަންކަން ރަނގަޅަށް ދިރާސާކޮށް، ދިފާއުގައި ވާހަކަ ދައްކަން އެޕީލް ފުރުސަތެއް ދީފަ އެވެ.

ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޕޮގްބާ އަލުން ކުރިން ކުޅުނު ކްލަބް، ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ މަނާބޭސް ބޭނުންކުރީ އަނިޔާއިން ރަނގަޅުވާ މިންވަރު އަވަސްކޮށް، ފިޓްވެ، ކުރީގެ މޮޅު ކުޅުން ދައްކަން ބޭނުންވާތީ އެވެ. އެއީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ކަމެއް ޕޮގްބާ އަށް ނޭނގޭ ކަމަށް ވެސް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަނިޔާގެ މައްސަލަތަކުގެ އިތުރުން މިިދިޔަ ދެތިން އަހަރު ދަނޑުބޭރުން އެކި މައްސަލަތަކުގައި ޕޮގްބާ އަށް މީޑިއާގެ ސަމާލުކަން ހުއްޓިގެންދިޔަ އެވެ. އޭގެ ތެރޭގައި އާއިލާ ތެރޭގައި ހިނގި ކަމެއްގެ ބްލެކްމެއިލް މައްސަަލައެއްގެ އިތުރުން، ޕޮގްބާގެ ކެރިއަރަށް ހާއްސަކޮށް ނެރުނު ޑޮކިއުމެންޓަރީ، "ޕޮގްމެންޓަރީ" ގައި ދައްކާފައިވާ ވާހަކަތަކެއްގެ މައްސަލަަަތަކެއް ވެސް ހޫނުވި އެވެ.