Advertisement

ހާލަތު ބަދަލުނުވާނަމަ ޗެލްސީން ޕޮޗެޓީނޯ ވަކިކުރަނީ: ރިޕޯޓް

26 ސެޕްޓެންބަރު 2023 - 11:32 0


ހާލަތު ބަދަލުނުވާނަމަ ޗެލްސީން ޕޮޗެޓީނޯ ވަކިކުރަނީ: ރިޕޯޓް

26 ސެޕްޓެންބަރު 2023 - 11:32 0

ލަންޑަން (ސެޕްޓެމްބަރު 26) - ޗެލްސީ އަށް މެޗުތަކުން ނަތީޖާ ނުނެރެވި އެ ޓީމުގެ ހާލަތު ބަދަލުނުކުރެވޭނަމަ ކޯޗުގެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރަން އެ ކްލަބްގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޕޮޗެޓީނޯ، ޗެލްސީއާ ހަވާލުވުމަށް ފަހު މިހާތަނަށް ކުރެވުނު މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނެރެވިފައިނުވެ އެވެ. ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޗެލްސީ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނިޔާގެ މައްސަލަތައް ޗެލްސީ އަށް ދިމާވެފައިވީ ނަމަވެސް ޕޮޗެޓީނޯ އަށް ނަތީޖާ ނެރެވޭ ވަރުގެ ސްކޮޑެއް މި ވަގުތު ވެސް ފިޓްކޮށް ތިބި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޗެލްސީ ހިންގުމާ އެމެރިކާ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން، އެ ޓީމުން ޓީމު ވަރުގަދަ ކުރަން އެއް ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އެ ޓީމު މި ވަގުތު އޮތީ ލީގުގެ 14 ވަނައިގަ އެވެ.

ޗެލްސީން ޕޮޗެޓީނޯ ވަކިކުރަން ނިންމާނަމަ އެ ޓީމުން ދެން ފާރަލާނެ ކޯޗުންގެ ތެރޭގައި ތިބި ކަމަށް ރިޕޯޓްތައް ބުނަނީ ވުލްވްސްގެ ކޯޗަކަށް މިދިޔަ ސީޒަނުގައި ހުރި ހުލެން ލޮޕެޓެގީ އާއި ޖަރުމަނު ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ދާދި ފަހުން ވަކިކުރި ބަޔާންގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ. މީގެ ތެރެއިން ލޮޕެޓެގީ ވަނީ ދާދި ފަހުން ލީގުގައި ޗެލްސީ އަތުން އެސްޓަން ވިލާ 1-0 އިން މޮޅުވި މެޗު ބަލަން ދަނޑަށް ވެސް ގޮސްފަ އެވެ.

ޕޮޗެޓީނޯގެ ވިސްނުންތަކާ މެދު ހިތްހަމަނުޖެހޭތީ ޗެލްސީގެ ކޯޗިން ސްޓާފުންގެ ތެރޭގައި މަސައްކަތްކުރަމުން އައި ބްރޫނޯ ސަލްޓޯ ވަކީ މަގާމު ދޫކޮށްލައިފަ އެވެ. ބްރޫނޯ އަކީ މިދިޔަ އަހަރު ޗެލްސީން ބްރައިޓަންގައި ހުރި ކޯޗު ގްރަހަމް ޕޮޓާ އާއި އޭނާގެ ކޯޗިން ސްޓާފުން 30 މިލިއަން ޑޮލަރު ދައްކާފައި ގެނައިއިރު، ޗެލްސީއާ ކުޅުނު ޕޮޓާގެ އެސިސްޓަންޓް އެކެވެ.

ޗެލްސީން ޕޮޗެޓީނޯއާ ޓީމު ހަވާލުކުރިއިރު، އޭނާގެ ކޯޗިން ޓީމު ގެނައި ނަމަވެސް ނިންމީ ސަލްޓޯ ވެސް އެކުގައި މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު، ސަލްޓޯ ވަނީ މިހާރު ޗެލްސީ ދޫކޮށްލައިފަ އެވެ. ސަލްޓޯ ވަނީ ޕޮޓާ، ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން އެ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުލައިފަ އެވެ.