Advertisement

ބޭކާރު ކާޑު ހޯދާތީ ޖެކްސަން އަށް ޕޮޗެޓީނޯ ނަސޭހަތްދީފި

23 ސެޕްޓެންބަރު 2023 - 10:00 0


ބޭކާރު ކާޑު ހޯދާތީ ޖެކްސަން އަށް ޕޮޗެޓީނޯ ނަސޭހަތްދީފި

23 ސެޕްޓެންބަރު 2023 - 10:00 0

ލަންޑަން (ސެޕްޓެމްބަރު 23) - ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް ނިކޮލަސް ޖެކްސަން ބޭކާރު ކާޑު ހޯދާތީ އެކަމާ ހިތްހަމަނުޖެހިގެން އޭނާ އަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނަސޭހަތްދީފި އެވެ.

ސްޕެއިންގެ ވިޔަރެއާލް އިން ޗެލްސީ އަށް މި ސީޒަންގައި ބަދަލުވި ފޯވާޑް ޖެކްސަން މިހާތަނަށް ޗެލްސީއަށް ކުޅުނީ ފަސް މެޗެވެ. މި ފަސް މެޗުގައި އޭނާ އަށް ހަތަރު ރީނދޫ ކާޑު ދައްކާފައިވެ އެވެ. ހުރިހާ ކާޑަކީވެސް ރެފްރީންގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީންނާ ޒުވާބުކުރުމުން އޭނާ އަށް ދައްކާފައިވާ ކާޑުތަކެކެވެ.

އެ ކަމާ ގުޅޭގޮތުން ޕޮޗެޓީނޯ ބުނީ، ޓީމުގެ ފޯވާޑް ބޭކާރު ކާޑުތަކެއް ހޯދުމަކީ ޓީމް ޕްރެޝަރަށްދާނެ ކަމެއް ކަމަށާއި، ސީޒަންގެ ކުރީކޮޅު މިހާ ކާޑު ގިނަވުމަކީ މައްސަލައެއް ކަމަށެވެ. އެހެންކަމުން، މިކަން ރަނގަޅުކުރުމަށް ޖެކްސަން އަށް ނަސޭހަތްދީ އޭނާއާ ވާހަކަދައްކާފައިވާނެ ކަމަށް ޕޮޗެޓީނޯ ބުނެފައިވެ އެވެ.

ބޯންމައުތާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގެ ތެރެއިން ޖެކްސަން (ވ) ރެފްެރީ ކޫޓޭގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަނީ.


ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ޕްރިމިއާ ލީގުގައި އިރުޝާދުދިން ޕޮޗެޓީނޯ ބުނީ އާ ލީގަކަށް އައިސް ޒުވާން ކުޅުންތެރިން ކުޅޭއިރު މި ކަހަލަ ކަންކަން ފެނުމަކީ އެކަށީގެންވާކަމެއް ކަމަށާއި، ހަމަޖެހިލައިގެން ރުޅިމަޑުކޮށްގެން ކުޅެން ޖެކްސަން އަށް އިރުޝާދުދީފައިވާނެ ކަމަށެވެ.

ޖެކްސަންގެ އިތުރުން މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒްއާ ވެސް ޕޮޗެޓީނޯ ވަނީ ޕްރެކްޓިސްގެ ބޭރުން ވަކިން ބައްދަލުކޮށްފަ އެވެ. އެންޒޯއާ ވެސް ބައްދަލުކުރީ އޭނާ ރެފްރީންގެ ނިންމުންތަކަށް މާ ގިނައިން ހިތްހަމަނުޖެހުން ފާޅުކުރާތީ އެކަން ރަނގަޅުކުރުމަށް ކަމަށް ޕޮޗެޓިނޯގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރަށް ބަލާއިރު ބޮޑު ހޭދައެއް ކުރި ނަމަވެސް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ ކުލަބުގެ ސަޕޯޓަރުންގެ ފާޑުކިޔުން އަންނީ ޕޮޗެޓީނޯ އަށް އަމާޒުވަމުންނެވެ. އޭނާ ބުނީ އާ ގިނަ ކުޅުންތެރިންތަކަކާ އެކު އާ ޓީމެއް ބިނާކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. ސަޕޯޓަރުންގެ މާޔޫސްކަން އޭނާ ގަބޫލުކުރާ ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅުކުރާނެ ކަމަށް ވެސް ޕޮޗެޓީނޯ ބުނެފައިވެ އެވެ.

މިހާތަނަށް ޗެލްސީ މި ސީޒަންގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެ ޓީމަށް ކުރިއަށް އޮތީ ލީގުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އެސްޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.