Advertisement

ލާމުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދަން މުއިއްޒު ވައުދުވެއްޖެ

2 ސެޕްޓެންބަރު 2023 - 00:08 0

ނިމާ ހަސަން

ނިމާ ހަސަން

ރިޔާސީ ކެމްޕޭނަށް މުއިއްޒު ލ. ފޮނަދޫގައި; އެ އަތޮޅަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި -- ފޮޓޯ: ޕީޕީއެމް


ލާމުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދަން މުއިއްޒު ވައުދުވެއްޖެ

2 ސެޕްޓެންބަރު 2023 - 00:08 0

ލާމު އަތޮޅު ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމު ކުރުމާއެކު, އެރަށާ ފޮނަދުއާ ދެމެދު ހިއްކައިގެން ރިސޯޓެއް ހަދަން ކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޕީޕީއެމް/ޕީއެެންސީން ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދުއާއި ލާމު އަތޮޅު ދޭތެރޭގައި އޮތް ކަނޑަކީ ވަން އެންޑް ހާފް ޑިގްރީ ޗެނަލް ކަމަށްވާތީ ސައުތް އޯސްޓް އެފްރިކާއިން އޭޝިއާ ބައްރަށް ދެކޮޅަށް ދުއްވާ އާގު ބޯޓުތައް އެ ސަރަހައްދުން ދަތުރު ކުރާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން ބޭނުންވާނަމަ, އެ ސަރަހައްދުގައި މަޝްރޫއެއް ހިންގަން ޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވަނީ ލާމު އަތޮޅުގައި އޮތް ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރަން ވައުދުވެވަޑައިގެންފަ އެވެ.

"ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން. ފޮނަދުއާއި ގާދޫއާ ދޭތެރޭ އޮތް ޖާގައިގައި ހިއްކައިގެން ރިސޯޓެއް ގާއިމް ކޮށްދޭނަން. އަދި މިރަށާއި ރިސޯޓާއި, ރިސޯޓާއި ގާދޫއާއި އެއްގަމު ކޯޒްވޭއަކުން ގުޅާލާނަން." މުއިއްޒު ވިދާޅުވި އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމަށްފަހު އެ ރަށާއި ފޮނަދުއާ ދެމެދު ރިސޯޓެއް ހެދުމުގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސޯދު ކުރިއަރައިގެން ގޮސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނަށް މުއިއްޒު ލާމަށް ވަޑައިގަތުން; އެ އަތޮޅަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި -- ފޮޓޯ: ޕީޕީއެމް


ފޮނަދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނަ ވެރިކަމަށް ކުރިމަތިލަނީ ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީއަށް ކަމަށްވިޔަސް ހިދުމަތް ދެނީ ދިވެހި ރައްޔިތުންނަށް ކަމަށާއި, ހިދުމަތް ދިނުމުގައި ގައިގައި ހުރި ކުލައަކަށް އަދި ޕާޓީއަކަށް ނުބަލާނެ ކަމަށެވެ.

އެހެން ނަމަވެސް ދެމެހެއްޓެނިވި ތަރައްގީއެއް ދޭން ވިސްނާއިރު, ކޮންމެ ރަށަކަށް ހުރިހާ ކަމެއް ކޮށްދޭން ތާވަލު ކުރިއަސް ދުރު ރާސްތާގައި އެންމެ އެދެވޭ ތަރައްގީއެއް އަންނަނާނީ އާބާދީއާއި ތަރައްގީ އެއްފަސް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ލ.އަތޮޅަށް އެގޮތުން ގެންގުޅުއްވާ ތަސައްވަރު މުއިއްޒު މިރޭ ހާމަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ލާމު އަތޮޅަކީ, އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ އުއްމީދު ވަރަށް ބޮޑަށް އޮތް އަތޮޅެކެވެ.

އާބާދީއާއި ތަރައްގީ އެއްފަސް ކުރުމަށް ކުރަން ޖެހޭ ކަމަކީ މުއިއްޒު ވިދާޅުވި ގޮތުގައި ފޮނަދޫގައި ބިން ހިއްކުމެވެ. އަދި ހިއްކި ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

"ފޮނަދޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނަން. އެ މަޝްރޫއު ވެގެންދާނީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ބޭނުމުގައި އެކަމަށް މަގުފަހި ކުރުމަށްޓަކައި އަދި އިގްތިސޯދީ ނަފާ މި އަތޮޅާއި މި ރަށަށް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއަކަށް." މުއިއްޒު ވިދާޅުވި އެވެ.

އެއް ފަސްކޮށް, ލާމު ތަރައްގީ ކުރުމަށްޓަކައި ހިންގާ ގެދޮރުވެރިކަމުގެ ސޯޝަލް ހައުސިން މަޝްރޫއުގައި ހިމަނަން މުއިއްޒު ވިދާޅުވީ ފޮނަދުއާއި, ލާމު އަތޮޅުގެ ރައްޔިތުންގެ އިތުރުން ކުދި ރަށްތަކުން ހިޖުރަ ކުރަން ބޭނުންވާ ރައްޔިތުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކައިރި އަތޮޅުތަކުގެ މުވައްޒަފުންނަށް ވެސް ބައި އެޅޭ ގޮތަށެވެ.

"ލާމުގައި އަޅާ ހައުސިން މަޝްރޫއުގައި ވެސް ރަށާއި, އަތޮޅާއި ކުދި ރަށްތަކުގެ ރައްޔިތުންނަށް ކިޔާ މަރުހަބާގެ އިތުރަށް ވަކި އަދަދެއް ކަނޑައެޅޭނެ މި އަތޮޅާއި, ކައިރި އަތޮޅުތަކުގައި މަސައްކަތް ކުރާ ރިސޯޓު މުވައްޒަފުންނަށް." މުއިއްޒު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި ލާމު އަތޮޅުގައި ހިންގަން މުއިއްޒު ދެން ވައުދުވެވަޑައިގެންނެވީ, ފޮނަދޫގައި ޔުނިވާސިޓީއެއް ގާއިމުކޮށް, އެތަނުގެ ތެރޭގައި ލޭންގުއޭޖް ސްކޫލެއް ގާއިމް ކުރުމެވެ. މުއިއްޒު ވިދާޅުވީ އެ ލޭންގުއޭޖު ސްކޫލުން ކިޔަވަން ވެސް މީހުން ލާމަށް ހިޖުރަ ކުރާނެ ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ހިންގާ ގައުމަކަށް ވާތީ, ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މުހިންމު ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮނަދޫގެ އިގްތިސޯދީ ތަރައްގީއަށްޓަކައި, މުއިއްޒު ވަނީ ފޮނަދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެއް ފުރާޅެއްގެ ދަށުން ހިދުމަތްތައް ލިބޭނެހެން އޮފީސް ކޮމްޕްލެކްސްއެއް ހެދުމަށާއި, ކޮންވެންޝަން ސެންޓަރެއް ހެދުމުގެ އިތުރުން ގަމުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި, ބަރެސްދޫގައި ފަތުރުވެރިކަން ހިންގުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ލާމު ބޮޑު މަގުން ތަރައްގީ ގެންނަކަން އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ގަމާއި ފޮނަދޫގައި ހުރި ހުރިހާ މަގެއްގައި ތާރު އަޅައި, ރަނަގޅު ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ. އަދި ގަން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކުރުމާއި ކައްދޫ އެއާޕޯޓު ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމާއެކު ލާމު އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ސަރަހައްދެއް ދިރާސާކޮށް ބެލުމަށްފަހު އެކަން ކުރައްވަން ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

މުއިއްޒު ވަނީ ކުޅިމެންދޫގައި ހޮޓެލް ސްކޫލެއް ގާއިމް ކުރުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލު ވެގެންދާނީ ވަޒީފާގައި ތިބެގެން 'އޮން ދަ ޖޮބް ޓްރެއިނިން' ލިބޭ ތަނަކަށް ކަމަށާއި, އެތަން ހާއްސަ ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާ ކުރުމަށް ކަމަށެވެ.