Advertisement

އާބަން ފާމިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެއިން ދަނޑު ހައްދާ ޖާގަ ކުއްޔަށްދޭން ހުޅުވާލައިފި

30 އޮގަސްޓު 2023 - 12:51 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އާބަން ފާމިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެއިން ދަނޑު ހައްދާ ޖާގަ ކުއްޔަށްދޭން ހުޅުވާލައިފި

30 އޮގަސްޓު 2023 - 12:51 0

ކޮމިއުނިޓީ އާބަން ފާމިން ޕްރޮޖެކްޓުގެ ދެ ވަނަ ބުރުގައި ހުޅުމާލެއިން ދަނޑު ހެއްދުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އާބަންކޯއިން މިއަދު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ އާބަން ފާމިން ޕްރޮޖެކްޓަކީ މުޖުތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ މަގުސަދަކީ އެ މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓުގެ ދެ ވަނަ ބުރުން ބިން ހޯދަން އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 673.28 އަކަފޫޓުގެ 12 ލޮޓް ކުއްޔަށް ދޭން ވަނީ ހަމަޖެހިފަ އެވެ. މި ލޮޓްތައް ދޭނީ ފަސް އަަހަރުގެ މުއްދަތަކަށެވެ.

އެ ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އެމީހަކީ އާބަން ފާމިންގެ އެހެން ޔުނިޓެެއް މީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެ އެވެ.

އާބަންކޯ އިން ބުނީ އެ ޕްރޮޖެކްޓު ހިންގާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ކަމަށެވެ.

އެގޮތުން ފުރަތަމަ ކެޓަގަރީ ފަރުމާކޮށްފައިވަނީ އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50 ޕަސެންޓް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

ދެ ވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25 ޕަސެންޓް ވަނީ ހާއްސަކޮށްފަ އެވެ.

ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށްވެސް ހާއްސަކޮށްފައިވަނީ 25 ޕަސެންޓެވެ.

އާބަންކޯ އިން ބުނީ މި ޔުނިޓްތަކުން ތަފާތު ހިދުމަތްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ކޮމިއުނިޓީ އާބަން ފާމިން އަށް ޝައުގުވެރިވާ ފަރާތްތަކުން 28 ސެޕްޓެމްބަރު 2023 ގެ ކުރިން އެކަމަށް ބޭނުންވާ ފޯމު ފުރައި އާބަންކޯ ހެޑްއޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.