Advertisement

ޕޮޗެޓީނޯއާ އެކު ޗެލްސީ އަށް ލީގުގައި ފުރަތަމަ މޮޅު

26 އޮގަސްޓު 2023 - 13:56 0


ޕޮޗެޓީނޯއާ އެކު ޗެލްސީ އަށް ލީގުގައި ފުރަތަމަ މޮޅު

26 އޮގަސްޓު 2023 - 13:56 0

ލަންޑަން (އޮގަސްޓް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުންގެ މައްޗަށް 3-0 އިން ކުރިހޯދައި ޗެލްސީން އެ ޓީމުގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު، އަމިއްލަ ދަނޑުގައި ލިވަޕޫލާ ވަނީ އެއްވަރުވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ވަނީ ބަލިވެފަ އެވެ. އެހެންކަމުން، އަލަށް ޕްރޮމޯޓްވި ލޫޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު، ޗެލްސީ އަށް އޮތީ މޮޅުވާން ޕްރެޝަރު ބޮޑުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން ދެ ގޯލާއި އަލަށް މި ފަހަރު ޗެލްސީ އަށް ގެނައި ފޯވާޑް، ނިކޮލަސް ޖެކްސަން އެވެ. މިއީ ވިޔަރެއާލް ދޫކޮށް ޗެލްސީ އަށް ބަދަލުވި ޖެކްސަން އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ވަނީ ރޭގެ މެޗުގައި ލަނޑު ޖެހި ޗެލްސީގެ ސްޓާލިން އާއި ޖެކްސަން އަށް ތައުރީފުކޮށްފަ އެވެ. އަދި މަޑުމަޑުން ޗެލްސީގައި އޭނާ ކުރަން ބޭނުންވާ މަަސައްކަތް ރަނގަޅު މަގުން ކުރިއަށްދާ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޗެލްސީގެ ފުރަތަމަ ޓީމުގެ ނުވަ ކުޅުންތެރިއަކު މި ވަގުތު އަނިޔާގައި ހުރިއިރު، އެކަމަށް އިޝާރާތްކޮށް ޕޮޗެޓީނޯ ބުނީ އަސްލު ލެވަލްގައި ޗެލްސީ އަށް ކުޅެެވޭނީ އަނިޔާގައި ތިބި ކުޅުންތެރިންގެ ބައިވެރިވުމާ ވެސް އެކުގައި ކަމަށެވެ.

ފުރަތަމަ މޮޅާ އެކު، ޓީމުގެ ގިނަ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.