Advertisement

އުޅަނދުތަކުން ބަރާވެފައި އޮތް މާލެއަށް ހައްލެއް ނުދައްކައި ކައުންސިލް ބަހަނާގައި!

27 އޮގަސްޓު 2023 - 12:45 9

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީ ވެހިކަލުން ބަރާވެފައިވާ މަންޒަރު. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އެއް ސިޓީ --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


އުޅަނދުތަކުން ބަރާވެފައި އޮތް މާލެއަށް ހައްލެއް ނުދައްކައި ކައުންސިލް ބަހަނާގައި!

27 އޮގަސްޓު 2023 - 12:45 9

އެއް ލައްކަ ފަންސާސް ހާހެއްހާ މީހުން ދިރިއުޅެމުންދާ އަށް އަކަ ކިލޯމީޓަރުގެ މާލެއަށް ދިމާވެފައިވާ މައްސަލަތައް ގިނަ އެވެ. އެ ކަންކަމަށް ހައްލު ހޯދައިދޭން ސަރުކާރުންނާއި މާލެ ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރާކަމަށް އަބަދުވެސް ބުނެ އެވެ.

މާލެއަށް ދިމާވެފައިވާ އެތަކެއް ސަތޭކަ މައްސަލައިގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މާލޭގެ ޓްރެފިކުގެ މައްސަލަ އެވެ. ކުދި، ހަނި މަގުތަކުގައި އެތަކެއް ހާސް އުޅަނދުތައް ދުއްވާ، އެ މީހަކު ދާން ޖެހޭ ތަނަކަށް ދިއުމަށް ކޮންމެ ދުވަހަކު އުފުލާ ތަކުލީފެވެ.

މި ސަރުކާރުން 2021 ގައި ބުނި ގޮތުން މާލޭގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 10،000 ވެހިކަލް ގެންގުޅެ އެވެ. ހިފެހެއްޓުމެއްނެތި އެތެރެކުރަމުންދާ ވެހިކަލްތައް އަހަރެއްގެ މައްޗަށް އިތުރުވާ ރޭޓު ހުރީ 7،953 ގަ އެވެ. މި އަދަދުތަކުން ދައްކާގޮތުންނަމަ، މިވަތު މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ދުއްވާނެ އެވެ.

ސޯސަން މަގުން ވެހިކަލްތަކެއް ދުއްވާފައި ދަނީ. ވެހިކަލްތައް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އުޅަނދުގެ އަދަދު ލިމިޓުކުރުމުގެ ބާރު އޮތީ ސިޓީ ކައުންސިލަށް

މާލޭގައި ދުއްވޭ އަދި މާލެއަށް އެތެރެކުރެވޭ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމުގެ ބާރު ގާނޫނުން ދީފައި އޮތީ މާލެ ސިޓީ ކައުންސިލަށެވެ. ދެހާސް އެކާވީސް ވަނަ އަހަރު މިހާރު އޮތް ކައުންސިލް ހޮވި، މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން އާންމުންގެ ހިޔާލު ހޯދަން އެ އަހަރުގެ އޮގަސްޓު 10 ގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ފާހަގަވެސް ކުރައްވާފަ އެވެ.

އޭރު މުއިއްޒު ވިދާޅުވީ ކައުންސިލުން އެދުނު ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު އަންގާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިތަނުގައި ހުރީ އަދި ދުއްވަނީ ކިތައް ވެހިކަލް ކަމެއް ރަސްމީކޮށް ނޭނގި ލިމިޓް ކަނޑައެޅުން އެހާ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ, ނަމަވެސް ކައުންސިލްގެ ވިސްނުމަކީ މާލަސްތަކެއް ނުވެ މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުން." މުއިއްޒު ވިދާޅުވި އެވެ.

ގާނޫނުން ލާޒިމްކުރި ހަ މަސްދުވަހުގެ މުއްދަތު ހަމަވިއިރުވެސް، ކައުންސިލަށް އެކަން ނުކުރެވުނެވެ. އޭގެ މަސްތަކެއް ކުރިން 2021 ގެ ފެބްރުއަރީގައި މުއިއްޒު ވަނީ އެ މަސައްކަތް ފަސް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.

ދަރުބާރުގެ ކައިރީގައި ގާއިމުކޮށްފައިވާ ޕާކިން ޒޯން. މާލޭގެ މަގުތަކުން ވެސް ޕާކު ކުރާނެ ޖާގަ ވަނީ ވިއްކާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"އެ ގަވާއިދު އޮންނަނީ އެހެން، ހަ މަސް ތެރޭގައި ޖެހޭ ކަނޑައަޅަން، އެކަމަކު އިއުލާނުކޮށްގެން އެކްސްޕާޓެއް ނުލިބުނީމާ އަޅުގަނޑުމެން ކިހިނެއްތޯ ހަދަނީ، އަޅުގަނޑުމެން އަމިއްލައަކަށް ނުނިންމޭނެ ނޫންތޯ،" ކުރިން ވިދާޅުވި ގޮތަށް ފަސް މަސް ނިމި ހަ މަސްދުވަހުންވެސް މި މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯ "އަދަދު" އިން ސުވާލުކުރުމުން ސެޕްޓެމްބަރު 30، 2022 ގައި މުއިއްޒު ވިދާޅުވި އެވެ.

މި ރިޕޯޓަށް މުއިއްޒުގެ ބަހެއް ހޯދުމަށް ގުޅާލުމުން ދެއްވީ ކުރު ޖަވާބެކެވެ. މިހާރު ރިޔާސީ ރޭހަށް ހުންނަވާ ކެމްޕޭނުގެ މެދެތެރެއިން އޭނާ ފޯނު މެދުވެރިކޮށް "އަދަދު" އަށް ދެއްވީ މީގެ އަހަރެއްހާ ދުވަސްކުރިން ދެއްވި ޖަވާބެވެ.

"އަޅުގަނޑުމެން އަލުންވެސް އިއުލާންކުރިން، ކޮށްގެންވެސް މީހަކު [އެކްސްޕާޓަކު] ހަމަ ގައިމުވެސް ނުލިބޭ، އެއީ އެކަން ގޮސްފަ އޮތް ހިސާބަކީ"

އާންމުންގެ ގިނަ ޝަކުވާތަކެއް

މާލޭގެ މަގުތައް ތޮއްޖެހުމުގެ އެންމެ ބޮޑު އުނދަގުލެއް ދިމާވާނީ އާންމު ރައްޔިތުމީހާއަށް ކަމާމެދު ޝައްކެތް ނެތެވެ. ހަތަރު ފުރޮޅު ނުވަތަ ދެ ފުރޮޅުލީ އުޅަނދުތަކަށްވެސް މާލޭގެ މަގުތައް މިހާރު ވެފައިވަނީ އުދާހަކަށެވެ.

ނަތީޖާއަކީ ގިނަ ބަޔަކު ބަރޯސާވާ ޓެކްސީތައްވެސް މިހާރު މާލޭގެ އެތެރޭ މަގުތަކުގައި ދަތުރުކުރަން ދެކޮޅު ހެދުމެވެ. މާލޭގެ އެއްތަނުން އަނެއްތަނަށް ދިޔުމަށް ކާރު ޓެކްސީއެއް ގިނަފަހަރު ނުލިބުމެވެ.

"މިހެން ދެއްތޯ ވާނީ، އެއްވެސް މިންގަނޑެއްނެތި އެތެރެކުރަނީ، މިހާރު އަޅުގަނޑުމެން ކަހަލަ ޓެކްސީ ނަގައިގެން ދަތުރުކުރި މީހުން އެބަ ތިބެންޖެހޭ ގަޑި ދެގަޑިއިރު ކާރެއް ނުލިބިގެން، ޓްރެފިކާ ހެދި އެމީހުން [ޓެކްސީ ޑްރައިވަރުން] މިހާރު މި ހިސާބަށް ނާދޭ" މާވެޔޮ މަގުގައި ދިރިއުޅެމުންދާ ފާތިމަތު ހަސަން، 45، ބުންޏެވެ.

މިއީ ހަމައެކަނި އޭނާގެ ޝަކުވާއެއް ނޫނެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރަމުންދިޔައިރު ދިމާވި ގިނަ މީހުން ވަނީ މާލޭގައި 'ހަމައެއް' 'އުސޫލެއް' ނެތި އުޅަނދުތައް ދުއްވުމާއި އެތެރެކުރުމުގެ ސަބަބުން ދިމާވަމުންދާ ދަތިތައް ހިއްސާކޮށްފަ އެވެ.

މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރެއް ވާހަކަދައްކަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މި މަސައްކަތުގެ ތެރެއިން މާލޭ މޭޔަރު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ދިޔައިމެވެ. ޓެކްސީ ޑްރައިވަރުންގެ ގިނަ ޝަކުވާތައްވެސް ގުޅިފައިހުރީ މާލޭގެ ޓްރެފިކާއި އުޅަނދު ގިނަވުން އަދި ޕާކު ކުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށެވެ.

"ކުރިން ދުވާލު މަސައްކަތް ކޮށްފަ ރޭގަނޑު ނިދަން ދާން ޕާކު ކުރަން އޮވޭ ތަންތަން، އެކަމު މިހާރު ނުލިބޭ، ސަބަބަކަށްވަނީ ބައެއް ސްލޮޓުތައް ހުންނަނީ ނަމްބަރު ޖަހާފަ ބަހައްޓާފަ، އެއީ އެންމެ ރަނގަޅު ގޮތެއް ކަމަކަމަށް އަޅުގަނޑު ނުދެކެން" ސިޓީ ކައުންސިލުން މާލޭގެ ގިނަ ސަރަހައްދުތަކަކުން ދޫކޮށްފައިވާ ޕާކިން ސްލޮޓުތަކަށް ފާޑުކިޔަމުން އެކަކު ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އުޅަނދުތައް މިހާ ގިނަވެފައިވާއިރު ސިޓީ ކައުންސިލުން އެފަދައިން އަމަލުކުރުމަކީ ލިބޭ އިތުރު ބުރައެކެވެ. މީގެ އިތުރުން، ޖާގައިގެ ދަތިކަން ދިމާވެފައިވާ މާލޭގެ މަގުތަކުގައި 'މިސްކިތަށް އެރުމަށް' ޕާކު ކޮށްލާއިރަށްވެސް ސްޓިކާ ޖަހަމުންދާ ކަމުގެ ޝަކުވާވެސް ދެތިން ޑްރައިވަރަކު ކުރި އެވެ.

"މިހާރު ވަރަށް ބާރުބޮޑު މަގުމަތީގަ، ގިނަ ވެހިކަލްތައް ހުރުމާވެސް އެކު، ޕީޕީއެމް ސަރުކާރުގަ ކުރި ކަމެއް އެއީ ވަކި ވަގުތުތަކެއްގަ މުދާ އުފުލުން"

މިއީވެސް ޑްރައިވަރެއްގެ ޝަކުވާއެކެވެ. އޭނާ ބުނި ގޮތުގައި މުދާ އުފުލާ ބޮޑެތި އުޅަނދުތަކަށް ވަކި ވަގުތުތަކެއް ކަނޑައެޅެން ޖެހެ އެވެ.

"މަޖީދީ މަގުގަ އޮވެދާނެ ޕާކުކޮށްލާފަ، ދެ ފަޅީގަވެސް ބޮޑަތި ޕިކަޕުތައް ލޯޑުކޮށް އަންލޯޑުކުރަން، ވަރަށް އުނދަގޫވޭ

ސިޓީ ކައުންސިލާއި، މިނިސްޓްރީގެ ޝަކުވާއަކީވެސް 'އެއްބާރުލުން ނުލިބުން'

މި މައްސަލަ ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު މިނިސްޓްރީންވެސް ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނަމުންނެވެ.

"ވަރަށް ގިނަ ފަހަރު ބައްދަލުވެއްޖެ، ސީދާ މިނިސްޓަރުވެސް ބައްދަލުކުރެއްވި، އެބޭފުޅުން[ސިޓީ ކައުންސިލް] ގެ އެއްބާރުލުން ނުލިބިގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލު ނުވެފަ ވަނީ" ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "އަދަދު" އަށް ވިދާޅުވި އެވެ.

ކުޑަކުދިންގެ ބަގީޗާ ކުރިމަތިން ވިއްކާފައިވާ ކާރު ޕާކިން ސްލޮޓުތައް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ. ތަފުސީލު ހޯދުމަށް އޭނާއަށް އަދި މިނިސްޓަރު އައިޝަތު ނަހުލާއަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ލިބޭގޮތް ވަނީ ނުވެފަ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެތެރެކުރި އުޅަނދުތަކުގެ އަދަދު އަދި ތަފުސީލު ހޯދުމަށް "އަދަދު" ގެ ނޫސްވެރިޔަކު އެދުމުންވެސް އެ މިނިސްޓްރީން މިހާތަނަށް އެ މައުލޫމާތު ދީފައެއް ނުވެ އެވެ. އައިކޮމްގެ އަޑުއެހުމުގައި ސަބަބެއްގެ ގޮތުގައި ދެއްކީ އެކަމާ ބެހޭ މުވައްޒަފު ޗުއްޓީގައި ހުރުމެވެ.

މި މައްސަލާގައި ސިޓީ ކައުންސިލުގެ ތުހުމަތުގެ އިނގިލި ރައްދުވަނީ މިނިސްޓްރީއަށެވެ.

"ލޭންޑުޔޫސް ޕްލޭން ފާހެއް ނުކޮށްދޭ، ޕާކިން އިމާރާތްތައް އަޅަން ހުއްދައެއް ސަރުކާރަކުން ނުދިން، ވަރަށް މަސައްކަތް ކުރެވިއްޖެ، ގާތްގަނޑަކަށް އަށެއްކަ ފަހަރު ބައްދަލު ކުރެވިއްޖެ، ދެ އަހަރާ ބައިވާއިރު ވަރަށް މަސައްކަތް ކުރެވިފަތާ ހުންނާނީ"

އިއްޔެ ޑްރައިވަރުންނާ ބައްދަލުކޮށް މުއިއްޒު ވަނީ ޓްރެފިކް މައްސަލަތަކުގެ ހައްލު ހޯދަން ކައުންސިލުން ކުރި މަސައްކަތަކަށް ހުރަސް އެޅީ ސަރުކާރުން ކަމަށެވެ. ނަމަވެސް ވެހިކަލް ލިމިޓުކުރުމުގެ ވާހަކައެއް ނުދައްކަވަ އެވެ.

މުއިއްޒުގެ ވިސްނުން ހުރީ ވެހިކަލް މަދުނުކޮށް ޕާކިންގެ ހައްލުތަކެއް ހޯދައިދިނުމަށް

އިއްޔެ ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އަދި "އަދަދު" އަށް ދެއްވި ކުރު ކޮމެންޓުގައިވެސް މުއިއްޒުގެ ފޯކަސް ހުރީ އުޅަނދުތައް ލިމިޓުކުރުމަށްވުރެ ބޮޑަށް ޕާކިންގެ ހައްލުތަކަކަށެވެ.

މިހާރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވުމާއެކު ވެރިކަން ލިބިއްޖެނަމަ މާލޭގެ ޓްރެފިކު މައްސަލައަށް ހައްލު ގެނައުމަށް ކުރައްވާނެ ކަންކަމުގެ ގޮތުގައި މުއިއްޒު ބޮޑަށް ފާހަގަކުރެއްވީ ޕާކިން މައްސަލަތަކަށް ހޯދައިދޭނެ ހައްލަތަކެކެވެ.

ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާ މުއިއްޒު ވާހަކަދައްކަވަނީ : ވިދާޅުވީ މާލޭގެ ޓްރެފިކް ހައްލުކުރެވޭނީ ޕާކިންގެ ހައްލާއެކު ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"އަޅުގަނޑުމެން ސިޓީ ކައުންސިލުން ޕްލޭންކޮށްގެން އަޅަން އުޅުނު ޕާކިން ބިލްޑިންގުތައް، ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ނުވެފަ ހުރި ކަންކަން، މާލޭގެ ލޭންޑްޔޫސް ޕްލޭނުގައި ހިމެނިފައިވާ ގޮތަށް ޕާކިން ބިލްޑިންގުތަކެއް އަޅައިދޭނަން" މުއިއްޒު "އަދަދު" އަށް ވިދާޅުވި އެވެ.

އޭނާގެ ވިސްނުން ހުރީ މާލޭގެ ޕާކިން މައްސަލަތަކަށް ހައްލު ގެނައުމުން، ވެހިކަލް ލިމިޓު ނުކުރި ނަމަވެސް މާލޭގެ ޓްރެފިކު މައްސަލައަށް ހައްލު ގެނެވޭނެ ފަދައިންނެވެ.

"މި އިމާރާތް އަޅަން ބޭނުންވި ސަބަބަކީ ވެހިކަލްތައް ޕާކުކުރަން ޖާގަ ދިނުމަށް، މާލޭގަ ހަ ބިލްޑިން އެއް އަޅަން އަޅުގަނޑުމެން ވަނީ ނިންމާފަ، ހުއްދަ ނުލިބި އެކަން ނުނިމުނީމަ ވާގޮތަކީ މަގުމަތީގަ ޕާކުކުރަން މަޖުބޫރުވަނީ، އޭގެ ސަބަބުން ދެން ދިމާވާ ކަންކަން މި ދިމާވަނީ" ޓެކްސީ ޑްރައިވަރުންނާ މުހާތަބުކޮށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އިއްޔެ ވިދާޅުވި އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވި ނަމަވެސް، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމާއި، ކައުންސިލުން ހޯދަންޖެހޭ ހުއްދަތަކާ ގުޅޭގޮތުން، ގާނޫނުގައި އޮތީ ސާދާ ވާހަކައެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 107-2 ވަނަ މާއްދާގައި އޮންނަ ގޮތުން، ލޭންޑް ޔޫސް ޕްލޭންގެ ވަކި ކަމެއް ރަނގަޅުކުރުމަށް މިނިސްޓްރީން ނާންގައި އޮވެ، ތިން މަސް ދުވަސް ފާއިތު ވެއްޖެނަމަ އެ ލޭންޑްޔޫސް ޕްލޭން ފާސްވީކަމުގައި ބަލަންޖެހެ އެވެ. އެހެންވީމާ، ލޭންޑް ޔޫސް ޕްލޭންގައި މައްސަލައެއް ނެތި، ފާސްކޮށްނުދީ ހިފެހެއްޓިފައެއް ނޯންނާނެ އެވެ.

އެ ގާނޫނުގެ 131-2 ވަނަ މާއްދާގައި އޮންނަ ގޮތުން، ކައުންސިލަކުން ހުއްދައެއް ހޯދަން އެދުމުން އެ ހުއްދަ ނުލިބި 2 މަސް ވޭތުވެއްޖެނަމަ އެ ހުއްދަވެސް ލިބުނީ ކަމުގައި ބަލަންޖެހެ އެވެ. އެހެންވީމާ، ކައުންސިލަށް ގާނޫނުން ބާރުލިބޭ އެއްވެސް ކަމެއް ސަރުކާރުގެ ހުއްދައެއް ނުލިބިގެން ނުކުރެވި އޮތުމަކީ ގާނޫނު ތަސައްވުރު ކުރާ ގޮތެއް ނޫނެވެ. ހުއްދަ ނުލިބޭ ކަމަށް ބުނުމަކީ ހުއްޖަތެއްވެސް ނޫނެވެ.

ހަގީގަތަކީ މާލޭގައި ދުއްވޭ އަދި އެތެރެކުރެވޭ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ މުތުލަގު ބާރު އޮތީ ސިޓީ ކައުންސިލަށް ކަމެވެ. އެކަން ނުކުރެވި އޮތީ އެކަން ކުރުމުގެ ވިސްނުމެއް ސިޓީ ކައުންސިލުން ނުގެންގުޅޭތީ އެވެ. ހަގީގަތަކީ ކޮންމެ އަކަ ކިލޯމީޓަރެއްގައި 10،000 އުޅަނދު ދުއްވާ ދުއްވުން މަދުކުރަން ގާނޫނުން ލިބިދިން ބާރުގެ ބޭނުން މުއިއްޒު ނުކުރެއްވި ކަމެވެ. އޭގެ ބަދަލުގައި، މަގުގެ ދެފަރާތުން ވިއްކި ޕާކިންގތަކަކީ މައްސަލަ އިތުރަށް ބޮއްސުންލައިގެން ދާން މެދުވެރިވި ސަބަބުކަމެވެ.