Advertisement

އައިއޯއައިޖީގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް

21 އޮގަސްޓު 2023 - 08:16 0


އައިއޯއައިޖީގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި ފާއީ އަށް

21 އޮގަސްޓު 2023 - 08:16 0

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ އާއި ގައުމީ ޓެނިސް ޓީމުގެ މުހައްމަދު ފާއިހް ފަޒީލް (ފާއީ) އަށް ދީފި އެވެ.

ދީމާ އަކީ އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެ އަށް އެންމެ ގިނަ މެޑަލް ގެނެސްދިން އެއް އެތުލީޓެވެ. ފާއީ އަކީ މީގެ ކުރިން އައިއޯއައިޖީގައި ވާދަކޮށްފައިވާ އެތުލީޓެކެވެ.

އިއްޔެ ހަވީރު، ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައި ބޭއްވި އިވެންޓެއްގައި ގައުމީ ދިދަ ދީމާއާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ވަގުތު ރާއްޖޭން ބޭރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނާތީ އިއްޔެގެ އިވެންޓްގައި ފާއީ އަށް ބައިވެރިނުވެވުނެވެ. އެެހެންވެ، އިވެންޓްގެ ތެރެއިން ދިދަ ހަވާލުކޮށްފައިވަނީ ދީމާއާ އެކަންޏެވެ.

މަޑަގަސްކަރާގައި އައިއޯއައިޖީ ކުރިއަށްދާނީ މި މަހު 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭން، އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގައި 280 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭއިރު، އޭގެ ތެރެއިން އެތުލީޓުންގެ ޖުމްލަ އަދަދަކީ 176 އެވެ.


އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ސަރުކާރުން 2019 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ހަ މަސް ދުވަސް ތެރޭގައި ވެސް ހުރިހާ އެސޯސިއޭޝަނަކަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

އެ ފަހަރުގެ އައިއޯއައިޖީގެ ކާމިޔާބީގެ "ކްރެޑިޓް" ނެގުމުގެ މާ ބޮޑު ވިސްނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި މި ވޭތުވެދިޔަ އަހަރުތަކުގައި ކުޅިވަރުތައް ކުރިއެރުވުމަށް ވެދެވޭނެ ހުރިހާ އެހީތެރިކަމެއް ދިނުމަށް ފަހު، މި ފަހަރުގެ އައިއޯއައިޖީން ގިނަ ކާމިޔާބީތަކަކަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިވެންޓްގައި އެތުލީޓުންގެ ފަރާތުން ވާހަކަ ދެއްކީ އައިޝަތު ރަފާ ނާޒިމް އެވެ. ރަފާގެ ވާހަކައިގައި އަލި އަޅުވާލައިފައިވަނީ ކުޅިވަރު ކުޅުންތެރިން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ރާއްޖޭގެ އެންމެންގެ އެއްބައިވަންތަކަމަށް އޭގެ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށާއި ކުޅިވަރު އެތުލީޓުން ކާމިޔާބު ހޯދަން ކުރާ ބުރަ މަސައްކަތުގެ މައްޗަށެވެ.

އައިއޯއައިޖީ އަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.