Advertisement

އައްޑޫން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި، ހިތަދޫން އެކަނި 2402 ގޯތި

17 އޮގަސްޓު 2023 - 20:44 0

އަމަން ހަލީމް

އަމަން ހަލީމް

އައްޑޫ ސިޓީ ހިތަދޫ: އެންމެ ގިނަ ބަޔަކު ގޯތި ބޭނުންވަނީ ހިތަދޫން --- ފޮޓޯ/މިރާޝް ނާޝިމް


އައްޑޫން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި، ހިތަދޫން އެކަނި 2402 ގޯތި

17 އޮގަސްޓު 2023 - 20:44 0

އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫން ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީގެ މި ހަތަރު އަވަށުން 1000 ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅެވެ. އެއީ:

  • ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި
  • ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި
  • ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި
  • މީދޫން 2000 އަކަފޫޓުގެ 100 ގޯތި

މި އަދަދަށް ގޯތި ދޫކުރަން ހުޅުވާލުމަށް ފަހު ކައުންސިލުން ވަނީ ޝަރުތު ހަމަވާ އެއްމެނަށް ގޯތި ދިނުމަށް ނިންމާފަ އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ ހަތް ދުވަސް

މިއަދު އާއްމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން ދިނީ ހަތް ދުވަހުގެ މުހުލަތެކެވެ. އެއަށް ފަހު ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ލިސްޓު އިއުލާންކުރުމުގެ ކުރިން ފޯމުތަކުގައި ހުރި މައުލޫމާތު ސައްހަތޯ ބެލުމުގެ މަސައްކަތް އަވަށު އޮފީސްތަކުން ކުރަމުން ގެންދާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެންމެ ޑިމާންޑު ބޮޑީ ހިތަދޫ، ދެން ފޭދޫ

ގޯއްޗަށް ހުށަހެޅި 4160 މީހުންގެ ތެރެއިން 3997 މީހުންގެ ޝަރުތު ހަމަވެ އެވެ. އެއީ ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ 96 ޕަސެންޓެވެ.

އައްޑޫން އެންމެ ގިނަ ބަޔަކު ކުރިމަތިލީ އަދި ޝަރުތު ހަމަވީ ވެސް އެ ސިޓީގެ އެންމެ އާބާދީ ބޮޑު ހިތަދޫން ދޫކުރާ ގޯތިތަކަށެވެ. ހިތަދޫން ގޯތި ލިބުމުގެ ޝަރުތު 2404 މީހެއްގެ ހަމަވެ އެވެ. އެއީ ހިތަދޫގައި ރަޖިސްޓްރީވެފައިވާ 'ކެޓެގަރީ އޭ'އިން 2104 މީހަކާއި އެހެން އަވަށްތަކުގައި ރަޖިސްޓްރީވެފައިވާ 'ކެޓެގަރީ ބީ'އިން 304 މީހެކެވެ.

އެހެން އަވަށްތަކުން ގޯއްޗަށް ޝަރުތު ހަމަވީ:

  • ފޭދޫ - ކެޓެގަރީ އޭ 844 މީހުން، ކެޓެގަރީ ބީ 176 މީހުން (ޖުމްލަ 1020 މީހުން)
  • މީދޫ - ކެޓެގަރީ އޭ 271 މީހުން، ކެޓެގަރީ ބީ 34 މީހުން (ޖުމްލަ 305 މީހުން)
  • ހުޅުދޫ - ކެޓެގަރީ އޭ 228 މީހުން، ކެޓެގަރީ ބީ 36 މީހުން، (ޖުމްލަ 264 މީހުން)

އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވާ ގޮތުގައި މި ފަހަރު ގޯތި ލިބޭ މީހުންގެ ތެރޭގައި ކައިވެނި ނުކުރާ ޒުވާނުން ވެސް ހިމެނެ އެވެ.

އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ.