ލީގުގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ސަސްގެ ނަސޫހު (ޕިލާ) އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އާއި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރަން އޮތް މެޗު ފަސްކުރުމާ އެކު، ސަސް އިން މި ވަނީ މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެ، ފައިދާ ނަގައިފަ އެވެ. އެ ގޮތުން، ސަސް އިން ލީގުގެ ދެ ވަނަ އަށް އެރީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
އީގަލްސް އަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.
ބުރު ފަސް ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ، ހަތަރެއްގައި އޮތީ އަށް މެޗުން 13 ޕޮއިންޓް ހޯދާފައިވާ ޓީސީ އެެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސް އިން ލީޑުނެގީ މެޗުގެ 22 ވަަނަ މިނިޓްގައި އަލީ ނަސޫހު (ޕިލާ) ޖެހި ގޯލުންނެވެ. ކައުންޓަ އެޓޭކެއްގައި ޕިލާ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މުހައްމަދު ސަހާއު (ބޭލް) އެވެ. ބޭލް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ޕިލާ ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ސަސްގެ ދެ ވަނަ ގޯލު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕިލާ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ސަަސްގެ މުހައްމަދު އަލާއު ނެގި ކޯނަރަކަށް އަރައި، ޕިލާ ވަނީ ބުރު ކީޕަރު އަބްދުﷲ އަރުޝަން އަތުން ދޫވެގެން އައި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
މެޗުގެ ބާކީ ބައިގައި ދެ ޓީމުން ވެސް އެޓޭކްތަކެއް ކޮށް ގޯލު ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ލީގުގެ ފުރަތަމަ ބުރުގައި ވެސް ސަސް އިން ވަނީ ބުރު ބަލިކޮށްފަ އެވެ. އެ މެޗު ނިމިގެންދިޔައީ 2-1 އިން ސަސް ކުރިހޯދައިގެންނެވެ.
ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ސަސްއާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment