Advertisement

ބުރު ބަލިކޮށް ސަސް ހަމަޖެހިލައިފި

3 އޮގަސްޓު 2023 - 19:25 0


ބުރު ބަލިކޮށް ސަސް ހަމަޖެހިލައިފި

3 އޮގަސްޓު 2023 - 19:25 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެެވެ.

މި މޮޅާ އެކު، ސަސް އިން ފުރަތަމަ ބުރު ނިންމާލާނީ ލީގުގެ ތިން ވަނައިގަ އެވެ. އެ ޓީމަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ބުރު ހަތަރު ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސްގެ އޮތީ ހަ މެޗުން 15 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ސަސް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކުރިއަށް ކުޅޭ އަހުމަދު ހުސާމް (ހުސާންކޮ) އެވެ. މިއީ ސަސްގެ މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅައަކަށް އަރައި، ހުސާންކޮ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި ނިންމާލި ސަސް އިން ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ލީޑުފުޅާކުރި އެެވެ. މި ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސާންކޮ އެވެ. މިއީ، ބުރުގެ ހާފުގެ ތެރެއިން ސަސްގެ އަހުމަދު އައިހަމް ބޯޅަ ހޯދައި، ހުސާންކޮ އަށް ތަނަަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ކާމިޔާބުކުރި ގޯލެކެވެ.

ސަސް އިން ލީޑުފުޅާކުރިތާ ހަ މިނިޓް ތެރޭ ބުރުން ވަނީ އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ބުރުގެ ކެޕްޓަން، އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ބުރުގެ އަހުމަދު ސުލައިމާން ހުސްކޮށްލާފައި އޭރިއާތެރެއަށް ނަގައިދިން ހުރަހަކަށް އަރައި އައްމަޑޭ ޖެހި ގޯލެކެވެ.

މި މެޗުގައި ބުރުގެ ދެ އޮފިޝަލަކު މެޗުގެ ރެފްރީ، ހުސެއިން ޒަހީރުގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކޮށް، ހަަމަނުޖެހުން ހިންގަން މަގުފަހިވާ ގޮތަށް ކަންކަން ކުރާތީ، ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.