Advertisement

އިންޑިއާގެ ފުޓްބޯޅަ ކޯޗު ސްޓިމަކްގެ އިލްތިމާސެއް އެ ގައުމުގެ ސަރުކާރަށް

18 ޖުލައި 2023 - 13:47 0


އިންޑިއާގެ ފުޓްބޯޅަ ކޯޗު ސްޓިމަކްގެ އިލްތިމާސެއް އެ ގައުމުގެ ސަރުކާރަށް

18 ޖުލައި 2023 - 13:47 0

މުމްބާއީ، އިންޑިއާ (ޖުލައި 18) - ޗައިނާގެ ހަންޒޫގައި އަންނަ ސެޕްޓެމްބަރު މަހު ފަށަން ނިންމާފައިވާ އޭޝިއަން ގޭމްސްގައި އިންޑިއާގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވާދަކުރަން ފުރުސަތު ދޭން އެދި އިންޑިއާ ގައުމީ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް، އެ ގައުމުގެ ސަރުކާރަށް އިލްތިމާސެއް ކޮށްފި އެވެ.

އޭޝިއަން ގޭމްސް އަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ އޮލިމްޕިކް ކޮލިފައިން ސައިކަލްގެ މުބާރާތެކެވެ.

އިންޑިއާގެ ކުޅިވަރާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މަލްޓި ސްޕޯޓްސް އިވެންޓެއްގައި ކުޅިވަރަކަށް އިންޑިއާ ތަމްސީލްކުރަން ފުރުސަތު ލިބޭނީ އެ ކުޅިވަރަކީ ވާދަކުރާ ގައުމުތަކުގެ ތެރެއިން ރޭންކިން އަށް ބަލާނަމަ ގަދަ އަށް ގައުމުގެ ތެރޭގައި ހިމެނޭ ނަމަ އެވެ. އެ އަށް ބަލާއިރު، އިންޑިއާ އަކީ އޭޝިއާގެ ގަދަ އަށް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށްނުވާތީ އިންޑިއާ ސަރުކާރުން ވަނީ އޭޝިއަން ގޭމްސް އަށް ފުޓްބޯޅަ ޓީމު ނުފޮނުވަން ނިންމައިފަ އެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމާފައިވަނީ ސްޓިމަކްއާ 23 އަހަރުން ދަށުގެ ޓީމު ހަވާލުކޮށް އޭޝިއަން ގޭމްސް އަށް ފޮނުވުމަށެވެ. އެކަމަކު، އެ އަށް އޮތް ހުރަހަކީ ސަރުކާރުގެ އުސޫލާ ހެދި މުބާރާތަށް ދެވެން ނެތުމެވެ.

އެކަމާ ހެދި އިންޑިއާގެ ކޯޗު ސްޓިމަކް ނިންމީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯޑީ އާއި ސްޕޯޓްސް މިނިސްޓަރު އަނޫރާގް ތާކުރު އަށް އިލްތިމާސެއް ކުރުމަށެވެ.

"އަހަރެން ވަރަށް ބޮޑު ރިކުއެސްޓެއް މި ކުރަނީ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އާއި ސްޕޯޓްސް މިނިސްޓަރު އަނޫރާގް ތާކުރުގެ އަރިހުން. އަހަރެން އެދެނީ އަހަރެމެންގެ ޒުވާން ފުޓްބޯޅަ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރަން ފުރުސަތު ދޭން. އަހަރެމެން މި ގައުމުގެ ފަހުރާއި ދިދަ އަށް ޓަކައި އެ ހައްގުގައި ފައިޓްކުރަން ތައްޔާރަށް މި ހުރީ. ހޭ ހިންދު!" ސްޓިމަކްގެ ޓްވީޓްގައިވެ އެވެ.

ސްޓިމަކްގެ ކޯޗުކަމުގައި އިންޑިއާ އިން މި އަހަރު ކުޅުނު އިންވިޓޭޝަނަލް ދެ މުބާރާތާއި ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކޮށްފަ އެވެ. އިންޑިއާ އިން ދެން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ އޭޝިއަން ކަޕަަށެވެ. އޭގެ ކުރިން ކުޅެލަން ލިބޭ ބައިނަލްއަގުވާމީ ކޮންމެ މުބާރާތެއްގެ ފުރުސަތުގެ ބޭނުންހިފަން ބޭނުންވާ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ. އެއީ، މުސްތަގުބަލެއް އޮތީ ޒުވާން ކުޅުންތެރިންނަށް ކުޅެން ފުރުސަތު ދީގެން ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.