Advertisement

ރިޔާސީ އިންތިހާބު އޮބްޒާވްކުރާ ފަސް ގައުމެއްގެ ވަފުދުތައް އީސީއާ ބައްދަލުކޮށްފި

17 ޖުލައި 2023 - 10:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޓީމު އީސީގެ މެންބަރުންނާ ބައްދަލުވަނީ - ފޮޓޯ: އީސީ


ރިޔާސީ އިންތިހާބު އޮބްޒާވްކުރާ ފަސް ގައުމެއްގެ ވަފުދުތައް އީސީއާ ބައްދަލުކޮށްފި

17 ޖުލައި 2023 - 10:22 1

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އާންމުކޮށް ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް، އިންތިހާބު އޮބްޒާވްކުރާ ފަސް ގުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެ އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުންނާ މިހައިތަނަށް ބައްދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަސް ގައުމުގެ އިތުރުން ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުންވެސް ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާ ކުރަން އީސީއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ ގެ ސަފީރުން މިހާރު ވަނީ އީސީގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފަ އެވެ. އެ ބައްދަލުވުންތަކުގައި އިންތިހާބު އޮބްޒާވް ކުރުމާ ބެހޭގޮތުންނާއި، އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ސަފީރުން މައުލޫމާތު ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރުގެ އިންތިހާބަކީ ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މަޝްވަރާ ކޮށް ގައުމުތަކުން އިންތިހާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ސަފީރުން ވާހަކަދައްކާފައިވެ އެވެ.

މިދިޔަ ހަފުތާ ކޮލަމްބިއާގައި ބޭއްވުނު ދުނިޔޭގެ އިލެކްޝަންސް ޖަމްއިއްޔާ އޭވެބް ގެ އެގްޒެކްޓިވް ބޯޑު މީޓިންގައި ބައިވެރިވި އެކި ގައުމުތަކާ އެކުވެސް އީސީގެ އޮފިޝަލުން މި އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންވެސް އަންނަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރަން އީސީ އާ ބައްދަލުކުރަމުންނެވެ. ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ޔޫއެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫއެސް އެއިޑް، އައިއެފްއީއެސް ގެ އޮފިޝަލުން ވަނީ އީސީއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

"ޔޫއެންޑީޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަން ގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިހާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށްގާތުން ބައްލަވަމުން ގެންދަވާ" ހަބީބު ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.