19 ޖޫން 2023 - 11:20 0
ހަސަން މުހައްމަދު
ބަންޑާރަ ނައިބު ރިފްއަތު: ވިދާޅުވީ ޖުޑީޝަރީ އިސްލާހު ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުދުނީ ކަމަށް -- ފޮޓޯ: މަޖިލިސް
19 ޖޫން 2023 - 11:20 0
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް މިހާރު ތިބޭ 10 މެމްބަރުންގެ ބަދަލުގައި ހަތް މެމްބަރުން ތިބޭ ގޮތަށް ހަދަން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި އެދިފައިވާނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީއިން އުނިކުރަން ކަމަށެވެ.
"މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެމްބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން،" ރިފްއަތު މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ލިޔުއްވި އެވެ.
ސަރުކާރުން އުނިކުރަން ހުށަހަޅާ ތިން މެމްބަރުންގެ އިތުރުން މިހާރު އެ ކޮމިޝަނުގައި ތިބެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގެންނަން ބޭނުންވާ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަދަނީ ޖަމިއްޔާތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫންވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޖުޝީޑަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރަން ހުށަހެޅުމުން ޖުޑިޝަރީ އިސްލާހު ކުރަން ސަރުކާރުންވެފައިވާ ވައުދުތައް ފުދުނީ ކަމަށެވެ.
"ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު. މި މަސައްކަތްވަނީ 2019 ގައި ފަށާފަ. މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ. މިއަދުގެ ދެ ބިލާއެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު އެ މަޖިލީހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފަ އެވެ. އެހެންކަމުން މަޖިލިސް ކޮންމެ ދުވަހެއްގައި ވެސް ކުރިއަށްގެންދަނީ ހައިޖާނުގަނޑެއްގެ ތެރެއިގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment