Advertisement

ޑައިނަސޯގެ މުޅިން އާ ބާވަތެއް ހޯދައިފި

އާ ޑައިނަސޯގެ ބައިތައް ފެނުނީ ޗިލީއިން. -- ފޮޓޯ: އޭއެފްޕީ


ޑައިނަސޯގެ މުޅިން އާ ބާވަތެއް ހޯދައިފި

ސޭންޓިއާގޯ، ޗިލީ (ޖޫން 17) - މީގެ ކުރިން ސައިންސްވެރިންނަށް ދެނެގަނެވިފައި ނުވާ ބާވަތެއްގެ ޑައިނަސޯއެއްގެ ބައިތައް ޗިލީއިން ހޯދައިފި އެވެ.

އަލަށް ފެނުނީ "ޑަކް ބިލްޑް" ޑައިނަސޯ ގްރޫޕަށް ނިސްބަތްވާ ބާވަތެކެވެ. ދިގުމިނުގައި ހަތަރު ފޫޓު ހުންނަ ގޮންކޯކެން ނަނޮއި ޑައިނަސޯގެ ބަރުދަނުގައި ޓަނެއް ހުންނަ ކަމަށް ބެލެވެ އެވެ.

އެއީ މީގެ 72 މިލިއަން އަހަރު ކުރިން ޗިލީގައި އުޅުނު ޑައިނަސޯތަކެއް ކަމަށް ސައިންސްވެރިން ކުރި ދިރާސާތަކުން ދައްކަ އެވެ. އެއީ "ހާބިވޮރަސް" ނުވަތަ ފަތާއި ގަހުގެ ބާވަތްތައް ކައިގެން އުޅުނު އެއްޗެކެވެ.

ޗިލީއިން އެ ޑައިނަސޯގެ ބައިތައް ފެނުމުން ސައިންސްވެރިން ބުނީ "ޑަކް ބިލްޑް" ނުވަތަ ހެޑްރޮސޯޒް ގްރޫޕަަށް ނިސްބަތްވާ ތަކެތި ދުނިޔޭގެ ދެކުނުގައި އުޅުނުކަން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން އެ ބާވަތުގެ ޑައިނަސޯގެ ކަށިތައް ފެނިފައި ވަނީ އުތުރު އެމެރިކާ، އޭޝިއާ އަދި ޔޫރަޕުންނެވެ. ދުނިޔޭގެ ދެކުނަށް އެ ޑައިނަސޯ ފޯރި ގޮތެއް ދެނެގަންނަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ގޮންކޯކެން ނަނޮއިއަކީ ޗިލީއިން ފެނުނު ފަސް ވަނަ ބާވަތުގެ ޑައިނަސޯ އެވެ. ގޮންކޯކެން ނަނޮއި ފެނުނީ 2013 ގައި ނަމަވެސް، ހޯދުންތައް ކަށަވަރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.