Advertisement

އެމްޑީޕީއިން "ވީއްލުނު" ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ނަޝީދުގެ ތައުރީފާއި މަރުހަބާ

14 ޖޫން 2023 - 10:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : އެމަނިކުފާނު ވަނީ އެމްޑީޕީއިން 'ވީއްލުނު' ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މަރުހަބާ ދަންނަވާފަ - ފޮޓޯ: މަޖިލިސް އިދާރާ


އެމްޑީޕީއިން "ވީއްލުނު" ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ނަޝީދުގެ ތައުރީފާއި މަރުހަބާ

14 ޖޫން 2023 - 10:24 0

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއާ އެކުގައި ގުޅުނު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ، އެމަނިކުފާނު ރައީސްކަން ކުރައްވާ އެމްޑީޕީ ދޫކުރި ކައުންސިލަށް ތަކުރާރުކޮށް ތައުރީފު ކުރައްވާފަ އެވެ.

"ކުޅުދުއްފުށީ ކައުންސިލް ހާއްސަވެގެން އެބަދޭ ހަމަ ގައިމުވެސް 2023 ގައި.. [އެއީ] ވީއްލި ގަތީމަ، ވެރިކަންކުރާ ސިޔާސީ ޕާޓީ ދޫކޮށް މުޅި ކައުންސިލް އެކީގައި އަމިއްލަ ފައިމައްޗަށް ތެދުވާން، ވީއްލި ގަންނަން، އޮބެހެއްޓިފަ ނުތިބޭން [ނިންމީމަ]"

ދަ ޑިމޮކްރެޓްސް އަކީ ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީގެ ތެރޭގައި އުފެއްދެވި 'ފިކުރެއްގެ ދިރުން' ފެކްޝަނުން އުފެދުނު ޕާޓީ އެކެވެ. ނަޝީދު އެމްޑީޕީގައި ހުންނެވި ނަމަވެސް، ޑިމޮކްރެޓްސްއާ ގުޅުނު ސިޓީ ކައުންސިލަށް ތަކުރާރުކޮށް މަރުހަބާ ދެންނެވި އެވެ.

އެގޮތުން، ވެރިކަންކުރާ ޕާޓީ ދޫކޮށްލުމުން ހާމަވަނީ ކުޅުދުއްފުށީ ކައުންސިލްގެ އުންމީދުތައް ހާސިލްކުރުމަށްޓަކާ، ކައުންސިލް މެންބަރުން ގިރާނުކުރާނެ އޮޅިއެއް، ނުއުފުލާނޭ އެއްވެސް ތަކުލީފެއް ނެތްކަމުގެ ސާފު މަންޒަރު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލެއް އެކުގައި ވެރިކަންކުރާ ޕާޓީއަކުން ވަކިވާ ހާދިސާ އެއީ ސިޔާސީ ޒަލްޒަލާއެއް، އެއީ ސިޔާސީ ހާދިސާއެއް" ނަޝީދު ވިދާޅުވީ އެ ނިންމުމަކީ ސަރުކާރުން އެ ސިޓީގެ ރައްޔިތުންގެ އެދުންތައް ފުއްދުމަށް އުޒުރުވެރިވުމުގެ ނަތީޖާ ކަމަށެވެ. ވެރިކަމާ ގުޅިފައި ހުރި ރައްޔިތުންގެ އުންމީދުތައް ނުފުއްދި، ވެރިކަމާ މެދު ހިތްހަމަ ނުޖެހުނީމުން ކަމަށެވެ.

"ކުޅުދުއްފުށީ ކައުންސިލުން އަލަށް ތި ގެންދެވާ މިސްރާބަށް އަޅުގަނޑު ދަންނަވާނީ މަރުހަބާ ދަންނަވަން ޖެހެޔޭ" ނަޝީދު ވަނީ ފާޅުގައި، މި ސަރުކާރުން އެމްޑީޕީގެ އަސާސްތައް ދަމަހައްޓަމުން ނުދާ ކަމަށް އަނެއްކާވެސް ވިދާޅުވެފަ އެވެ.

ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގެންފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހަށް އަންގަވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީން ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދީ މި މަހުގެ ހަތެއްގަ އެވެ.

'ކުޅުދުއްފުށީގެ ތަރައްގީއަށް ވަނީ އިހުމާލުވެފަ'

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު، ކުޅުދުއްފުށި ސިފަކުރެއްވީ ތަރައްގީއަށް އެންމެ ބޭނުންޖެހިފައިވާ، އިގުތިސާދީ އަދި އާބާދީގެ ގޮތުންވެސް ރާއްޖޭގެ އެންމެ ކުރިއަރަމުން އަންނަ ރަށުގެ ގޮތުގަ އެވެ. އުފެއްދުންތެރިކަމާއި އާމްދަނީގެ ގޮތުންވެސް ކުރީގައި އުޅޭ ރަށެއްގެ ގޮތުގަ އެވެ. ނަމަވެސް, މި ސަރުކާރުން އެ ސިޓީގެ ތަރައްގީއާ މެދު އިހުމާލުވެފައިވާކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

"ކުޅުދުއްފުށީ ކައުންސިލް އެކުގައި ވެރިކަންކުރާ ޕާޓީ ދޫކޮށްލީމާ އަޅުގަނޑުވެސް ވިސްނިން، ބެލިން އެބޭފުޅުންގެ ހިތްހަމަ ނުޖެހުން ހުރި މިންވަރާއި އުންމީދު އޮތް މިންވަރު.."

ނަޝީދު ވިދާޅުވީ ކުޅުދުއްފުށްޓަށް ވަޑައިގަތުމުގެ ކުރިން ސަރުކާރުގެ މަޝްރޫއުތައް ފެންނަން ހުންނަ އައިލްސް ވެބްސައިޓު ބެއްލެވި ކަމަށެވެ. އެގޮތުން، ކުޅުދުއްފުށީގައި 70 އަށްވުރެ ގިނަ ޕްރޮޖެކްޓު އޮތް ކަމަށް ވެބްސައިޓުން ދައްކަ އެވެ. އަދި, އެ ޕްރޮޖެކްޓުތައް ހިނގާފައިވާ މިންވަރުވެސް އެ ވެބްސައިޓުން ސާފުވާނެ އެވެ.

"ޕްރޮޖެކްޓު ހިނގާފައިވާ އިންސަތަ ތިނެއް، ޕްރޮޖެކްޓު ހިނގާފައިވާ މިންވަރު ދޭއް، 70 ޕްރޮޖެކްޓު އަޅުގަނޑު ބެލިއިރުގައި.. [މަސައްކަތް ނިމިފައިވާ] އިންސައްތަ ބޮޑުކޮށް 55 ޕަސެންޓަށް އަޅާލާ ހިނގާފާ އޮތީ މަދަރުސާ ފުރާޅުގައި ބާއްވާފާ އޮތް ސޯލާ ޕެނަލްކޮޅު، ހޮސްޕިޓަލުގެ ދެތިން ޕްރޮޖެކްޓެއް، ދެ ކްލާސްރޫމް ބަރިއެއް އަޅާލުން.. އެކަންވެސް އެބަ ނިންމޭ"

މީގެއިތުރުން، ސަރުކާރުން ބޯޅަދަނޑު އެޅުންވެސް މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކުރާ ކަމަށާއި އެކަންވެސް ނިންމަން އުނދަގޫވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ހޯދިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ދެކިލައްވާ ގޮތުގައި ތަރައްގީ މަޑުޖެހޭ ހަމައެކަނި ސަބަބަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ރަށްތައް ތަރައްގީކުރުމުގެ ބާރު ނުދީ އޮތް އޮތުން ކަމަށެވެ.