Advertisement

ހިޔާލުތަފާތުވުން ބޮޑު އުތުރުތިލަފަޅު މަޝްރޫއުގެ މަސައްކަތް ފަށައިފި

9 މޭ 2023 - 10:28 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ުއުތުރުތިލަފަޅުގައި ހިއްކާފައިވާ ސިފަވަރުގައި ކޯސްޓްގާޑުގެ ބަނދަރު ހެދުމުގެ މަޝްރޫއު ފައްޓަވައިދެއްވަނީ -- ފޮޓޯ: އެމްއެންޑީއެފް


ހިޔާލުތަފާތުވުން ބޮޑު އުތުރުތިލަފަޅު މަޝްރޫއުގެ މަސައްކަތް ފަށައިފި

9 މޭ 2023 - 10:28 0

އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ގާއިމުކުރާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބަނދަރު ހެދުމުގެ މަޝްރޫއު ފަށައިފި އެވެ.

އުތުރުތިލަފަޅު ތަރައްގީ ކުރަން ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރީ ފެބްރުއަރީ 21، 2022 ގަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްވުންތަކުގެ ތަފްސީލު އާންމުކޮށްފައި ނުވާއިރު، އެކަމާ ހެދި އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ އެވެ.

އުތުރުތިލަފަޅުގައި ބަނދަރާއި ޑޮކްޔާޑު ހެދުމުގެ މަޝްރޫއު ފެށީ މި ހިނގާ މެއި 3، އެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާޓު ސިންގް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މަޝްރޫއުގެ ސަބަބުން ކޯސްޓްގާޑުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ދިފާއީ ދާއިރާގައި ދެ ގައުމުގެ އަސްކަރިއްޔާތަކުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

އުތުރުތިލަފަޅު މަޝްރޫއު ފެށުން އިއުލާނުކޮށް އެމްއެންޑީއެފްއިން ކުރި ޓްވީޓް


ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާޖްނާތު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް، ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވެ އެވެ. އަދި އެމްއެންޑީއެފްއަށް ލޭންޑިން ކުރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ވެސް ހަދިޔާކޮށްފައިވެ އެވެ.

އުތުރުތިލަފަޅު: އިންޑިއާގެ އެހީގައި އެތަނުގައި ކޯސްޓްގާޑު ބަނދަރެއް އެޅުމުގެ މަޝްރޫއު މިހާރު ވަނީ ފަށާފައި


އުތުރުތިލަފަޅު މަޝްރޫއުގެ ފުރަތަަމަ ފިޔަވަހީގައި އެތަނުގައި ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ކޯސްޓްގާޑަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެކެވެ.

އެ މަޝްރޫއު 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެއިލްވޭ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގާމްއާ އެވެ. މަޝްރޫއަށް އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ހަމަޖެހިފައިވެ އެވެ.

އިންޑިއާގެ އެހީގައި އުތުރުތިލަފަޅު ތަރައްގީ ކުރުމާ ދެކޮޅު ހަދައި އިދިކޮޅުން ތުހުމަތު ކުރަނީ އެ މަޝްރޫއަކީ އެތަނުގައި އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

އެކަމަކު، އެތަނުގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގުކުރެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެތަނުގައި ތިބޭނީ އެތަން ތަރައްގީ ކުރަން ބޭނުންވާ އިންޑިއާގެ ފަންނީ މީހުން އެކަންޏެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ ފާސްކޮށްފަ އެވެ. އެއްބަސްވުންތައް ދިރާސާކުރި މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލުކުރާ 241 ކޮމިޓީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ސިފައިންގެ ވެރިން ހާޒިރުކޮށް ސުވާލު ކުރި އެވެ.