Advertisement

ފައިނަލެއް އޮއްވައި ސިޓީއާ މެދު އަންޗެލޮޓީ ނުވިސްނާނެ

6 މޭ 2023 - 13:38 0


ފައިނަލެއް އޮއްވައި ސިޓީއާ މެދު އަންޗެލޮޓީ ނުވިސްނާނެ

6 މޭ 2023 - 13:38 0

މެޑްރިޑް (މެއި 6) - ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް) ފައިނަލުގައި މިރޭ އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗު އޮއްވައި، އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާ މެދު ނުވިސްނާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެނިޝް ކަޕް ފައިނަލުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން މި ވަގުތު ތައްޔާރުވިޔަސް، އަންގާރަ ދުވަހުގެރޭ ސިޓީއާ ކުޅޭ މެޗާ މެދު ވިސްނާނެ ކަމަށް މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ. އެކަމަކު، ސްޕެނިޝް ކަޕް ފައިނަލުގެ ކުރިން އަންޗެލޮޓީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެމެން މި ވިސްނަނީ ފައިނަލަކަށް، އަހަރެމެންނެއް ނުވިސްނަން ޖެހިގެން އަންނަ ދުވަހު ވާން އޮތީ ކޮން ކަމެއްތޯ. އަހަރެމެން މި ވިސްނަނީ ކުރިމަތީގައި މި އޮތް ފައިނަލުން މޮޅުވެ، ތަށްޓެއް ހޯދަން. ޕްލޭޔަރުން ވެސް މޯޓިވޭޓް ވެފައި މި ތިބީ އެ ގޮތަށް،" އަންޗެލޮޓީ، 63، ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ސްޕެނިޝް ލީގުގައި ރެއާލް އޮތީ އެއް ވަަނައިގައި އޮތް ބާސެލޯނާ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. އެހެންކަމުން، ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރަން ރެއާލަށް އޮތް ފުރުސަތަކީ ކަޕް އެވެ. އަންޗެލޮޓީ ވަނީ 2014 ވަނަ އަހަރު ރެއާލްގައި މަސައްކަތް ކުރިއިރު، ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މި ސީޒަނުގެ ނިޔަލަށް ރެއާލްގެ ކޮންޓްރެކްޓްގައި ހުރި އަންޗެލޮޓީ ބުނީ މިއީ ފަހަރުގައި އޭނާ ރެއާލާ އެކު ނުކުންނާނެ އެންމެ ފަހު ފައިނަލަށް ވެދާނެ ކަމަށެވެ. އެކަމަކު، އުންމީދަކީ އަބަދުވެސް ރެއާލާ އެކު ކުރިއަށް ދިއުން ކަމަށެވެ.

"ކޮންމެ ފައިނަލެއް ވެސް އަހަރެން ދެކެނީ އެއީ އަހަރެންގެ އެންމެ ފަހު ފައިނަލުގެ ގޮތުގައި އެ ޓީމަކާ އެކު،" ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ވެސް އޮތް އަންޗެލޮޓީ ބުންޏެވެ.

ބްރެޒިލާއި ދެކުނު އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެޒިލް ގައުމީ ޓީމުން އާ ކޯޗެއް ރަސްމީކޮށް ހަމަނުޖައްސައި އޮތީ އަންޗެލޮޓީއާ އެ ޓީމު ހަވާލުކުރަން މަޝްވަރާތަކެއް ދާތީ އެވެ.