Advertisement

މަގުމަތިން ޕާކިން ކުއްޔަށް ދޭ އުސޫލު މުއިއްޒު ދިފާއު ކުރައްވައިފި

4 މޭ 2023 - 12:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު"އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ޕާކިިން ކުއްޔަށް ދޫކުރަނީ ޕާކިން އިމާރާތްތައް ނޭޅޭތީ ކަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


މަގުމަތިން ޕާކިން ކުއްޔަށް ދޭ އުސޫލު މުއިއްޒު ދިފާއު ކުރައްވައިފި

4 މޭ 2023 - 12:07 0

މާލޭގެ މަގުތަކުން ޕާކިން ޒޯންތައް ކުއްޔަށް ދެނީ ޕާކިން އިމާރާތްތަކެއް އަޅަން ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ، ޕާކިން ކުއްޔަށް ދޭ އުސޫލު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ.

ސިޓީ ކައުންސިލުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދަން ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ނުނެރެވެނީ ސަރުކާރުން އެއްބާރުލުން ނުދޭތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން އިމާރާތްތަކެއް ހިމެނޭ ގޮތުން މާލޭގެ ލޭންޑްޔޫޒް ޕްލޭނެއް ސަރުކާރަށް ހުށަހަޅައިގެން ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

"އެއްވެސް ކަމެއްގެ ކުރިއެރުމެއް ނުލިބުނު، ހުއްދަ ނުލިބިގެން، މިދެންނެވީ އަޅުގަނޑުމެން ބޭނުން ވަނީ މާލޭގައި، މަދުވެގެން ހަތަރު ލޮކޭޝަނެއްގައި ޕާކިން ބިލްޑިން އަޅަން. އެއިން އެއްވެސް އެއްޗަކަށް ފުރުސަތު ނުލިބިގެން މިއުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިންގްތައް އެޅޭނީ އިންވެސްޓަރުން ހޯދައިގެންނެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ޕާކިން އިމާރާތްތައް އަޅަން ސަރުކާރުން ބުނާ ކަމަށާއި އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުުން ކުންފުންޏެއް ހަދައި، އިންވެސްޓަރުން ހޯދައިގެން ޕާކިން އިމާރާތްތައް އަޅަން ކުރި މަސައްކަތަށް ހުރަސްތައް ކުރިމަތި ނުވި ނަމަ މަގުމަތިން ޕާކިން ޒޯންތައް ކުއްޔަށް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަަމަކާއެއް މަގުމައްޗަކުން ނުދޭނަން ޕާކިން ޒޯނެއް އަޅުގަނޑުމެންނެއް. ޕާކިން ބިލްޑިންތައް އެޅުނު ނަމަކާއެއް. ޕާކިން ބިލްޑިންތައް އެޅިއްޖެއްޔާ ހުންނާނީ ޕާކިން ބިލްޑިން ތެރޭގައި ޕާކިން ޖާގަތައް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިން ޒޯންތައް މަގުމަތިން ކުއްޔަށް ދޫކުރަން ފެށީ ޕާކިން އިމާރާތްތައް ނޭޅޭތީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދަން ކަމަށެވެ. އެއީ ވަގުތީ ގޮތުން ދޫކޮށްފައިވާ ޒޯންތަކެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.