Advertisement

ހާލަންޑްގެ ރެކޯޑް ގޯލާ އެކު ސިޓީ އަލުން އެއް ވަނަ އަށް

4 މޭ 2023 - 07:58 0


ހާލަންޑްގެ ރެކޯޑް ގޯލާ އެކު ސިޓީ އަލުން އެއް ވަނަ އަށް

4 މޭ 2023 - 07:58 0

މެންޗެސްޓާ (މެއި 4) - އާލިން ބްރައުޓް ހާލަންޑް ޖެހި ރެކޯޑް ގޯލާ އެކު، 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

ސިޓީ އަލުން އެއް ވަނަ އަށް އެރީ 33 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީން ރޭގެ މެޗުގައި ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ސިޓީން ލީޑުނެގީ ނޭތަން އަކޭ ބޮލުން ޖެހި ގޯލުންނެވެ. މިއީ ރިޔާދު މާރޭޒްގެ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައަކުން އަކޭ ޖެހި ގޯލެކެވެ.

ޖެކް ގްރީލިޝް ދިން ބޯޅައަކުން ސިޓީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައި ހާލަންޑް އެވެ. މިއީ ހާލަންޑް ޕްރިމިއާ ލީގުގައި ޖެހި 35 ވަނަ ގޯލެވެ. މިއާ އެކު ހާލަންޑަކީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ ގޮތުން، 38 މެޗު ކުޅޭ ލީގު ފޯމެޓާއި 42 މެޗު ކުޅުނު ލީީގު ފޯމެޓްގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ހާލަންޑް އަތުގަ އެވެ. ކުރިން 38 މެޗުގެ ފޯމެޓްގެ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 33 ގޯލާ އެކު މުހައްމަދު ސަލާހު އަތުގަ އެވެ. އަދި 42 މެޗުގެ ފޯމެޓްގެ ރެކޯޑް އޮތީ 34 ގޯލާ އެކު އެލަން ޝިއަރާ އާއި އެންޑީ ކޯލް އަތުގަ އެވެ.

މުޅި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ހާލަންޑް މި ވަނީ 51 ގޯލު ޖަހައިފަ އެވެ. އިނގިރޭސި ފުޓްބޯޅަ ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް، ޑިކްސީ ޑީންގެ ރެކޯޑް މުގުރާލަން ހާލަންޑަށް ބޭނުންވަނީ 12 ގޯލެވެ. އެކަން ހާސިލްކުރަން ހާލަންޑަށް ނުވަ ވަރަކަށް މެޗު އެބައޮތެވެ.

ރޭގެ މެޗުގައި ސިޓީގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ފިލް ފޯޑެން އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ފޯޑެން ޖެހި ބޯޅަ ގޯލަށް ވަނީ ވެސްޓް ހޭމްގެ އެމަސަން ޕަލްމިއޭރީ ފައިގައި ޖެހިފަ އެވެ. މިއީ 2016 ވަނަ އަހަރު ސިޓީ ކޯޗުކަމާ ހަވާލުވި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުގައި އެ ޓީމުން ޖެހި 1000 ވަނަ ގޯލެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުން ލިވަޕޫލުން ވަނީ 1-0 އިން ފުލަމް ބަލިކޮށް ލީގުގެ ފަސް ވަނައިގައި ހަމަޖެހިލައިފަ އެވެ. ފަހެއްގައި އޮތް ލިވަޕޫލަށް 34 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.

ފުލަމް އަތުން ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ 39 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މުހައްމަދު ސަލާހު އެވެ. މިއީ ލިވަޕޫލްގެ ޑާވިން ނޫނޭޒް އަށް އޭރިއާތެރެއިން ފުލަމްގެ އީސާ ޑިއޮޕް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މިއީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅެވެ.