Advertisement

މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ހޯދަން މަޖިލީހަށް ހުށަހަޅައިފި

30 އޭޕްރީލް 2023 - 16:38 1

ނިމާ ހަސަން

ނިމާ ހަސަން

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް: މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ހޯދަން އޭނާ ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: އަދަދު


މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ހޯދަން މަޖިލީހަށް ހުށަހަޅައިފި

30 އޭޕްރީލް 2023 - 16:38 1

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ކަނޑައެޅުމުގެ މައްސަލާގައި ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީގެ ކޮޕީއެއް ހޯދައިދިނުމަށް އެދިފަ އެވެ.

ހަމައެއާއެކު، ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭގޮތަށް ސަރަހައްދު ކަނޑައަޅާފައިވާ ކަމަށާއި އޭގެ ސަބަބުން އީއީޒެޑް ފާހަގަ ކުރަން އެމްއެންޑީއެފަށް ދަތިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސްއާ ހަވާލާދީ އެ ސިޓީގައި ބުނެފައިވެ އެވެ.

"ސަރަހައްދު ކަނޑައެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ފާހަގަކުރަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ދަތިވެ، މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ދޭހަވޭ،" އެ ސިޓީގައި ބުނެފައިވެ އެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ އެއީ ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާ އަދާކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ވެސް އޭނާ އެދިފައިވެ އެވެ.

ފޯޅަވަހި މައްސަލާގައި ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައެޅުމަށެވެ.

މައްސަލައިގެ ލިޔެކިޔުމުގައި ފާހަގަކޮށްފައި އޮތް ގޮތުން އެ ކަމަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ނުކުތާއަކީ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އެވެ. އޭގައި ބުނާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުންނެވެ.

މައްސަލައިގެ ފަސްފަހަތް

ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

އިމުގެ މައްސަލަ

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.