Advertisement

ބްރޯޑްކޮމް އަށް ސޮފާ ޝަފީގު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

26 އޭޕްރީލް 2023 - 14:28 0

ސޮފާ ޝަފީގު، ބްރޯޑްކޮމް އަށް އޭނާ އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދިން. ފޮޓޯ:ސޯޝަލް މީޑިއާ


ބްރޯޑްކޮމް އަށް ސޮފާ ޝަފީގު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

26 އޭޕްރީލް 2023 - 14:28 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުކަމަށް ދ.މީދޫ، ބިއްލޫރިވާދީ ސޮފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން އިއުލާނު ކުރުމުން ކުރިމަތިލެއްވި ހަތަރު ބޭފުޅެއްގެ ނަން، ރައީސް އިބްރާހީމް މުހައްމަދު އިސްކަން ދެއްވާ ތަރުތީބުން ލިސްޓްކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުއްވި އިރު ސޮފާގެ ނަން އޮތީ އެ ލިސްޓްގެ އެންމެ ފަހަތުގަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެ ނަންތައް ދިރާސާކުރުމަށް ފަހު ރުހުން ދިން ދެބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ.

އެ ނަންތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގައި އޭނާގެ ނަން ހިމަނާފައި އޮތީ ދެވަނަ އަށެވެ. އެހެންވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ އެ ލިސްޓްގެ އެއްވަނައިގައި އޮތް، ދަފްތަރު ނަމްބަރު 5143، ޝިހާމް ވަހީދު ބްރޯޑްކޮމް އަށް އައްޔަނުކުރުމަށެވެ.

އެކަމަކު ބްރޯޑްކޮމް އަށް އޭނާ އައްޔަން ކުރަން ރުހުން ދިނުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތެރެއިން 31 މެމްބަރަކު ވޯޓު ދެއްވީ އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށެވެ.

ޝިހާމަށް ރުހުންދޭން ނުފެންނަ ކަމަށް ފާސްވުމުން ރިޕޯޓުގައި ދެވަނައަށް އޮތް ނަމަކީ ސޮފާގެ ނަމަށް ވާތީ އޭނާއަށް ރުހުން ދިނުމާ މެދު ވޯޓަށް އެހި އެވެ. އެވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ތެރެއިން 40 މެމްބަރަކު އޭނާއަށް ރުހުން ދޭން ފެންނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވި އެވެ. އަނެއް ދެ މެމްބަރުން ތިއްބެވީ ވަކިކޮޅަކަށް ވޯޓު ނުދެއްވަ އެވެ.