Advertisement

ތޯރިގު ވިދާޅުވަނީ ރާއްޖޭން މޮރިޝަސްއަށް ކޮށްދެނީ ނުރައްކާތެރިކަމެއް ކަމަށް

24 އޭޕްރީލް 2023 - 11:47 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ތޯރިގު ވިދާޅުވަނީ ރާއްޖޭން މޮރިޝަސްއަށް ކޮށްދެނީ ނުރައްކާތެރިކަމެއް ކަމަށް

24 އޭޕްރީލް 2023 - 11:47 0

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖޭން އެގައުމަށް ނުރައްކާތެރި ކަންތައްތަކެއް ކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ތުހުމަތުކުރައްވައިފި އެވެ.

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ސާފުކޮށްދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ތޯރިގު ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖޭން މޮރިޝަސް އަށް ފޮނުވި ސިޓީގައި ހުރި ބައެއް ވާހަކަތައް އެގައުމުން ހާމަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް އެގައުމުން ހާމަކުރީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ އަޑުއެހުމެއްގަ އެވެ.

މޮރިޝަސްގެ ފަރާތުން އެސިޓީއާ ބެހޭ ގޮތުން އެބަހުރި ވާހަކަދައްކާފައި. އެ ސިޓީގައި އޮތް އިބާރާތްކަަމަށް، މޮރިޝަސްގެ ފަރާތުން ވަކާލާތުކުރަމުން މި ބުނަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި، އެމެރިކާގެ މިލިޓަރީ ބޭސްއެއް އޮތް ޑިއަގޯ ގާސިއާ ހިމެނޭ ސަރަހައްދަށް، ރާއްޖެ މެދުވެރިކޮށް ދިއުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ވަރަށް ނުރައްކާތެރި ވާހަކަ އެކެވެ. އެއީ ހަނގުރާމައެއް އުފެދިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގެ މިލިޓަރީ ބޭސް އޮތް ތަނަކަށް ސާވޭ ކުރުމަށް މޮރިޝަސްގެ ބޮޑުވަޒީރާއި މޮރިޝަސް އިން ފޮނުވާ ސާވޭ ޓީމު ދިވެހިރާއްޖެ ތުރޫކޮށް އައްޑޫކޮޅުން ފޮނުވައި ދޭނެ ކަމަށް. މިކިޔަނީ މިލިޓަރީ ބޭސްއަކާ ދޭތެރޭ ދިވެހިރާއްޖޭން ހަނގުރާމައެއް އުފެދިދާނެ ހާލަތަކަށް ހިނގައިދާނެ ކަމެއް[ގެ ވާހަކަ]،" ތޯރިގު ވިދާޅުވި އެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލާގައި ސަރުކާރަށް ގޮވައިލެއްވީ ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ހާމަކޮށްދިނުމަށެވެ. އެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީ ހާމަކުރަން ވެސް ކުއްލި މައްސަލާގައި އާދަމް ޝަރީފު ގޮވައިލެއްވި އެވެ.

"...މޮރިޝަސްއާ އެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުއްލި މައްސަލަ ހުށަހަޅަމެވެ،" އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވި އެވެ.

އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ތެެރެއިން 23 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.