23 އޭޕްރީލް 2023 - 09:54 0
މުހައްމަދު ނަސީމް
23 އޭޕްރީލް 2023 - 09:54 0
ބައެއް ފަހަރު އެއީ މީރު އެއްޗަކާ ޖެހުމުން ކުރެވޭ ކަމެކެވެ. އަނެއްބައި ފަހަރު ހާސްކަން ބޮޑުވުމުގެ ސަބަބުންނެވެ. ނޫނީ ވެފައި ހުރި އާދައަކުންނެވެ. މިއިން ކޮންމެވެސް އެއް ކަމަކާ ހެދި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް، އެއްފަހަރާ ގިނައިން ކެއުމުގެ ވޭން ވާނީ ތަހައްމަލު ކުރެވިފަ އެވެ.
"ބަނޑު ފުރިއްޖެ ކަމުގެ ސިގްނަލް ސިކުނޑިއާ ހިސާބަށް ދާން، ވިހި މިނެޓް ހޭދަވޭ، މާގިނައިން ކެވޭ ގޮތް ވަނީ އެ ވަގުތު ފަހަނައަޅައިދާ އިރު ވެސް ހުއްޓައިނުލެވޭތީ," އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ އެމްޑީ އެންޑާސަން ކެންސާ ސެންޓަރުގެ ލިއުމަކަށް، އެމާ ލެވީ ވިދާޅުވެފައި ވެ އެވެ.
އޭނާ އަކީ އެ ސެންޓަރުގައި ދިރާސާތައް ވެސް ކުރައްވާ ޑައިޓީޝަނެކެވެ.
ގިނައިން ކެއުމަކީ ބަރުދަން އިތުރުވާ ކަމެއްކަން އެއީ ދެން އެންމެން ވެސް ދަންނަ ކަމެކެވެ. އެކަމަކު ލެވީ ވިދާޅުވާ ގޮތުގައި ގިނައިން ކެއުމުގެ ނުރައްކާތަކަކީ ހަމަ އެކަނި ކެލަރީ އިތުރުވެ ފަލަވުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. ތިރީގައި މިހިރީ އެއް ފަހަރާ މާގިނައިން ކެއުމުން ހަށިގަނޑަށް ވެދާނެ ކަމަށް، އެމްޑީ އެންޑާސަން ކެންސަ ސެންޓަރުގެ ލިއުމުގައި އެމާ ލިސްޓްކުރައްވާފައިވާ ކަންތައްތަކެވެ.
ހަކަތަ އުފެއްދުމަށް ހަށިގަނޑުން ބޭނުންކުރަނީ އަހަރެމެން ކާތަކެތިން ލިބޭ ކެލަރީގެ ބައެކެވެ. އަނެއްބައި ސަރުބީގެ ގޮތުގައި ރައްކާކުރެ އެވެ. ދުވަހީ ކަންކަމަށް އަންދަން ޖެހޭ ކެލަރީއަށް ވުރެ އިތުރަށް ކެލަރީ ލިބޭ ވަރަށް ކެއުމުން ގައިގައި ސަރުބީ ޖަހައި އެކަށީގެންވާ ވަރަށް ވުރެ ބަރުވަނީ އެހެންވެ އެވެ. އެގޮތަށް ބަރުވުމަކިީ ކެންސަރާއި ބޮޑެތި އަދި ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.
ގިނައިން ކެއުމަކީ އަދި ހާއްސަކޮށް ސިއްހީ ގޮތުން ރަނގަޅުނޫން ކާނާ ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އެހެނީ ހަޖަމުކުރުމުގެ ނިޒާމުގައި އެކަަމަށް ބޭނުންވާ އެންޒައިމްތައް ހުންނަނީ ވަކިވަރަކަށެވެ. އެހެންވީމާ ގިނައިން ކައިފި ނަމަ ހަޖަމުވާން ހޭދަވާ ވަގުތު ވެސް އިތުރުވާނެ އެވެ. އެކަން ގިނަގިނައިން ދިމާވާ ނަމަ ހަޖަމުކުރުން ލަސްވެ، ބަނޑުތެރޭގައި ކާތަކެތި ދެމިހުންނަ ވަގުތު އިތުރުވެ އެވެ. އެއީ ވެސް ސަރުބީ ޖަހާނެ ކަމެކެވެ.
ގިނައިން ކެއުމަކީ ނިންޖަށާއި މީހާގެ ގުދުރަތީ ގަޑިއަށް، (ކާކޭޑިއަން ކްލޮކް އަށް) ވެސް މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.
Comment