Advertisement

ފެކްޓު ޗެކް: ވޯލްޑް ބޭންކްގެ ރިޕޯޓާއި ފިނޭންސް މިނިސްޓަރުގެ ވާހަކަ

9 އޭޕްރީލް 2023 - 11:31 2

އަބްދުﷲ ޝަހީދު

އަބްދުﷲ ޝަހީދު


ފެކްޓު ޗެކް: ވޯލްޑް ބޭންކްގެ ރިޕޯޓާއި ފިނޭންސް މިނިސްޓަރުގެ ވާހަކަ

9 އޭޕްރީލް 2023 - 11:31 2

ތިރީގައި މިވަނީ ދެކުނު އޭޝިޔާގެ އިގްތިސާދާއި ގުޅޭ ގޮތުން އޭޕްރީލް 4، 2023 ގައި ވޯލްޑް ބޭންކުން ނެރެފައިވާ އިކޮނޮމިކް އައުޓްލުކް ރިޕޯޓާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭޕްރީލް 5 ގައި ދެއްކެވި ވާހަކަފުޅުގެ ފެކްޓް ޗެކްއެކެވެ.

ފެކްޓް ޗެކް 1

މިނިސްޓަރު އަމީރު: "މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފަ. ލަފާކުރެވެނީ މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް. ވީމާ އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ،"

ފެކްޓްސް:

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވި ވާހަކައަކީ ތެދެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުން 4 އޭޕްރީލް 2023 އާއި ހަމައަށް ޓޫރިސްޓުން އައި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 21.50 ޕަސެންޓު އިތުރުވެފަ އެވެ.

ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު


އޭޕްރީލް 4، 2022 - 452,390 އޭޕްރީލް 4، 2023 - 549,922 އިތުރުވި މިންވަރު: 21.50 ޕަސެންޓު

އެހެން ނަމަވެސް 'ޓޫރިސްޓް އެވްރެޖް ސްޓޭ' މިވަނީ ޖުމްލަކޮށް 5.57 ޕަސެންޓު ދަށްވެފައެވެ. އެވްރެޖް ސްޓޭ ދަށްވަންޏާ، ޓޫރިސްޓުންގެ އަދަދު އިތުރުވިއަސް ލިބޭ އާމްދަނީ އިތުރުވާ ރޭޓް ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި، ޓޫރިޒަމް ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވުމުގެ ސަބަބުން ޓޫރިސްޓުން ހޭދަ ކުރާ މިންވަރު ދަށްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެން ކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެކަމަށް ލަފާކުރިއަށް، އެ ކުރިއެރުން މަތިވާނެ ނުވަތަ މަތިވެދާނެ ޕަސެންޓު، އެވްރެޖް ސްޓޭ މިދިޔަ އަހަރުގައި ހުރި މިންވަރުގައި ހުރިނަމަ، އަދި ޓެކްސް މިދިޔަ އަހަރުގައި ހުރި މިންވަރަށް ހުރިނަމަ، އިތުރުވާނެ މިންވަރަށްވުރެ ދަށްވެދާނެ އެވެ.


އެހެން ކަމުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދަކީ އިގްތިސާދީ ކުރިއެރުމާއި ސަރުކާރަށް ވަންނާނެ ޓެކްސް ފައިސާ ލަފާކުރުމަށް ބޭނުންކުރާ ހަމަ އެކަނި މިންގަނޑަކަށް ހެދުން ރަނގަޅެއް ނޫނެވެ.

ފެކްޓް ޗެކް 2

މިނިސްޓަރު އަމީރު: "ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން"

ފެކްޓްސް:

މިއީ ޖުމްލަކޮށް ރަނގަޅު ވާހަކައެކެވެ. އެހެން ނަމަވެސް ރިޕޯޓުގެ 77 ވަނަ ސަފްހާގައި މި ލަފާކުރުން ދަށްވުމުގެ 'މައިގަނޑު ސަބަބަކީ' 2021 ވަނަ އަހަރުގެ އަދަދަށް ގެނެވުނު އެޖަސްމަންޓެއްގެ ސަބަބުން ކަމަށް ބަޔާންކޮށްފައި އޮތުމުން މީގައި އެހެން ސަބަބުތައްވާކަންވެސް އެނގެއެވެ. ވޯލްޑް ބޭންކްގެ މިދިޔަ އޮކްޓޯބަރު އަޕްޑޭޓްގައި 2021 އަހަރުގެ އުފެއްދުންތެރިކަމުގެ މިންވަރު ރިޕޯޓުކޮށްފައިވަނީ 37 ޕަސެންޓުގަ އެވެ. އަދި މި އޭޕްރީލްގައި ނެރުނު އަޕްޑޭޓްގައި އެ މިންވަރު ވަނީ 41.7 ޕަސެންޓަށް މުރާޖައާ ކޮށްފަ އެވެ. އަދި އެއާއިއެކު 2023 ވަނަ އަހަރާއި 2024 އަށް ލަފާކުރާ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތްވަނީ 8.20 ޕަސެންޓުން 6.60 ޕަސެންޓަށް 2023 ވަނަ އަހަރަށް، އަދި 8.10 ޕަސެންޓުން 5.30 ޕަސެންޓަށް 2024 އަށް ވަނީ މުރާޖައާކޮށްފަ އެވެ. ހަމަ އެކަނި 2021 އަހަރުގެ އެޖަސްޓްމަންޓަށް އެކަން ދޫކޮށްނުލާ، މިކަމަށް މަގުފަހި ކުރުވި އެހެން ސަބަބުތައް ދެނެގަތުމަކީ ސަރުކާރަށް މުހިންމު ކަމެކެވެ.


ފެކްޓް ޗެކް 3

މިނިސްޓަރު އަމީރު: "މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ. އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފަ"

ފެކްޓްސް:

ވޯލްޑް ބޭންކްގެ ރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތަށް ބުރަވާއިރު މިއީވެސް ތެދެކެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން، ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ބޫޓާނާއި އިންޑިޔާއަށްވުރެ މަތިކޮށް އުޅޭނެކަމަށެވެ. ނަމަވެސް އަހަރު ނިމޭއިރު ދެކުނު އޭޝިޔާގެ އެންމެ އިންފްލޭޝަން ދަށް ގައުމުގެ ގޮތުގައި ރާއްޖެ ހިމެނޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ރާއްޖެ އާއި ހިލާފަށް ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް، އިންޑިއާ، މި ގައުމުތަކުން ސަބްސިޑީ އަށް ކުރާ ހަރަދު ދަށްވެފައިވާކަން ވެސް މި ރިޕޯޓުން އެނގެ އެވެ. ރާއްޖޭގައި ވަނީ 4.2 ޕަސެންޓުން 9 ޕަސެންޓަށް 2021 އާއި 2022 ދޭތެރޭގައި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެފަ އެވެ. މީގައި މުހިންމު ސުވާލަކީ ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުކޮށްގެން އިންފްލޭޝަން ކޮންޓްރޯލް ކުރުމަކީ ދެމެހެއްޓެނިވި ސިޔާސަތެއްތޯ އެވެ؟ އަދި އެގޮތަށް އެކަންކޮށްގެން އިންފްލޭޝަންގެ ނިސްބަތް ކުޑަކޮށްފައި ބެހެއްޓުން އެއީ ކާމިޔާބެއް ގޮތަށް ބެލެވިދާނެތޯއެވެ؟ ރާއްޖެއިން ތެލުގެ ސަބްސިޑީ ރިފޯމެއް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފެކްޓް ޗެކް 4

މިނިސްޓަރު އަމީރު: "ކޮވިޑް ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް"

ފެކްޓްސް:

ވޯލްޑް ބޭންކުގެ އޮކްޓޯބަރު މަހުގެ ރިޕޯޓުގައި ދަރަނި ޖީޑީޕީގެ ނިސްބަތުން 2022 ނިމޭއިރު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 122.80 ޕަސެންޓުގަ އެވެ. ފިނޭންސް މިނިސްޓްރީއިން މިހާރު އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މި ނިސްބަތް ޑިސެންބަރު 31، 2022 ގައި ހުރީ 113 ޕަސެންޓުގަ އެވެ. މި މިންގަނޑުން ބަލާނަމަ ދަރަނި ލަފާކުރިވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް ބެލެވިދާނެ އެވެ. ފިނޭންސް މިނިސްޓްރީން ތިން މަހުގެ ފުރިހަމަ ދަރަނީގެ މައުލޫމާތު އަދި އާންމުކޮށްފައިނުވާތީ މި ނިސްބަތް މިހާރު ހުރީ އިތުރަށް ދަށަށް ގޮސްފައިތޯ ނޫނީ މައްޗަށް ގޮސްފައިތޯ ކަމެއް ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް ދަންނަވާލަން ޖެހޭނީ ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނަ މިންވަރަކީ ދަރަނީގެ ފުރިހަމަ މަންޒަރެއް ކުރަހާދޭ މިންގަނޑެއްނޫންކަމެވެ. ސަބަބަކީ މި އިންސައްތައިގެ ތެރޭގައި އިންޓްރަސްޓް ނުހިމެނޭތީ އެވެ. ރާއްޖެއިން ދަނީ ކޮންމެ އަހަރަކު އިންޓްރަސްޓްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުންނެވެ. އަދި މިހާރު ރާއްޖޭގެ ޔީލްޓް ޓު މެޗޫރިޓީހުރީ (އޭޕްރީލް 6، 2023 ވަނަ ދުވަހުގެ މެންދުރާ ހަމައަށް) ގާތްގަނޑަކަށް 17.37 ޕަސެންޓުގަ އެވެ. ވޯލްޑް ބޭންކްގެ ރިޕޯޓުގައިވެސް ރާއްޖެއާއި ޕާކިސްތާން ވަކިން ދަރަނި ބޮޑު، އަދި ދަރަންޏަށް ދައްކަން ޖެހޭ އިންޓްރަސްޓް ރޭޓް މަތި ދެ ގައުމުގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ. މިގޮތުން ރާއްޖެއިން އަހަރަކަށް އިންޓްރަސްޓްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު މުޅި ޖުމްލަ ދައުލަތުގެ ހަރަދަށް ބަލާއިރު 2021 ގައި ހުރި 6 ޕަސެންޓު، 2022 ވަނަ އަހަރު ވަނީ 8.6 ޕަސެންޓަށް ބޮޑުވެފަ އެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓުގައި ރާއްޖެއާއި ބެހޭ ގޮތުން ފާހަގަކޮށްފައިވާ މައިގަނޑު، އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އިތުރުވަމުންދާ ދަރަންޏެވެ. އަދި، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ނުކުރެވުމުގެ ސަބަބުން ޓޫރިސްޓް މާކެޓަށް އަންނަ ލޮޅުން ރާއްޖޭގެ މާލިއްޔާއަށް ކުރާ މިންވަރުގެ މައްޗަށްވެސް ކޮމެންޓް ކޮށްފައިވެ އެވެ.