Advertisement

ޔުނައިޓެޑަށް މޮޅެއް، ލަމްޕާޑާ އެކު ޗެލްސީ އަށް ހިތްދަތި ފެށުމެއް

8 އޭޕްރީލް 2023 - 21:03 0

ޗެލްސީގެ ޔާއޯ ފެލިކްސް (ވ) އަތުން ބޯޅަ ހޯދަން ވުލްވްސްގެ ޔާއޯ މާރިއޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޔުނައިޓެޑަށް މޮޅެއް، ލަމްޕާޑާ އެކު ޗެލްސީ އަށް ހިތްދަތި ފެށުމެއް

8 އޭޕްރީލް 2023 - 21:03 0

ލަންޑަން (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގެ ނިޔަަލަށް ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވުލްވްސް އަތުން 1-0 އިން ބަލިވެ، ހިތްދަތި ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ސީޒަނުގައި ޗެލްސީން ވަނީ އެ ޓީމަށް އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާ ވަކިކޮށްފަ އެވެ. ލަމްޕާޑާ އެކު ޗެލްސީ ފުރަތަމަ މެޗުން ބަލިވިއިރު، އެ ޓީމު އޮތީ 30 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. އެންމެ ފަހުން ލީގުގައި ޗެލްސީ ކުޅުނު 21 މެޗުގެ ތެރެއިން މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.

ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ 31 ވަނަ މިނިޓްގައި މަތެއުސް ނޫނޭޒް އެވެ. މިއީ އޭރިއާތެރެއިން ޗެލްސީގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީ ޑިފެންސް ކުރަން ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު، އެއް ފަަހަރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ނޫނޭޒް ޖެހި ގޯލެކެވެ.

ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހި މެކްޓޮމިނޭ ގޯލަށް ފަހު އުފާފާޅުކުރަނީ.


އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޖުމްލަ އެކު، 21 ޝޮޓް ފޮނުވާލިއިރު، މިއީ 2003-2004 ވަނަ އަހަރުގެ ސީޒަނަށް ފަހު ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން އެންމެ ގިނަ އެޓޭކް ފެނިގެންދިޔަ މެޗެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުފުޅާކޮށްދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. މިއީ އެވަޓަންގެ ޑިފެންޑަރު، ސީމަސް ކޯލްމަން ހެދި ގޯހެއްގެ ފައިދާނަގައި މާކަސް ރަޝްފޯޑް ދިން ބޯޅައަކުން މާޝިއަލް ޖެހި ގޯލެކެވެ. މިއީ ޑިސެމްބަރުގެ ފަހުން މާޝިއަލްގެ ފުރަތަމަ ގޯލެވެ. އަނެއްކޮޅުން މި މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ރަޝްފޯޑަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ.

ލީގު ތާވަަލަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހަތުން އަރައި، 2-1 އިން ބްރެންޓްފޯޑް ބަލިކޮށް 29 މެޗުން 56 ޕޮއިންޓް ހޯދައި، ތިން ވަނަ ދަމަހައްޓައިފަ އެވެ. ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވެސް ވަނީ 29 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ނިއުކާސަލް އަށެވެ.

ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ޓޮޓެންހަމް އަށް ވަނީ 30 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. މި މެޗުގައި ޓޮޓެންހަމަށް ފުރަތަމަ ގޯލު ޖަހައިދިން ސޮން ހެއުން މިން އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި އޭޝިއާގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. މި މެޗުގައި ސޮންގެ ގޯލުން ޓޮޓެންހަމް ލީޑުނަގާފައި އޮއްވައި، ބްރައިޓަން އަށް އެއްވަރުކޮށްދިނީ ލެވިސް ޑަންކް އެވެ. ބްރައިޓަން އިން ޑެނީ ވެލްބެކްގެ ގޯލުން ލީޑުނެގި ނަަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ގޯލެއް ނޫން ކަމަށެވެ. ޓޮޓެންހަމް މޮޅުކޮށްދިން ގޯލު ޖެހީ ހެރީ ކޭން އެވެ.

މި މެޗުގައި ދަނޑުގެ ޓެކްނިކަލް އޭރިއާ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ އާއި ޓޮޓެންހަމްގެ ވަގުތީ ކޯޗު، ކްރިސްޓިއަން ސްޓެލީނީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ލީގުގައި މިރޭ އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅޭ އެސްޓަން ވިލާ އިން ވަނީ 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 30 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ބޯންމައުތުން ލެސްޓާ ސިޓީ ދަނޑުގައި 1-0 އިން މޮޅުވިއިރު، ފުލަމް ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ވެސް ވަނީ 1-0 އިން ކުރިހޯދައިފަ އެވެ.