Advertisement

ޗެލްސީން ވަކިކުރި ނިންމުމަކީ ޓުޗެލް އަށް ޝޮކެއް

1 އޭޕްރީލް 2023 - 07:06 0


ޗެލްސީން ވަކިކުރި ނިންމުމަކީ ޓުޗެލް އަށް ޝޮކެއް

1 އޭޕްރީލް 2023 - 07:06 0

މިއުނިކް (އޭޕްރީލް 1) - މީގެ ހަތް މަސް ކުރިން ޗެލްސީގެ ކޯޗުކަމުން އޭނާ ވަކިކުރަން ނިންމި ނިންމުމަކީ ލިބުނު ޝޮކެއް ކަމަށް ދާދި ފަހުން ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީން މިދިޔަ ސެޕްޓެމްބަރު މަހު ޓުޗެލް ވަކިކުރަން ކުއްލި ގޮތަކަށް ނިންމީ އެ ކްލަބްގެ ވެރިޔާ، އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ހުށަހެޅުން ގަބޫލުކުރަން ބޯޑު މެމްބަރުންގެ މެޖޯރިޓީން ތާއީދުކުރުމުންނެވެ. އެ ނިންމުން އައީ ބޯލީ ޗެލްސީ ގަތްތާ 100 ވަނަ ދުވަހު އެވެ.

ޓުޗެލް ވަކިކުރުމަށް ފަހު، ޗެލްސީން ގެނައި ކޯޗު ގްރަހަމް ޕޮޓާއާ ބެހޭގޮތުން ބޯލީ ބުނީ އާ ކޯޗެއް ގެންނަން ނިންމީ ކްލަބްގެ ބޯޑުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާ ކޯޗަކާ އެކު ކުރިއަށްދިއުމުގެ ބޭނުމުގައި ކަމަށެވެ.

"އެއީ ޝޮކެއް، އަހަރެން ދިޔައީ (ޗެލްސީގެ) ޓްރެއިނިން ސެންޓަރަށް، ދެން އެ ތަނުގައި ބޭއްވި ބައްދަލުވުން ވެސް ދިޔައި ވަރަށް އެހެން ކަހަލަ ގޮތަކަށް، ގާތްގަނޑަކަށް ތިނެއް ނޫނީ ފަސް ވަރަކަށް މިނިޓް ތެރޭ އެ މީޓިން ވެސް ނިމުނީ އަހަރެން މަގާމުގައި ނުހުންނާނެ ކަމަށް ކަނޑައަޅާފައި،" ޗެލްސީގެ ކޯޗުކަމުން ވަކިވި ގޮތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޓުޗެލް ޖަވާބުދިނެވެ.

"ވަރަށް އަސަރުކުރި ހަގީގަތުގައި އެ ގޮތަށް އެ ނިންމުން އައީމަ،"

ހޫލިއަން ނާގަލްސްމަން މަގާމުން ވަކިކޮށް، ބަޔާންގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސިއިރު، އޭނާ ވަނީ ކޯޗެއް މަގާމުން ވަކިވާއިރު، މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވަރަށް ބޮޑަށް ވިސްނާ ކަމަށް ބުނެފަ އެވެ. އެ ފަދަ ވަގުތެއްގައި ދެއްކޭ ކޮންމެ ވާހަކަ އަކީ މީޑިއާގައި އެކި ގޮތްގޮތަށް އެނބުރޭނެ ކަންތައްތަކެއް ކަމަށާއި އެހެންވެ، އެ ވަގުތު އެއްވެސް މީޑިއާއެއްގެ ސުވާލަކަށް ޖަވާބު ދޭން ބޭނުންނުވި ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"ޔަގީނުން ވެސް އަހަރެން ޗެލްސީގައި މަޑުކުރިނަމަ ރަނގަޅު ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އޮތް، އެކަމަކު، މިހާރު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެއީ މާޒީ. މިހާރު އަހަރެންގެ ހުރިހާ ފޯކަސް އެއް އޮތީ ބަޔާން މިއުނިކަށް. މި ކްލަބަށް ކާމިޔާބު ހޯދައިދޭން އަހަރެން މި ހުރީ ވަރަށް ބޭނުންވެފައި،" ޓުޗެލް ބުންޏެވެ.

ބަޔާނާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކުރި ޓުޗެލް، އެ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ މެޗަކީ، މިރޭ ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗެެވެ. ކުރިން ޑޯޓްމަންޑަށް ޓުޗެލް ވަނީ ކޯޗުކޮށްދީފަ އެވެ. ބަޔާނުން މިރޭ ޑޯޓްމަންޑް ބަލިކޮށްފިނަަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.