Advertisement

އެފްރިކާ ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް ކަނޑުފޭރޭ މީހުން އަރައިފި

29 މާރިޗު 2023 - 09:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަނޑުފޭރޭ މީހުން އެރި މޮންޖާސާ ރިފޯމާ ބޯޓު. -- ފޮޓޯ: އޭއެފްޕީ


އެފްރިކާ ކައިރީގައި އޮތް ތެޔޮ ޓޭންކަރަކަށް ކަނޑުފޭރޭ މީހުން އަރައިފި

29 މާރިޗު 2023 - 09:38 0

އެފްރިކާ ބައްރުގައި ގަލްފު އޮފް ގިނީ ކައިރީގައި އޮތް ލައިބީރިއާގެ ދިދަ ނަގާފައިވާ ޑެންމާކްގެ ތެޔޮ ޓޭންކަރަކަށް ކަނޑުފޭރޭ މީހުން އަރައިފި އެވެ.

ބޯޓުގެ ވެރިފަރާތުން ބުނީ ކަނޑުފޭރޭ މީހުން ބޯޓަށް އެރީ ފާއިތުވި ހަފުތާ ބަންދުގައި ކަމަށާއި އޭގައި ތިބި 16 ކްރޫ މެމްބަރުންނާ ގުޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ރިޕަބްލިކް އޮފް ކޮންގޯގެ ޕޮއިންޓް ނޮޔާ ބަނދަރުގެ 160 މޭލު ހުޅަނގުން އޮތް 135 މީޓަރު ދިގު "މޮންޖާސާ ރިފޯމާ" އަށް ކުއްލި ހާލަތެއް ދިމާވީ ހޮނިހިރު ދުވަހު ކަމަށް ވެރިފަރާތުން ބުންޏެވެ.

ކަނޑުފޭރޭ މީހުން އެރުމާ އެކު ކްރޫ މެމްބަރުން ފިލަން ވަނީ ޓޭންކުގެ އެންމެ ރައްކާތެރި ކޮޓަރި ނުވަތަ "ސިޓަޑެލް" އަށެވެ. އެއީ ކަނޑުފޭރޭ މީހުން އަރައިފި ނަމަ އަމަލުކުރަން އޮންނަ އެމެޖެންސީ ޕްރޮޓޮކޯލްގައިވާ ގޮތެވެ.

"ބޯޓުގެ މުވާސަލާތު ކުރެވޭނެ ހުރިހާ އެއްޗެއް މި ވަގުތު ހުރީ ޑައުންވެފައި. ކޮންގޯގެ އިދާރާތަކާ ގުޅިގެން އަޅުގަނޑުމެން މި ބަލަނީ މުވާސަލާތީ ގުޅުން ގާއިމްކުރެވޭތޯ،" ބޯޓުގެ ވެރިފަރާތުން ބުންޏެވެ.

ބޯޓުގައި ތިބި ކްރޫ މެމްބަރުންނަކީ ކޮން ގައުމުތަކެއްގެ ބައެއްކަން ހާމަކުރަން ވެރިފަރާތުން ބޭނުމެއް ނުވެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ބޯޓު ޕޮއިންޓް ނޮޔާ ބަނދަރާ ގާތްކުރީ މާޗް 18 ގަ އެވެ. ކޮންގޯއިން އެ ބޯޓު ފުރީ މާޗް 22 ގަ އެވެ. ހަމަލާ ދިނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ.

"ތިން ފިރިހެނުން ބޯޓުގެ ކޮންޓްރޯލް ހޯދި ފަހުން ކްރޫ މެމްބަރުންގެ ހަބަރެއް ނުވޭ،" އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.

ގަލްފް އޮފް ގިނީއިން ބޯޓު އެންމެ ފަހުން ފެނުނު ސަރަހައްދު ދައްކުވައިދޭ ޗާޓެއް. -- ފޮޓޯ: އޭއެފްޕީ


ގަލްފް އޮފް ގިނީގައި ކަނޑުފޭރޭ މީހުންގެ ނުރައްކާ އޮންނަތާ ގިނަ ޒަމާންތަކެއް ވެއްޖެ އެވެ. ބޯޓުތައް ދަތުރު ކުރުމަށް މުހިއްމު 5،700 ކިލޯމީޓަރުގެ ރޫޓެއް އޮންނަނީ ސެނެގޯލްއިން ފެށިގެން އެންގޯލާއާ ހަމައަށެވެ. އެ ހިސާބުގައި އެންމެ ގިނައިން ބޯޓުތަކަށް ހަމަލާދެނީ ނައިޖީރިއާގެ ގޭންގުތަކުންނެވެ.

އެކަމަކު ކުރިއާ ހިލާފަށް ކަނޑުފޭރޭ މީހުން މިހާރު ދަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ވެސް ގިނަ ހަމަލާތައް ދެމުންނެވެ.