Advertisement

ޕޯޗުގަލްގެ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުން ދީމާ ކުރިއެރުން ހޯދައިފި

27 ފެބުރުވަރީ 2023 - 18:17 0


ޕޯޗުގަލްގެ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުން ދީމާ ކުރިއެރުން ހޯދައިފި

27 ފެބުރުވަރީ 2023 - 18:17 0

ޕޯޗުގަލްގެ ވިޔަ ރެއަލްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެއް ވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ދީމާ ވާދަކުރީ 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގަ އެވެ. ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގެ ދެ ވަނަ ބުރުން ދީމާ ކެޓިއިރު، 19 އަހަރުން ދަށުގެ ބައިން ދީމާ ކެޓީ ގަދަ 16 އިންނެވެ.

ނަވާރަ އަހަރުން ދަށުގެ ގްރޫޕް ސްޓޭޖުގައި ދީމާ ކުޅުނީ ޖަރުމަންގެ އެއިރީން ކަލައިތުޒިޑޫ އާއި ބްރެޒިލްގެ ލައުރާ ވަތަނަބޭއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ދީމާ ބްރެޒިލްގެ ލައުރާ އަތުން މޮޅުވީ ސީދާ ތިން ސެޓުނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 12-10، 11-3 އަދި 13-11 އިންނެވެ. ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ދީމާ ޖަރުމަންގެ އެއިރީން އަތުން ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-1، 11-2 އިން ދީމާ ބަލިވިއިރު، ތިން ވަނަ ސެޓު ދީމާ ހޯދީ 11-6 އިންނެވެ. ނަމަވެސް ފަހު ސެޓުން އޭނާ ވަނީ 6-11 އިން ބަލިވެފަ އެވެ.

މި ގްރޫޕުގައި އެރިއީން އާއި ލައުރާ ކުޅުނު މެޗު ލައުރާ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. ޕޮއިންޓަށް ބަލާއިރު ތިން ކުޅުންތެރިން އެއްވަރުވެ ސެޓުގެ ފަރަގަށް ބަލާއިރު ކުރި ލިބުނީ ދީމާ އަށެވެ. ދީމާ އަށް ގްރޫޕްގެ އެއްވަނަ ލިބުނުއިރު، ދެވަނަ ލިބުނީ ލައުރާ އަށެވެ.

19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުގައި ދީމާ ވާދަކުރީ ޔޫކްރެއިންގެ އެނަސްޓޭޝިއާ ބޮޑްނާ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 11-9 އަދި 11-2 އިން ދީމާ ހޯދިއިރު، ތިންވަނަ ސެޓު އެނަސްޓޭޝިއާ ގެންދިޔައީ 6-11 އިންނެވެ. ފަހު ސެޓު 11-9 އިން ކާމިޔާބުކޮށް ދީމާ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ދެވަނަ ބުރުގައި ދީމާ ނިކުތީ ޕޯޗުގަލްގެ އިނޭސް މާޓޯސް އާ ދެކޮޅަށެވެ. ދުނިޔޭގެ ސީނިއާ ރޭންކިންގެ 315ގައި އުޅޭ އިނޭސް އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 6-11، 9-11 12-10 އަދި 8-11 އިންނެވެ.

17 އަހަރުން ދަށުގެ ބައިގައި ދީމާ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅިވި އެވެ. އޭނާ ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ބީޓްރިޒް ފިއޯރޭ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 11-9، 13-11، އަދި 11-3 އިންނެވެ. ދެވަނަ މެޗު ޕޯޗުގަލްގެ މާރތާ ސިލްވާއާ ވާދަކޮށް ދީމާ ކާމިޔާބުކުރީވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-7، 11-5، އަދި 11-3 އިންނެވެ. ފަހު މެޗުގައި ރުމޭނިއާގެ އަންދްރިއާ ޖިފްކޫ އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 7-11، 7-11، 12-10 އަދި 8-11 އިންނެވެ.

ދެވަނަ ބުރުގައި ދީމާ ނިކުތީ ޖަރުމަންގެ ލީސާ ވަންގްއާ ދެކޮޅަށެވެ. މި މެޗުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 10-12، 11-9، 9-11 އަދި 7-11 އިންނެވެ.

ޕޯޗުގަލްގެ ވިޔަ ރެއަލްގައި ކުރިއަށްދިޔަ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތަކި މުޅި އަހަރަށް ބަހާލައިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ސީރީސް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ.

ދީމާ ވަނީ ވޯލްޑް ކޮންޓެންޑާ ސީރީސްގެ ބައެއް މުބާރާތްތަކުގައި މިދިޔަ އަހަރު ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި އޮމާންގެ ވެރިރަށް މަސްކަޓުގައި އޮތް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލުން އޭނާ ޖާގަ ހޯދި އެވެ. މީގެ އިތުރުން ޓިއުނީޝިއާގައި އޮތް މުބާރާތުގައިވެސް އޭނާ ވާދަކުރި އެވެ. ޕޯޗުގަލްގައި އޮތް މުބާރާތަށް އޭނާ އަށް ނުދެވުނީ ވިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ.