Advertisement

ޗެލްސީގެ ޖޯޖީނިއޯ އާސެނަލް އަށް

31 ޖަނަވަރީ 2023 - 16:56 0


ޗެލްސީގެ ޖޯޖީނިއޯ އާސެނަލް އަށް

31 ޖަނަވަރީ 2023 - 16:56 0

ލަންޑަން (ޖެނުއަރީ 31) - ޗެލްސީ އަށް ކުޅެމުންދިޔަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އާސެނަލް އަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވެއްޖެ އެވެ.

ޗެލްސީން ޖޯޖީނިއޯ ،31، އާސެނަލް އަށް ވިއްކާލުމަށް އެއްބަސްވީ 12 މިލިއަން ޕައުންޑް (15 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ.

އިޓަލީގެ ނަޕޯލީން 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ޖޯޖީނިއޯ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އޮތީ ހަ މަސް ދުވަހެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އާސެނަލް އިން އޭނާ އަށް 18 މަސް ދުވަހުގެ ކޮންޓުރެކްޓެއް ދޭނެ އެވެ.

އާސެނަލް އިން ޖޯޖީނިއޯ މި ހޯދީ ބްރައިޓަން އަށް ކުޅެމުންދާ އިކުއެޑޯގެ މިޑްފީލްޑަރު މޮއިސެސް ކައެސޭޑޯ ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. އާސެނަލް އިން ހުށަހެޅި ދެ ބިޑެއް ބްރައިޓަން އިން އަނބުރާ ފޮނުވާލާފައިވާއިރު، ކައެސޭޑޯ ނުވިއްކާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެ، ކައެސޭޑޯ، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި މައްސަލައިގައި ބްރައިޓަން އިން ވަނީ އޭނާ ހެދީ ގޯހެއް ކަމަށް ބުނެފަ އެވެ.

ބްރައިޓަންގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީ ބުނީ އެ ކްލަބްގެ ވިސްނުމަކީ ޔޫރަޕްގެ މުބާރާތަކަށް އަންނަ ސީޒަނުގައި ކޮލިފައިވުން ކަމަށާއި އެ ޓާގެޓަށް ދެވޭނީ ކައެސޭޑޯ ފަދަ ޓީމުގެ މުހިންމު ކުޅުންތެރިން މަޑުކުރުވައިގެން ކަމަށެވެ.

ޖޯޖީނިއޯ އަކީ ޖެނުއަރީގެ ޓްރާންސްފާގައި އާސެނަލްއާ ގުޅުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލް އިން ވަނީ މި މަހުގެ ތެރޭގައި ބްރައިޓަން އަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ފޯވަޑް ލެއަންޑްރޯ ޓްރޮސާޑާއި އިޓަލީގެ ސްޕެޒިއާ ޕޮލެންޑްގެ ޑިފެންޑަރު ޔަކޫބް ކިވިއޯ އެ ޓީމަށް ގެނެސްފަ އެވެ.