Advertisement

ސިޓީބިޓީ؛ ނަޝީދަށް، ތިޔަ ކުރެއްވި ކަމަކުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ އެވެ.

26 ޖަނަވަރީ 2023 - 16:03 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ؛ ނަޝީދަށް، ތިޔަ ކުރެއްވި ކަމަކުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ އެވެ.

26 ޖަނަވަރީ 2023 - 16:03 0

"ހުރިހާ ދިވެހިންގެ އަގުބޮޑު މިލްކު، ވައްކަމާއި ފަސާދައިގެ ތެރެއަށް ގެއްލި ހުސްވާއިރު، ގޮތް ހުސްވެފައި ތިބޭކަށް އަޅުގަނޑުމެންނެއް ނެތިން. އެއޮތް ފަޅާއި، މިއޮތް ފަރާއި، މި ގިރިއާއި، އެ ހަލާއި ދެން އޮތް ރަށް ފެންތަށްޓަކާ ނުލައި ދިރުވާލާ ފަދައިން ތިޔަހެން ހައްދަވާ ދޮގުގެ ޖާދޫގައި، މާތްކަލާކޯ އަޅުގަނޑުމެން މިތިބީ ޖެހޭކަށެއް ނޫން."

ރައީސް ނަޝީދު މި ބަސްފުޅު ހަނދުމަފުޅު ހުންނާނެ ކަމެއް ނޭނގެ އެވެ. މިއީ ލަންޑަނުގައި ހުންނަވައި، ފަހަތުގައި ފޮޓޯގަނޑެއްހެން ޑރ. ޖަމީލު ބަހައްޓަވައިގެން މަނިކުފާނު ދިވެހިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ. މަނިކުފާނު އަދި އިތުރަށް ވިދާޅުވީމު އެވެ.

"ފަންސާހަށްވުރެ ގިނަ ރަށާއި، ފަސް ވަތް ފުރާ ފަސްސަތޭކައިގެ ނޫޓު ވަގަށް ނަގައިފި. ކަންނެލި އޮޑިއެއް ބަރުކުރާހާ ރުފިޔާއާއި ޑޮލަރު ގެއްލިއްޖެ. ދިވެހިންގެ މުދަލުން ވައްކަންކޮށްފި."

ރައީސް ޔާމީނާމެދު ކުރެވެމުން ދިޔަ އެ ތުހުމަތުތައް ބޭޒާރުކޮށް ހަގީގަތް ހާމައަށް ނެރެ ދެއްކެވުމުގައި މަނިކުފާނު އަދާ ކުރެއްވީ ބޮޑު ދައުރެކެވެ. މަނިކުފާނު އެ ދުވަހު ވިދާޅުވި ބަސް ގަބޫލުކޮށް، އެ ޖޯޝުގައި ދިވެހިން ނުކުމެ 2018 ގެ ރިޔާސީ އިންތިހާބުގައި ވެރިކަން ބަދަލުކުރި އެވެ.

މިހިނގާ ވެރިކަމުގައި، ޔާމީނު ދެވަނަ ފަހަރަށް ޖަލުގައި އެ ހުންނެވީ، އެއްކަލަ ދުވަހު މަނިކުފާނު ވިދާޅުވި، 'ފެންތަށްޓަކާ ނުލައި ދިރުވާލި' ރަށެއްގެ މައްސަލައިގަ އެވެ. މިލިއަން މިލިއަނުން ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ޑޮލަރުތަކުގެ މައްސަލައިގަ އެވެ. މަނިކުފާނު އެ ދުވަހު ވިދާޅުވީ ހަމަ ތެދު ބަހެއްކަން ޔާމީނުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ސާބިތުވީ އެވެ.

އެހެން ނަމަވެސް މިއަދު ތިޔަ ހެއްދެވީ ކިހިނެއްތޯ އެވެ؟ ޔާމީނު މިނިވަންކުރުމަށް ގޮވާލާ ބަޔަކާއެކު، ކޮނޑަށް އަތްވައްޓާލައިގެން ހުންނަވައި ފޮޓޯއެއް ނަންގަވައި، އެ ގޮވާލުމުގައި ތިޔަ ބައިވެރިވެވަޑައިގަތީ އެ ދުވަހު މަނިކުފާނުގެ ބަހަށް އިތުބާރުކުރި މީހުންގެ ހިތުގައި ޖައްސައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލަށާއި ކުރިއެރުމަށް ނުހަނު މުހިންމު ކަމަކަށް ވާނޭކަން ގަބޫލުކުރަމެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަލުން ވަޑައިގަތުމަށްޓަކައި މަނިކުފާނު ނުހަނު މަސައްކަތް ކުރައްވާކަންވެސް އެނގެ އެވެ. އެހެންނަމަވެސް، އެ މަސައްކަތުގައި ބޭނުންކުރާ އާލާތެއްގެ ގޮތުގައި ޕީޕީއެމްއާއި ރައީސް ޔާމީނުގެ ފިކުރަކީ އެމްޑީޕީގެ ވެސް ފިކުރުކަމަށް ވިދާޅުވީމާ އެކަން ބަލައިގަންނަން އުނދަގުލެވެ. ރައީސް ޔާމީނަކީ ވަކި ތަފާތު ބޭފުޅެއް ނޫންކަމަށް ތިޔަ ވިދާޅުވި ވިދާޅުވުން އަމުދުން ގަބޫލެއް ނުކުރެވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ހެއްދެވިހާ ގޮތަކަށް ރުހިގެން ސަނާކިޔާ މީހެއްގެ ގޮތުގައި އަޅުގަނޑަށްވެސް ހުރެވުނީހެވެ. އެގޮތަށް ހުރިނަމަ، އަޅުގަނޑުގެ ވިޔަފާރިއަށް އަންނާނޭ ކުރިއެރުންތަކާއި، އިތުރުވާނޭ މާލީ ތަނަވަސްކަން ދޫކޮށްލައި، އަޅުގަނޑު ހިޔާރުކުރީ މަނިކުފާނާއެކު މަގުމައްޗަށް ނުކުތުމެވެ. އެއީ މާދަމާއަށްޓަކައި މިއަދު ގުރުބާންކޮށް، ގާތް މީހުންނާއި އާއިލާއަށް އެތައް ތަކުލީފެއް ޖެއްސި ނިންމުމެކެވެ. މަނިކުފާނާއެކު ހަރުއަޑުން ކުރަމުންދިޔަ އިހުތިޖާޖުގެ ނަތީޖާއަކީ އަޅުގަނޑު ޖަލުގެ ކުޑަގޮޅި ތަޖުރިބާކުރަން ޖެހުމެވެ. އެ ހާލަތުވެސް އަޅުގަނޑު ތަހައްމަލުކުރީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް މަސައްކަތްކޮށްގެން ޖަލުގައި އޮންނަންޖެހުމަކީ ފަހުރެއް ކަމުގައި ދެކިގެންނެވެ.

އަޅުގަނޑު ކަހަލަ އެތައް ބަޔެކެވެ. ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށް ވިދާޅުވެދެއްވީ މަނިކުފާނެވެ. އެއީ ފަސާދައިގެ މައި މޫ ކަމަށް ވިދާޅުވެދެއްވީ ވެސް މަނިކުފާނެވެ. އެ ބަސް ގަބޫލުކޮށް އަޅުގަނޑުމެންގެ އެތައް ބަޔަކު ޔާމީނުއާ ދުޝްމަނުވުމުން، ދަނޑިވަޅު ބައްލަވާފައި މަނިކުފާނު އޭނާއަށް ހިތްޕުޅުހެޔޮކުރައްވައި ގުޅުން ބަދަހި ކުރެއްވުމަކީ އަޅުގަނޑުމެންނަށް ދެއްވި ލަނޑެކެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ޕީޕީއެމްގެ މެންބަރުން ނެރުމަށް އެޕާޓީން ކުރާ މަސައްކަތަކީ މަނިކުފާނު ތިޔަ ގެންގުޅުއްވާ ކެމްޕެއިން އުކުޅުގެ އަލިގަދަ ހެއްކެކެވެ. އެކަމުގައި އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.

ވީކަމެއް ނުވާކަމަކަށް ނުހެދޭނެ އެވެ. މަނިކުފާނު އެ ފޮޓޯ ނަންގަވައިފީމު އެވެ. 'ބޭނުންވާ ފޮޓޯ ލިބިއްޖެ' ކަމަށް ޔާމީނު ވެސް ޖަލުގައި އޮވެގެން ބުނާނެ އެވެ. އެކަމާ ވަރަށް ހޭނެ އެވެ. މަނިކުފާނުގެ ބަސް ގަބޫލުކޮށް ޔާމީނާ ދެކޮޅުވެވުމުން އަޅުގަނޑުމެންނަށް މިވީ ވާލަށް ވީ ގޮތެވެ. އުދުހެވުނަސް ސިފަ ހުތުރުކަމުންނާއި ވީދައި ކާތީ ދޫންޏަކަށް ނުވި އެވެ. އުދުހެވޭތީ ޖަނަވާރަކަށްވެސް ނުވި އެވެ.

-- އަބްދުﷲ، ހދ. ނޮޅިވަރަންފަރު

އަދަދު ސިޓީބިޓީ


ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައިވަނީ "އަދަދު ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.