Advertisement

އެސްޓޯނިއާގެ ސަފީރު ރަޝިއާއިން ފުރުމަށް އަންގައިފި

24 ޖަނަވަރީ 2023 - 06:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެސްޓޯނިއާގެ ސަފީރު މާގަސް ލެއިޑްރޭ. -- ފޮޓޯ: އޭޕީ


އެސްޓޯނިއާގެ ސަފީރު ރަޝިއާއިން ފުރުމަށް އަންގައިފި

24 ޖަނަވަރީ 2023 - 06:10 0

އެސްޓޯނިއާއިން ރަޝިއާއާ ދެކޮޅު ވިސްނުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް، އެ ގައުމުގެ ސަފީރު ފެބްރުއަރީ ހަތް ވަނަ ދުވަހު ކުރިން ރަޝިއާއިން ފުރުމަށް އަންގައިފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެސްޓޯނިއާއިން "ގަސްދުގައި ރަޝިއާއާ އެކު އޮތް ގުޅުން ސުންނާފަތިކޮށްލާފައިވާ" ކަމަށެވެ.

އެސްޓޯނިއާގެ މާގަސް ލެއިޑްރޭއަކީ މިދިޔަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިއާއިން ފޮނުވާލަން ނިންމި ފުރަތަމަ ސަފީރެވެ.

އެސްޓޯނިއާއިން ދާދި ފަހުން ވަނީ އެ ގައުމުގައި ހުންނަ ރަޝިއާ އެމްބަސީ ކުޑަކުރަން އަންގައިފަ އެވެ. އެގޮތުން އެމްބަސީގެ މުވައްޒަފުންގެ އަދަދު 17 އިން އަށަކަށް ކުޑަކުރަން އެންގި އެވެ.

އެސްޓޯނިއާއިން ބުނީ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ދެ ގައުމުގެ ގުޅުން ކުރިއަރުވަން އެމްބަސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

އޭގެ އިތުރުން މިދިޔަ ހަފުތާގައި ނޭޓޯގެ 11 ގައުމެއްގެ މަންދޫބުން އެސްޓޯނިއާގެ އަސްކަރީ މަރުކަޒެއްގައި ބައްދަލުކޮށް ޔޫކްރެއިނަށް އެހީވެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި މައްސަލަ ވެސް ހޫނުވި އެވެ.

ރަޝިއާގައި ހުންނަ އެސްޓޯނިއާގެ ސަފީރު ކަމަށް ލެއިޑްރޭ ހަމަޖެއްސީ 2018 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތާއި ފިންލޭންޑްގެ ސަފީރުކަން ކުރައްވައިފަ އެވެ.

ރަޝިއާގެ އެންގުމާ އެކު ލެއިޑްރޭގެ ބަދަލުގައި ދެން އެމްބަސީގައި ހުންނަވާނީ ޗާގް ޑި އެފެއާޒްގެ މަގާމު ފުރުއްވާ ބޭފުޅެކެވެ. އެއީ ސަފީރަކަށް ވުރެ ދަށް ރޭންކެއްގެ ޑިޕްލޮމެޓެކެވެ.