Advertisement

ގައުމީ ޓޭބަލް ޓެނިސް މުބާރާތް: ދީމާ ތަށި މިލްކުކުރިއިރު، ޝައްފާން ފުރަތަމަ ތަށި ހޯދައިފި

31 ޑިސެންބަރު 2022 - 02:14 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ޓީޓީ މުުބާރާތުގެ މި ފަހަރުގެ ޗެމްޕިއަނުން ކަމަށްވާ ޝައްފާން (ކ) އާއި ދީމާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ޓޭބަލް ޓެނިސް މުބާރާތް: ދީމާ ތަށި މިލްކުކުރިއިރު، ޝައްފާން ފުރަތަމަ ތަށި ހޯދައިފި

31 ޑިސެންބަރު 2022 - 02:14 0

މިރޭ ނިމިގެންދިޔަ، 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި މުބާރާތުގެ ތަށި ފާތިމަތު ދީމާ އަލީ މިލްކުކުރިއިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފި އެވެ.

ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދީމާ ހޯދީ މިދިޔަ ތިން ފައިނަލުގައިވެސް ކުޅުނު އައިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ. ފައިނަލް މެޗު ދީމާ ކާމިޔާބުކުރީ ސީދާ ހަތަރު ގޭމުންނެވެ. ދީމާ ގޭމްތައް ގެންދިޔައީ 15-13، 11-08، 11-09 އަދި 11-03 އިންނެވެ.

ރަފާ އާއި ދީމާ އަކީ އަންހެން ސިންގަލްސްގައި މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ.

ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޝައްފާން ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަތުން މޮޅުވެގެންނެވެ. ފައިނަލު މެޗުން ޝައްފާން މޮޅުވީ މެޗުގެ މެދުތެރެއިން އަނިޔާގެ ސަބަބުން މުންސިފް މެޗު ދޫކޮށްލުމުންނެވެ. މުންސިފް މެޗު ދޫކޮށްލިއިރު ކުރީގައި އޮތީ ވެސް ޝައްފާން އެވެ.

ޝައްފާން ކުރީގައި އޮތީ ދެ ގޭމް އެއް ގޭމުންނެވެ. އެއީ 11-09، 09-11، 11-03 އިންނެވެ. ހަތަރު ވަނަ ގޭމް ފަށައިގެން، ވަކި ހިސާބަކުން މުންސިފް ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެތީވެ މެޗު ދޫކޮށްލީ އެެވެ. މެޗު ފަށައިގެން ހަަމަޖެހިނުލެވެނިސް ފަޔަށް ލިބުނު އަނިޔާއާ ހެދި މުންސިފް މެޗު ކުރިއަށް ގެންދެވޭތޯ ހުރިހާ ގޮތަކުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މުބާރާތުގެ ޓީމު އިވެންޓަށް ބަލާއިރު އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ދީމާ، ޒާރާ ހަސަން ލަތީފް އަދި ތައިލެންޑް ކުޅުންތެރިއެއް ކުޅުނު ކަސްޓަމްސް ފައިނަލުގައި މޮޅުވީ އިހާ ޓޭބަލް ޓެނިސް އެކަޑެމީ އަތުންނެވެ.

ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފިރިހެން ޓީމް އިވެންޓު ފައިނަލް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. މިގޮތުން ހަމަހަމަކޮށްދިޔަ ފައިނަލުގައި ކީންސް ސްޕޯޓްސް ކުލަބު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގައުމީ ޗެމްޕިއަން ޝައްފާން، ޒީކް އަދި އިބްރާހިމް ލަތީފް ހިމެނުނު އިހާ އެކަޑެމީ އެވެ.

ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާ އާއި ޒާރާގެ ޕެއާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޙްޔާރު އަހުމަދު ހާލިދު އާއި ޝައްފާންގެ ޕެއާ އެވެ.

ޖުމްލަ އެކު، 65 ކުޅުންތެރިން ވާދަކުރި ގައުމީ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީމާ އެވެ. ދީމާ ފައިނަލު މެޗު ކާމިޔާބުކުރި މިޝްކާ މުހައްމަދު އިބްރާހިމްއާ ވާދަކޮށްގެންނެވެ. އަނެއްކޮޅުން، 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަޙްޔާރު އެވެ. އެއީ ފައިނަލުގައި ޒީކް ހަސަން ލަތީފް ބަލިކޮށްގެންނެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްޔާ އަހުމަދު އާދަމް އެވެ. މި އުމުރުފުރާގެ ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމައިރު މުހައްމަދު މުއިއްޒު އެވެ. އެއީ ފައިނަލުގައި މުހައްމަދު އާލް އިމްރާން ބަލިކޮށްގެންނެވެ.