29 ޑިސެންބަރު 2022 - 12:34 0
ސޮލިޑަރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން މުންސިފް (ވ) ޝައްފާން ޑަބަލްސް މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
29 ޑިސެންބަރު 2022 - 12:34 0
މިހާރު ކުރިއަށްދާ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއިލް ޖާގަ ހޯދައިފި އެވެ.
މި އަހަރުގެ ގައުމީ މުބާރާތުގައި މިހާތަނަށް ޖޫނިއާ ދެ އުމުރުފުރާ ކަމަށްވާ 13 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ޑަބަލްސް އަދި ސިންގަލްސް ހުރިހާ މެޗެއް ވަނީ ނިމިފަ އެވެ. ބާކީ ހުރީ ފުރަތަމަ ޑިވިޝަންގެ ފައިނަލު އެކި އިވެންޓުތަކުގެ ފައިނަލް މެޗުތަކެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ މުންސިފް އާާއި ޝައްފާން އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މުންސިފް މޮޅުވީ މުހައްމަދު ޒީސްތު ނަަސީމް އަތުން ސީދާ ހަތަރު ގޭމުންނެވެ. ޝައްފާން ސެމީ ފައިނަލް ދެވަނަ މެޗުގައި މޮޅުވީ އަޙްޔާރު އަހުމަދު ހާލިދު އަތުން 4-2 ގޭމުންނެވެ.
ގައުމީ ޓީޓީ މުބާރާތުގެ މެޗެއްގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަންހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ވާދަކުރަނީ ފާތިމަތު ދީމާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލް އެވެ. ދެ ވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ އައިޝަތު ރަފާ ނާޒިމް އާއި އާމިނަތު ޝިއުރާ ޝަރީފް އެވެ.
މުބާރާތުގައި މިހާތަނަށް ނިމުނު ސިންގަލްސް އެހެން އިވެންޓްތަކަށް ބަލާއިރު 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާތިމަތު ދީމާ އަލީ އެވެ. ދީމާ ފައިނަލު މެޗު ކާމިޔާބުކުރި މިޝްކާ މުހައްމަދު އިބްރާހިމްއާ ވާދަކޮށްގެންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަޙްޔާރު އެވެ. އެއީ ފައިނަލުގައި ޒީކް ހަސަން ލަތީފް ބަލިކޮށްގެންނެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްޔާ އަހުމަދު އާދަމް އެވެ. މި އުމުރުފުރާގެ ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމައިރު މުހައްމަދު މުއިއްޒު އެވެ. އެއީ ފައިނަލުގައި މުހައްމަދު އާލް އިމްރާން ބަލިކޮށްގެންނެވެ.
މުބާރާތުގެ ޓީމް އިވެންޓް ފައިނަލްތަކާއި ފުރަތަމަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ސިންގަލްސް ފައިނަލު މެޗު ކުޅޭނީ މާދަމާ ރޭ އެވެ.
Comment