22 ޑިސެންބަރު 2022 - 05:14 0
22 ޑިސެންބަރު 2022 - 05:14 0
ބީނޯޒް އެރީޒް، އާޖެންޓީނާ (ޑިސެމްބަރު 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ގައުމުގެ ފައިސާ، 1،000 ޕެސޯގެ ނޫޓުގައި ލިއޮނަލް މެސީގެ ފޮޓޯ ޖެހުމާ ގުޅޭ ގޮތުން އާޖެންޓީނާގެ ސެންޓްރަލް ބޭންކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މި މަހު ގަތަރުގައި ނިމުނު ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އިން ހޯދީ ފައިނަލުގައި ފްރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އާޖެންޓީނާގެ ކެޕްޓަން މެސީގެ ކާމިޔާބު ކެރިއަރުގައި އޭނާ އަށް ނުލިބި އޮތް ހަމައެކަނި ތަށި ކަމަށްވާ ވޯލްޑް ކަޕް އޭނާ އުފުލާލި ފުރަތަމަ ފަހަރުވެސް މެ އެވެ.
އާޖެންޓީނާ އިން މި ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ގައުމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުން އަންނައިރު ނޫޓުގައި މެސީ އާއި އާޖެންޓީނާ ޓީމުގެ ފޮޓޯ ޖެހުމާ ގުޅޭ ގޮތުން ސެންޓްރަލް ބޭންކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 1000 ޕެސޯގެ ނޫޓުގައި ފޮޓޯ ޖެހުމަށް ނިންމީ ކެޕްޓަން މެސީގެ ޖާޒީ ނަންބަރު ކަމަށްވާ 10އާ ގުޅުވައިފަ އެވެ. 100 ޕެސޯގެ ނޫޓުގެ އެއް ފަޅީގައި މެސީގެ ފޮޓޯ ޖަހަން ހުށަހަޅާފައި ވާއިރު އެ ނޫޓުގެ އަނެއް ފަޅީގައި ޖެހުމަށް ނިންމާފައިވަނީ އާޖެންޓީނާ ޓީމުގެ ފޮޓޯ އެކެވެ.
އެންމެ ފުރަތަމަ އެ ގައުމުން ކުޅިވަރާއި ގުޅުން ހުރި ފައިސާ އެއް ނެރުނީ 1978 ވަނަ އަހަރުގަ އެވެ. އެއީ ވޯލްޑް ކަޕްގެ ތަށި އެގައުމުން ފުރަތަމަ ފަހަރަށް އުފުލާލުމުންނެވެ.
އޭގެ ފަހުން އާޖެންޓީނާގެ ކުރީގެ ރައީސް ހުއާން ޑޮމިނިގޯ ޕެރޮންގެ އަނބިކަނބަލުން އީވާ ޕެރޮން އަވަހާރަވިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ދެހާހުގެ ކުރީކޮޅު ވެސް ހާއްސަ ފައިސާ ފޮއްޗެއް ނެރުނެވެ.
އާޖެންޓިނާގެ ކުޅުންތެރިން މިވަގުތު ތިބީ ގައުމުގައި ކުރިއަށްގެންދާ އުފާ ފާޅުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ގައުމުގަ އެވެ. މި ހަރަކާތްތައް ނިމުމާއިއެކު އާ އަހަރަށް ފަހު ހުރިހާ ކުޅުންތެރިން ވެސް އެނބުރި ކްލަބުތަކާ ގުޅޭނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment