Advertisement

ދެކުނު ކޮރެއާ އިން އުރުގުއޭ ހިފަހައްޓައިފި

24 ނޮވެންބަރު 2022 - 20:28 0

އުރުގުއޭގެ ވަލްވޭޑޭ (ވ) ކައިރިން ކޮރެއާގެ ސޮން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.


ދެކުނު ކޮރެއާ އިން އުރުގުއޭ ހިފަހައްޓައިފި

24 ނޮވެންބަރު 2022 - 20:28 0

ދޯހާ، ގަތަރު (ނޮވެމްބަރު 24) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދެކުނު ކޮރެއާ އިން މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އުރުގުއޭ ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފި އެވެ.

މިއީ އުރުގުއޭ އާއި ދެކުނު ކޮރެއާ ބައްދަލުކުރި 11 މެޗުގެ ތެރެއިން އުރުގުއޭ އަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެކުނު ކޮރެއާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، އެ ޓީމުގެ ކެޕްޓަން، ސޮން ހެއުން މިން، އަށް ލިބޭ ބޯޅަތަކުގައި އުރުގުއޭގެ ޑިފެންޑަރުން ދިޔައީ ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެމުންނެވެ.

ކައުންޓަ އެޓޭކުގައި އުރުގުއޭގެ ޑާވިން ނޫނޭޒާއި ލުއިސް ސުއަރޭޒަށް އެޓޭކްކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުންދިޔައީ ރަނގަޅަށް ނުހިފި އެވެ.

ފުރަތަަމަ ހާފުގައި އުރުގުއޭ އޭރިއާތެރެއިން ދެކުނު ކޮރެއާގެ ފޯވާޑް، އުއީ ޖޯ ހްވާންް އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އުރުގުއޭ އަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހައިދޭން ޓީމުގެ ކެޕްޓަން، ޑިއޭގޯ ގޮޑިން ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އުރުގުއޭގެ ނޫނޭޒް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހުރަސްކުރަން ފޮނުވާލި ބޯޅަ ދެކުނު ކޮރެއާގެ ކީޕަރު، ކިމް ސިން ގިޔޫ ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި އުރުގުއޭ އިން ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ދެކުނު ކޮރެއާ އަށް ގޯލެއް ޖަހައިދޭން ދެ ވަނަ ހާފުގައި ސޮން އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

އުރުގުއޭ މެޗުން މޮޅުކޮށްދޭން ފަހު ވަގުތު އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު، ފެޑެރީކޯ ވަލްވޭޑޭ ޖެހި ބާރު ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ ގޯލާ ސީދާވި ނަމަ ކީޕަރު ކިމް އަށް ހުއްޓުވަން އުނދަގޫވާނެ އެވެ.

ފީފާ ވޯލްޑް ކަޕްގައި މިރޭގެ މެޗުގެ ކުރިން ދެ ފަހަރެއްގެ މަތިން އުރުގުއޭ އާއި ދެކުުނު ކޮރެއާ ބައްދަަލުކޮށްފައިވެ އެވެ. އެއީ 1990 ވަނަ އަހަރާއި 2010 ވަނަ އަހަރު އެވެ. އެ ގޮތުން 1990 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފަހު ވަގުތު ގޯލު ޖަހައި އުރުގުއޭ މޮޅުވީ 1-0 އިންނެވެ. އޭގެ ފަހުން، 2010 ވަނަ އަހަރުގެ މުބާރާތުގައި އުރުގުއޭ އިން ގަދަ 16 ބުރުގައި ދެކުނު ކޮރެއާ ބަލިކުރި އެވެ. އެކަމަކު، މިރޭގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.