Advertisement

ސޮންގެ މާސްކަށް އުރުގުއޭ އިން ނުބަލާނެ

24 ނޮވެންބަރު 2022 - 11:51 1

ދެކުނު ކޮރެއާގެ ޕްރެކްޓިހެއްގެ ތެރެއިން ސޮން: ލޮލު ކައިރީ ކަށިގަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާތީ ސޮން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނީ މާސްކެއް އަޅައިގެން


ސޮންގެ މާސްކަށް އުރުގުއޭ އިން ނުބަލާނެ

24 ނޮވެންބަރު 2022 - 11:51 1

ދޯހާ، ގަތަރު (ނޮވެމްބަރު 24) - އަނިޔާގެ ސަބަބުން ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނީ މޫނުގައި މާސްކެއް އަޅައިގެން ކަމަށް ވިޔަސް، އެއީ އޭނާގެ ފުޓްބޯޅައިގެ ހުނަރާ މެދު އިތުރު ވިސްނުމަކަށް ދާން ޖެހޭ ސަބަބެއް ނޫން ކަމަށް އުރުގުއޭ ޓީމުގެ ކޯޗު ޑިއޭގޯ އަލޮންސޯ ބުނެފި އެވެ.

ސޮން ،30، ގެ ކަނާތު ލޮލުގެ ކަށިގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މި މަހުގެ އެއް ވަނަ ދުވަހު މާސޭ އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގަ އެވެ. މި އަނިޔާ ރަނގަޅުވެ، ވޯލްޑް ކަޕްގައި ކުޅެން ފިޓްވުމުގެ އަމާޒުގައި ސޮން ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ. ސާޖަރީ އަށް ފަހު ޑޮކްޓަރުގެ ލަފާގެ މަތިން ސޮން، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެން ނިންމީ މޫނުގައި މާސްކެއް އަޅައިގެންނެވެ. މިހާރު ދެކުނު ކޮރެއާގެ ޕްރެކްޓިސްތަކުގައި ވެސް ސޮން ބައިވެރިވަމުން އަންނަނީ މާސްކް އަޅައިގެންނެވެ.

ދެކުނު ކޮރެއާގެ ކޯޗު، ޕޯޗުގަލްގެ ޕައުލޯ ބެންޓޯ ބުނީ މާސްކެއް އަޅައިގެން ކުޅެން ޖެހޭތީ ސޮން އަށް ވަކި އުނދަގުލެއް ނުވާ ކަމަށެވެ. އެކަމަކު، މާސްކް އަޅައިގެން ކުޅޭއިރު، އެ ހުރި "ރިސްކު" ތަކުގެ މައުލޫމާތު ސޮން އަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އެ ކަންތައްތަކަށް ސަމާލުވާނެ ކަމަށް ބެންޓޯ ވަނީ ބުނެފަ އެވެ.

ބެންޓޯގެ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެމުން އުރުގުއޭގެ ކޯޗު އަލޮންސޯ ބުނީ ސޮން އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން ފުޓްބޯޅައިގެ ގިނަ ބަޔަކަށް އެނގޭނެ ކަމަށާއި އުރުގުއޭ އިން ވެސް ސޮންއާ މެދު ވިސްނާނީ އޭނާގެ ފުޓްބޯޅަ ހުނަރުގެ ލެވަލް އެނގިގެން ކަމަށެވެ.

"މި ދައްކަނީ ގައުމީ ޓީމަށް 100 މެޗު ކުޅެފައި ގިނަ ގޯލުތަކެއް ޖެހި ކުޅުންތެރިއެއްގެ ވާހަކަ. ސޮން ހުރީ މާސްކް އަޅައިގެން ކަމަށް ވިޔަސް، އޭނާގެ ލެވަލް އަހަރެމެންނަށް އެނގޭ، ސަމާލުވާނަން،" އަލޮންސޯ ބުންޏެވެ.

ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އުރުގުއޭ އާއި ދެކުުނު ކޮރެއާ ބައްދަަލުކޮށްފައިވެ އެވެ. އެއީ 1990 ވަނަ އަހަރާއި 2010 ވަނަ އަހަރު އެވެ. އެ ގޮތުން 1990 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފަހު ވަގުތު ގޯލު ޖަހައި އުރުގުއޭ މޮޅުވީ 1-0 އިންނެވެ. އޭގެ ފަހުން، 2010 ވަނަ އަހަރުގެ މުބާރާތުގައި އުރުގުއޭ އިން ގަދަ 16 ބުރުގައި ދެކުނު ކޮރެއާ ބަލިކުރީ ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު 2-1 އިންނެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ސުއަރޭޒް އުރުގުއޭ ޓީމުގައި ހިމެނެ އެވެ. ސުއަރޭޒްގެ އިތުރުން މި ފަހަރުގެ އުރުގުއޭ ޓީމުގައި ހިމެނޭ އިތުރު ހަތަރު ކުޅުންތެރިއަކު މި ކުޅެނީ ހަތަރު ވަނަ ވޯލްޑް ކަޕްގަ އެވެ. އެ ކުޅުންތެރިންނަކީ ޓީމުގެ ކެޕްޓަން ޑިއޭގޯ ގޮޑިން، އެޑިސަން ކަވާނީ، ފެނާންޑޯ މުސްލޭރާ އަދި މާޓިން ސަސޭރޭސް އެވެ.

ގޮޑިން، 36، ބުނީ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އޭޝިއާގެ ދެ ޓީމު ކަމަށްވާ ސައުދީ އަރަބިއްޔާ އާއި ޖަޕާން ދައްކާފައިވާ ކުޅުމަށް ބަލާނަމަ، ދެކުނު ކޮރެއާއާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.

"ދެކުނު ކޮރެއާ އަކީ 2002 ވަނަ އަހަރު ސެމީ ފައިނަލްގައި ވެސް ކުޅެފައި އޮތް ގައުމެއް. އެ މީހުންނަށް އިހުތިރާމް ދީގެން. އެއީ ކޮން ލެވަލެއްގެ ކުޅުންތެރިން ތިބި ޓީމެއްކަން ދަނެގެން އަހަރެމެން މި މެޗަށް މި ނުކުންނަނީ،" ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ކެޕްޓަން، ގޮޑިން ބުންޏެވެ.

އުރުގުއޭ އާއި ދެކުނު ކޮރެއާ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 17:00 ގަ އެވެ.