Advertisement

ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ހެދި އަލާގެ ހާލަތު ގޯސް: އާއިލާ

18 ނޮވެންބަރު 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސްރުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެކްޓިވިސްޓު އަލާ އަބްދެލް ފައްތާހް. -- ފޮޓޯ: ފްރީ އަލާ ކެމްޕެއިން


ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ހެދި އަލާގެ ހާލަތު ގޯސް: އާއިލާ

18 ނޮވެންބަރު 2022 - 05:37 0

މިސްރުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެކްޓިވިސްޓް އަލާ އަބްދެލް ފައްތާހް ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލާ ހެދި އޭނާގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ހަތް މަސް ވަންދެން ކުރިއަށް ގެންދިޔަ ހަޅުތާލު ނިންމާލިކަން އަލާ އާއިލާއަށް އެންގީ މަންމައަށް މިދިޔަ ހޯމަަ ދުވަހު ފޮނުވި ސިޓީއެއްގަ އެވެ. އޭގެ ފަހުން އާއިލާއާ ބައްދަލުވީ ބުރާސްފަތި ދުވަހު އެވެ.

"އަހަރުމެންނަށް އަލާ ފެނިއްޖެ. އޭނާ ހުރީ ބަލިކަށިވެ، ނަފުސާނީ ގޮތުން ވެސް ހާލަތު ގޯސްކޮށް،" އަލާގެ ދައްތަ ސަނާ ސެއިފް ކުރި ޓްވީޓެއްގައި ބުންޏެވެ.

އުމުރުން 40 އަހަރުގެ އަލާ މަގްބޫލުވީ 2011 ވަނަ އަހަރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްއާ ދެކޮޅަށް ހިންގި ބޮޑު އިންގިލާބުގެ ތެރެއިންނެވެ.

އޭގެ ފަހުން މިސްރުގައި އޮތީ ޑިމޮކްރެޓިކް އުސޫލުތަކާ އެއް ގޮތަށް އިންތިހާބު ކުރި ސަރުކާރެކެވެ. އެކަމަކު 2014 ވަނަ އަހަރު އަސްކަރީ ބަގާވާތެއްކޮށް، ރައީސްކަމަށް ވަޑައިގެންނެވީ އަބްދުލް ފައްތާހް އަލް ސިސީ އެވެ.

ސިސީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އަލާ ގިނަ ވަގުތު ހުރީ ޖަލުގައި ނުވަތަ ފުލުހުންގެ ބަންދުގަ އެވެ. މިދިޔަ އަހަރު އޭނާގެ މައްޗަށް ސާބިތުވީ ދޮގު ހަބަރު ފެތުރި ކަމަށެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

އަލާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ ނުހައްގަން ބަންދުކޮށްފައި ހުރި ކަމަށް ބުނެ އެވެ. އޭގެ ފަހުން ނޮވެމްބަރު ހަ ވަނަ ދުވަހު ފެން ބުއިން ވެސް ހުއްޓާލި އެވެ.

ފެން ބުއިން ހުއްޓާލީ މިސްރުގައި ފެށި ތިމާވެށި ސަމިޓު ކޮޕް27 އާ ދިމާކޮށް ދުނިޔޭގެ ވެރިންގެ ސަަމާލުކަން ހޯދައި، މިސްރުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ.

އަލާއަކީ މިސްރާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެކެވެ. އެކަމަކު އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމަށް ބަލައިގަންނަން މިސްރުން ދެކޮޅު ހަދަ އެވެ.