Advertisement

ގާނާޗޯ ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށްދީފި

14 ނޮވެންބަރު 2022 - 00:14 0

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ގާނާޗޯ (ވ) އެ ޓީމުގެ ފެނާންޑޭސްއާ އެކު.


ގާނާޗޯ ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށްދީފި

14 ނޮވެންބަރު 2022 - 00:14 0

ލަންޑަން (ނޮވެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ ފަހު ވަގުތު 18 އަހަރުގެ އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ފުލަމް ބަލިކޮށްފި އެވެ.

މި މޮޅާ އެކު ޔުނައިޓެޑުން ވަނީ ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ގާތަށް ޖެހިލައިފަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމަށް 15 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ އޮތީ 14 މެޗުން 26 ޕޮއިންޓެވެ. މެޗު ހަމަކުރާއިރު، ޔުނައިޓެޑަށް ޓޮޓެންހަމާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ އެއް ވަނައިގައި އޮތް، އާސެނަލާއި ޔުނައިޓެޑާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 14 ވަަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިިދިނީ ކްރިސްޓިއަން އެރިކްސަން ޖެހި ގޯލުންނެވެ. ކައުންޓައެޓޭކުގައި ބްރޫނޯ ފެނާންޑޭސް އޭރިއާ ތެރެއިން ޖައްސާލި ބޯޅަ އެރިކްސަން ވަނީ ވެއްޓިގެންފައި ގޯލަށް ވައްދާލައިފަ އެވެ. މިއީ މި ފަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުނައިޓެޑަށް ބަދަލުވި އެރިކްސަން އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ފުލަމް އަށް މެޗުގެ 61 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ޑެނިއަލް ޖޭމްސް އެވެ. މިއީ އޭރިއާތެރެއިން ހުސްކޮށް އަރައި، ޖޭމްސް ޖެހި ގޯލެކެވެ. ފުލަމް އަށް ލީޑުނަަގައިދޭން ޕޯޗުގީސް މިޑްފީލްޑަރު ޕަލީނިއާ ޖެހި އޯވަހެޑްކިކް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މެޗުން މޮޅުވާން ޔުނައިޓެޑުން ވަނީ 71 ވަނަ މިނިޓްގައި އެންތަނީ މާޝިއަލްގެ ބަދަލުގައި ގާނާޗޯ ކުޅެން އަރުވައިފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަހު މިނިޓް ތެރޭ ގާނާޗޯ ގޯލު ޖެހީ އެރިކްސަން ދިން ބޯޅައަކަށް އަރަ އެވެ.

މިއީ ޔުނައިޓެޑް ސީނިއާ ޓީމަށް ގާނާޗޯ ޖަހައިދިން ދެ ވަނަ ގޯލެވެ. ފުރަތަމަ ލަނޑު ޖެހި ޔޫރޮޕާ ލީގުގައި ރެއާލް ސޮސިއެޑާޑް ދަނޑުގައި އެ ޓީމު އަތުން ޔުނައިޓެޑް މޮޅުކޮށްދޭށެވެ. ގާނާޗޯ އަކީ ފެޑެރީކޯ މަޗޭޑާ އަށް ފަހު ލީގުގައި ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށްދޭން ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ލީގުގައި މިރޭ ބްރައިޓަން ދަނޑުގައި ކުޅުނު މެޗުން އުނާއީ އެމެރީ ކޯޗުކޮށްދޭ އެސްޓަން ވިލާ ވަނީ 2-1 އިން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ މިނިޓްގައި ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެސްޓަން ވިލާ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ޑެނީ އިންގްސް އެވެ. މިއީ އެސްޓަން ވިލާގެ ޖޯން މެކްގިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފްގައި އިންގްސް ވަނީ އިތުރު ގޯލެއް ޖަހައި އެސްޓަން ވިލާ މޮޅުކޮށްދީފަ އެވެ.