Advertisement

ރާމޯސް އާއި ތިއާގޯ ބާކީކޮށް ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި

11 ނޮވެންބަރު 2022 - 19:02 0


ރާމޯސް އާއި ތިއާގޯ ބާކީކޮށް ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި

11 ނޮވެންބަރު 2022 - 19:02 0

މެޑްރިޑް (ނޮވެމްބަރު 11) - ގަތަރުގައި މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް 2010 ވަނަ އަހަރުގެ ޗެމްޕިއަން، ސްޕެއިނުން ނެގި ސްކޮޑުން، ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ރާމޯސް އާއި ތިއާގޯ އަލްކަންޓަރާ ބާކީކޮށްފި އެވެ.

ވޯލްޑް ކަޕްގައި ކުޅެން ސްޕެއިނުން މިއަދު އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ޕީއެސްޖީގެ ރާމޯސް އާއި ލިވަޕޫލްގެ ތިއާގޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ އާއި ޗެލްސީގެ ގޯލްކީޕަރު، ކެޕާ އަރިއްޒަބަލާގާ ވެސް ނުހިމެނެ އެވެ.

ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްކޮޑުން ވެސް ރާމޯސް، 36، އަށް ފުރުސަތެއް ނުދެ އެވެ. ރާމޯސް އަކީ ސްޕެއިނުން 2008 އާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށް 2010 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއެކެވެ. ރާމޯސް އަކީ މިދިޔަ އަހަރުތަކުގައި ސްޕެއިން ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ.

ރާމޯސް ވަނީ ސްޕެއިނަށް 180 ވަނަ މެޗު ކުޅެދީފަ އެވެ. އޭނާ އެންމެ ފަހުން ސްޕެއިނަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ކުރިންނެވެ.

މިދިޔަ އަހަރު ޔޫރޯގައި ވާދަކުރި ސްޕެއިން ސްކޮޑުގައި ތިއާގޯ ހިމެނި އެވެ. ތިއާގޯ ވަނީ ޔޫރޯގެ ދެ މެޗެއްގައި ވެސް ކުޅެފަ އެވެ. އެކަމަކު، މި ފަހުން ތިއާގޯ، 31، އަށް ގައުމީ ޓީމުން ފުރުސަތު ލިބުން ވަނީ އުނދަގޫ ކަމަށްވެފަ އެވެ.

ސްޕެއިން ޓީމުން ފުރުސަތު ލިބުނު އެއް ކުޅުންތެރިއަކީ އަނިޔާއިން ރަނގަޅުވެ، އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ބާސެލޯނާގެ 20 އަހަރުގެ ފޯވާޑް އަންސޫ ފާޓީ އެވެ. އޭނާ އަށް ޓީމުން ޖާގަ ދިނީ އެންމެ ފަހު ވަގުތު ޓެކްނިކަލް ޓީމުގެ މަޝްވަރާގެ މަތިން ކަމަށް އެންރީކޭ މިއަދު ވަނީ ބުނެފަ އެވެ.

"ވަކި ވޯލްޑް ކަޕަށް ވެގެން ޓީމު ނަގާއިރު ބަދަލުތަކެއް ގެންނާކަށް ނުޖެހޭ. މިއީ ލުއިސް އެންރީކޭ ނެގި ޓީމު. އަހަރެމެން ބިރުން މަރުވާން ޖެހޭ ހާލަތެއްގައެއް ނޫން މި އޮތީ. ސްޕެއިންގެ ފަރާތުން ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ފެންނާނެ،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އެންރީކޭ ބުންޏެވެ.

"ވޯލްޑް ކަޕްގައި ވާނެ ގޮތެއް މިހާރު ބުނަން އުނދަގޫވާނެ. ފަހަރުގައި ގިނަ ބަޔަކު ހީނުކުރާނެ ކަންތައްތަކެއް ވެސް ހިނގައިފާނެ. އުންމީދަކީ ގަތަރުގައި ސްޕެއިންގެ އަސްލު ކުޅުން ދައްކާލެވުން،"

މިދިޔަ ފަހަރު ޔޫރޯ އަށް ސްޕެއިނުން ނެގި ސްކޮޑުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ނެތުމުން ގިނަ ބަޔެއްގެ ތުހުމަތުގެ އިނގިލި އެންރީކޭ އަށް އަމާޒުވީ ބާސެލޯނާ އަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރާ ކަމަށް ބުނެ އެވެ.

މި ފަހަރުގެ ސްޕެއިން ސްކޮޑުގައި ރެއާލްގެ މާކޯ އަސެންސިއޯ އާއި ޑެނީ ކާވަހާލް ހިމެނެ އެވެ. ސްކޮޑުގައި ބާސެލޯނާގެ ހަތް ކުޅުންތެރިން ހިމެނެ އެވެ.

ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު

ގޯލްކީޕަރުން: އުނާއި ސިމޯން (އެތުލެޓިކް ބިލްބާއޯ)، ޑޭވިޑް ރާޔާ (ބްރެންޓްފޯޑް)، ރޮބަޓް ސަންޗޭޒް (ބްރައިޓަން)

ޑިފެންޑަރުން: ހޯސޭ ގާޔާ (ވެލެންސިއާ)، ޖޯޑީ އަލްބާ (ބާސެލޯނާ)، އެރިކް ގާސިއާ (ބާސެލޯނާ)، އައިމެރިކް ލަޕޯޓް (މެންޗެސްޓާ ސިޓީ)، ޕައު ޓޮރޭޒް (ވިޔަރެއާލް)، ހޫގޯ ގިލަމޯން (ވެލެންސިއާ)، ސެޒާ އަޒްޕްލިއަސެޓާ (ޗެލްސީ)، ޑެނީ ކާވަހާލް (ރެއާލް މެޑްރިޑް)

މިޑްފީލްޑަރުން: ރޮޑްރީ (މެންޗެސްޓާ ސިޓީ)، ސާޖީ ބުސްކެޓްސް (ބާސެލޯނާ)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް)، މާކޯ ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް)، ގަވީ (ބާސެލޯނާ)، ޕެޑްރީ (ބާސެލޯނާ)، ކާލޯސް ސޮލެއާ (ޕީއެސްޖީ)

ފޯވާޑުން: ޑެނީ އޮލްމޯ (އާރްބީ ލައިޕްޒިގު)، ޕަބްލޯ ސަރާބިއާ (ޕީއެސްޖީ)، އަލްވާރޯ މޮރާޓާ (އެތުލެޓިކޯ މެޑްރިޑް)، އަންސޫ ފާޓީ (ބާސެލޯނާ)، ފެރާން ޓޮރޭޒް (ބާސެލޯނާ)، މާކޯ އަސެންސިއޯ (ރެއާލް މެޑްރިޑް)، ނިކޯ ވިލިއަމްސް (އެތުލެޓިކް ބިލްބާއޯ)، ޔެރެމީ ޕީނޯ (ވިޔަރެއާލް)