Advertisement

ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ކުޑަކާއްޓޭ އާއި އެޑަމް އަށް ވެސް ނާކާމިޔާބު

14 އޮކްޓޯބަރު 2022 - 19:56 0

ސަން އައިލެންޑް ރިސޯޓް

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ބްރެޒިލްގެ އިވާންދްރޯ ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ކުޑަކާއްޓެ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ކުޑަކާއްޓޭ އާއި އެޑަމް އަށް ވެސް ނާކާމިޔާބު

14 އޮކްޓޯބަރު 2022 - 19:56 0

ސަން އައިލެންޑް ރިސޯޓް

ސަން އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖުގެ މެއިން ޑްރޯގައި ވާދަކޮށް ކުޅުނު ދެ މެޗުން ވެސް ބަލިވެ، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކަޓައިފި އެވެ.

އިއްޔެ ނިމުނު ކޮލިފައިން ބުރުން ކުރި ހޯދި 8 ޕެއާއާ އެކު ޖުމްލަ 24 ޕެއާ ވާދަކުރާ މޯލްޑިވްސް ޗެލެންޖުގެ މެއިން ޑްރޯގެ މެޗުތައް ފަށާފައިވަނީ މިއަދު ހެނދުނެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ބުރުގައި ރާއްޖޭގެ ޕެއާ ބަލިވީ ބްރެޒިލް އަދި ތައިލެންޑުގެ އަތުންނެވެ.

ކުޑަކާއްޓޭ އާއި އެޑަމްގެ ފުރަތަމަ މެޗުގައި ނުކުތީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޕެއާ ކަމަށްވާ ބްރެޒިލްގެ ވިނީސިއަސް އާއި އިވާންދްރޯއާ ދެކޮޅަށެވެ. ބީޗްވޮލީބޯޅައިގެ އެންމެ ވަރުގަދަ އަދި މަޝްހޫރު އެއް ގައުމު ކަމަށްވާ ބްރެޒިލްގެ ޕެއާ އަތުން ރާއްޖޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓުގައިވެސް ފެނުނީ ބްރެޒިލްގެ އިވާންދްރޯގެ ވަރުގަދަ ބްލޮކްތަކާއި ވިނީސިއަސްގެ ބާރު ހަމަލާތަކެވެ. މި ގޭމު ބްރެޒިލްގެ ޕެއާ ކާމިޔާބުކުރީ 21-10 އިންނެވެ.

މިއަދުގެ މެޗުގެ ތެރެއިން ރާއްޖޭގެ އެޑަމް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ ވަނަ ސެޓު ފަށައިގެންވެސް ބްރެޒިލްގެ ޕެއާ ފެނުނީ ކުރީގައި އޮތް ތަނެވެ. ނަމަވެސް މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ، ރާއްޖޭގެ ޕެއާ އިން ޕޮއިންޓްތައް ހޯދަން ފެށި އެވެ. ކުޑަ ކާއްޓޭ އާއި އެޑަމް ވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލައި ޕޮއިންޓު ހޯދި އެވެ. އެކަމަކު، ފަހު ވަގުތު ތަޖުރިބާގެ ބޭނުންކޮށް ބްރެޒިލް އިން ސެޓު ހޯދައި މެޗު ކާމިޔާބުކުރި އެވެ. މި ސެޓުން ރާއްޖެ ބަލިވީ 21-18 އިންނެވެ.

ދެ ވަނަ މެޗުގައި ކުޑަ ކާއްޓޭ އާއި އެޑަމާ ބަލިވީ ތައިލެންޑުގެ ސުރީން އަދި ބަންލުއީ އާ ދެކޮޅަށެވެ. މި ޕެއާ އަކީ އިއްޔެ ރާއްޖޭގެ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) އަތުންވެސް މޮޅުވި ޕެއާ އެވެ. މިއަދު ވެސް ރާއްޖޭގެ މައްޗަށް ތައިލެންޑުން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ދިވެހި ޓީމު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އޮތީ ލީޑުގަ އެވެ. ސެޓުގެ އެންމެ ފަހު ވަގުތާއި ހަމައަށް ލީޑުވެސް ހިފެހެއްޓި އެވެ.

މިއަދުގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އެޑަމް (ކ) އާއި ކުޑަކާއްޓެ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގެ ސްކޯ 18-20 ގައި އޮއްވައި، ސެޓު ނިންމާލަން ދެ ފަހަރަށް ރާއްޖެ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ފަހަތުން އަރައި ޖެހިޖެހިގެން ހަތަރު ޕޮއިންޓު ހޯދައި 20-22 އިން ތައިލެންޑުން މި ސެޓު ކާމިޔާބުކުރި އެވެ.

ފުރަތަމަ ސެޓާއި ހިލާފަށް ދެ ވަނަ ސެޓުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ގޮތުން ސެޓުގެ ފުރަތަމަ 10 ޕޮއިންޓު ހޯދައި ތައިލެންޑުން ބޮޑު ލީޑެއް ނެގި އެވެ. މި ލީޑުގައި އޮވެ، މި ސެޓު އެޓީމުން ކާމިޔާބުކުރީ 21-6 އިންނެވެ.

މުބާރާތުގައި މާދަމާ ހެނދުނު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ބައިގެ ގަދަ 16 ގެ މެޗުތަކެވެ. މެންދުރު ފަހު ކުޅޭނީ ކުއާޓާ ފައިނަލް މެޗުތަކެވެ. ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލް މެޗުތައް ކުޅޭނީ އަންނަ އާދިއްތަ ދުވަހެވެ.