Advertisement

ލެވަކޫސަންގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސައިފި

6 އޮކްޓޯބަރު 2022 - 06:14 0

އަލޮންސޯ: އޭނާ ވަނީ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެފައި.


ލެވަކޫސަންގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސައިފި

6 އޮކްޓޯބަރު 2022 - 06:14 0

މިއުނިކް (އޮކްޓޫބަރު 5) - ކުރިން ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި ބަޔާން މިއުނިކަށް ކުޅުނު މިޑްފީލްޑަރު، ޒަބީ އަލޮންސޯ، ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

އުމުރުން 40 އަހަރުގެ އަލޮންސޯ، ރެއާލް ސޮސިއެޑާޑްގެ ބީ ޓީމު، ލަ ރެއާލްގެ ކޯޗުކަން ދޫކޮށްލީ މިދިޔަ މެއި މަހު އެވެ. އޭގެ ފަހުން، އެކި ޓީމުތަކުގެ އޮފާ އަލޮންސޯ އަށް ލިބުނު ނަމަވެސް އޭނާ އެއްވެސް ޓީމަކާ ހަވާލުނުވެ ހުރުމަށް ފަހު، މިހާރު މި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދައިފަ އެވެ.

"އަހަރެން ޖަރުމަނުގައި ހޭދަކުރި ދުވަސްތަކުގެ އަލީގައި އަހަންނަށް ލެވަކޫސަން ވަނީ އެނގިފައި. މިއީ ވަރަށް ރަނގަޅު ކްލަބެއް. ބަޔާ (ލެވަކޫސަން) އަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ގެންގުޅޭ ޓީމެއް. މި ވަގުތަށް ބެއްޔަސް، މި ޓީމުގައި އޮތް ސްކޮޑު ވަރަށް ވަރުގަދަ،" އަލޮންސޯ ބުންޏެވެ.

ލެވަކޫސަންގެ ކޯޗުގެ ވަޒީފާ ހުސްވީ އެ ޓީމާ ހަވާލުވެހުރި ސްވިޒަލެންޑްގެ ކޯޗު ޖެރާޑޯ ސިއޯނޭ މަގާމުން ދުުރުކުރުމުންނެވެ. ސިއޯނޭ ވަކިކުރަން ނިންމީ މި ސީޒަނުގައި ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން ބަލިވިއިރު، ލީގުގައި ހޯދުނީ އެންމެ މޮޅެއް ކަމަށްވާތީ އެވެ.

ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު، ސިމޯން ރޯލްފެސް ބުނީ އެ ޓީމުން އަލޮންސޯ ކޯޗަކަށް ހަމަޖެއްސީ ވަރަށް ރަނގަޅު ޕްލޭނެއް އޮވެގެން ކަމަށާއި ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ލީގުގައި އަލޮންސޯ ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ތަޖުރިބާގެ އަލީގައި ލެވަކޫސަންގައި ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށެވެ.

އަލޮންސޯ، 2017 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލް މެޑްރިޑްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ.

މިދިޔަ އަހަރު މާޗް މަހު، އަލޮންސޯ، ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އަލޮންސޯ އެންމެ ފަހު ވަގުތު ވަނީ އިތުރު އެއް އަހަރަށް ލަ ރެއާލްއާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމީ އެވެ.