Advertisement

ރާއްޖޭގެ ގައުމީ ކެރަމް ޓީމު ވޯލްޑް ޗެމްޕިއަންޝިޕަށް

2 އޮކްޓޯބަރު 2022 - 08:05 0

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމު.-- ފޮޓޯ: ތީރު މީޑިއާ


ރާއްޖޭގެ ގައުމީ ކެރަމް ޓީމު ވޯލްޑް ޗެމްޕިއަންޝިޕަށް

2 އޮކްޓޯބަރު 2022 - 08:05 0

މެލޭޝިއާގެ ލަންކާވީގައި މި މަހު 3-7 އަށް ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމު ތައްޔާރުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ މުބާރާތުގައި ވާދަކުރަން އިއްޔެ މެލޭޝިއާ އަށް ދިޔަ ގައުމީ ކެރަމް ޓީމުގައި ހިމެނެނީ 10 ކުޅުންތެރިންނެވެ. އެއީ އަންހެން ފަސް ކުޅުންތެރިންނާއި ފިިރިހެން ފަސް ކުުޅުންތެރިންނެވެ.

ދުނިޔޭގެ މުބާރާތަށް ކުޅުންތެރިން ހޮވަން ކުރިއަށްދިޔަ ސިލެކްޝަން އޮތީ މިދިޔަ އޮގަސްޓް މަހުގަ އެވެ.

ގައުމީ ކެރަމް ޓީމުގައި ހިމެނެނީ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އާދަމް އަދީލް، މުހައްމަދު މުންތަސިރު، ޔަމާން އަބްދުލް ޖަލީލް، އައިޝަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.

އެންމެ ފަހުން ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގަ އެވެ. އެ ފަހަރު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ވެސް ލިބުނީ ތިން ވަނަ އެވެ. ރާއްޖޭގެ ފިރިހެން ޓީމު ސެމީގައި ބަލިވީ އިންޑިއާ އަތުންނެވެ. މުބާރާތުގެ ފިރިހެން ޗެމްޕިއަނަކީ ލަންކާ އެވެ. އަންހެން ޗެމްޕިއަންކަން، އިންޑިއާ އިން ހޯދިއިރު، ދެ ވަނަ އަކީ ލަންކާ އެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވާން ރާއްޖޭން ވަނީ ދެ ކޭމްޕް ފުރިހަމަކޮށްފަ އެވެ. އެ ގޮތުން، ފުރަތަމަ ކޭމްޕް ޖެހީ ޅ. ހިންނަވަރުގައި އޮގަސްޓް މަހުގަ އެވެ. މުބާރާތާ ގާތްކޮށް، ޓްރެއިނިން ކޭމްޕް ފުރިހަމަކުރީ މެދުފުށި އައިލެންޑް ރިސޯޓްގަ އެވެ. އެއީ މިދިޔަ މަހުގެ 18-28 އަށެވެ.

މެލޭޝިއާގައި އެންމެ ފުރަތަމަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ބާއްވަން ތާވަލުކުރީ 2020 ވަނަ އަހަރު އެވެ. އެކަަމަކު، އޭރު ކޮވިޑް-19ގެ ސަބަބުން މުބާރާތް ކުރިއަށް ގެންދެވޭގޮތެއްނުވި އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ކޮވިޑްގެ އިތުރު ރާޅުތަކެއްގެ ސަބަބުން މެލޭޝިއާގައި މުބާރާތް ހޯސްޓް ނުކުރެވި، މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 19 ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން، އިންޑިއާ، ލަންކާ، ޔޫއޭއީ، ބަންގްލަދޭޝް، ޖަޕާން، ކޮރެއާ، ސިންގަޕޫރު، ނޭޕާލް، ގަތަރު، ޕޮލެންޑް، އިޓަލީ، ޖަރުމަނު، ފްރާންސް، ސްވިޒަލެންޑް، އެމެރިކާ، ސާބިއާ އަދި އިނގިރޭސިވިލާތެވެ. ޕާކިސްތާން މި ފަހަރު ވާދަނުކުރެ އެވެ.

މުބާރާތުގައި ކުރިއަށްދާނީ ހަތަރު އިވެންޓް އެވެ. އެއީ ސިންގަލްސް، ޑަބަލްސް، ޓީމު އިވެންޓް އަދި ސްވިސް ލީގު އެވެ. ސްވިސް ލީގުގައި ރާއްޖޭގެ 10 ކުުޅުންތެރިން ވެސް ކުޅޭނެ އެވެ. އެހެން އިވެންޓްތަކުގައި ކުޅޭގޮތަށް ހަމަޖެހިފައިވަނީ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިންނެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ކެރަމް މުބާރާތް ކަމަށްވާއިރު، ޗެމްޕިއަނަކަށް ހޮވޭ ގައުމަށް ރޭންކިންގައި ވެސް ޝަރަފްވެރި އެއް ވަނަ ލިބޭނެ އެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވޭ އަށް ވަނަ ފަހަރެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ބާއްވައިފަ އެވެ. ވޯލްޑް ކަޕަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު ދެން އެންމެ މަތީ ފަންތީ މުބާރާތެވެ.