Advertisement

ތިމާވެއްޓަށް ހަރަދުކުރަން ގައުމުތަކުން ވީ ވައުދު ފުއްދަން ރާއްޖޭން އަނެއްކާވެސް ގޮވާލައިފި

24 ސެޕްޓެންބަރު 2022 - 12:15 0

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް މާލީ އެހީތެރިކަން ދޭން ގައުމުތަކުން ވެފައިވާ ވައުދު ފުއްދަން ރާއްޖޭގެ ފަރާތުން އޭނާ ގޮވައިލެއްވި -- ފޮޓޯ: އދ.


ތިމާވެއްޓަށް ހަރަދުކުރަން ގައުމުތަކުން ވީ ވައުދު ފުއްދަން ރާއްޖޭން އަނެއްކާވެސް ގޮވާލައިފި

24 ސެޕްޓެންބަރު 2022 - 12:15 0

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ބައިނަލް އަގުވާމީ މުޖުތަމައުން 2009 ވަނަ އަހަރު ވެފައިވާ ވައުދު ފުއްދަން ރާއްޖޭން އަނެއްކާ ވެސް ގޮވާލައިފި އެވެ.

އިއްޔެ ފެށި އދ. ގެ އާއްމު މަޖިލީހުގެ 77 ވަނަ ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، އެ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން 2020 ވަނަ އަހަރާ ހަަމައަށް 100 ބިލިޔަން ޑޮލަރު ހަރަދުކުރަން 2009 ވަނަ އަހަރު، ގައުމުތަކުން ވައުދުވި ކަމަށެވެ. އެކަމަކު މިއަހަރާ ހަމައަށް އައި އިރު، އެއާ ގާތްކުރާ އަދަދަކަށް ވެސް އެ މަސައްކަތަށް ފައިސާ މޮބިލައިޒްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަދަދު ހަމަކުރުމަށް [އެ ވައުދުގެ] ބައިވެރިން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ. އަޅުގަނޑުމެން އަަޅުގަނޑުމެންގެ ބައިވެރިންނަށް ގޮވައިލަން އެޑަޕްޓޭޝަން ފައިނޭންސިން ދެގުނަކުރަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމުގެ ބޭނުމަށް ދޫކުރާ ފައިސާ ލިބުން ފަސޭހަކުރަން ޖެހޭ ކަމަށާއި ހާއްސަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެކަން ފަސޭހަކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެނަށް އެނގޭ، ބޭނުންވީމާ ދުނިޔެއަށް ފައިސާ މޮބިލައިޒް ކުރެވޭކަން. އަޅުގަނޑުމެނަށް އެނގޭ ފައިސާ އެބަހުރިކަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށާއި މޫސުމަށް ބަދަލުއައުން ކުޑަކުރުމަށް ރާއްޖޭން ކުރާ މަސައްކަތަށް ބައިނަލް އަގުވާމީ ތާއީދު ބޭނުންވާ ކަމަށެވެ. ކާބަން ބޭރުކުރާ ވަރު މަދުކުރަން ރާއްޖޭން އުއްމީދީ އަމާޒެއް ހިފާފައިވާ ކަމަށާއި އެކަން ހާސިލުވާނީ ވެސް ބައިނަލްއަގުވާމީ މަދަދު ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑުތައް ރައްކާތެރިކުރުމަކީ ވެސް ރާއްޖޭން ވަރަށް އަވަހަށް ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި ކަނޑަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ކަނޑުތަކުގެ 40 ޕަސެންޓް، 2030 ވަނަ އަހަރުގެ ކުރިން ހިމާޔަތްކުރަން ކުރާ މަސައްކަތަށް އަޅުގަނޑުމެން ތާއީދުކުރަނީ މިހެންވެ،" ޝާހިދު ވިދާޅުވި އެވެ.

ކަނޑުތައް ހިމާޔަތްކުރަން ރާއްޖޭން ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ރާއްޖޭން 19 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ރާއްޖޭގެ ފަރުތަކުގެ 14 ޕަސެންޓް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.