Advertisement

ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ، އެކަމަކު މައްސަލަތަކެއް އެބަހުރި: އައިއެމްއެފް

15 ސެޕްޓެންބަރު 2022 - 14:47 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އައިއެމްއެެފްގެ ވަފުދުގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. އެ ވަފުދުން ބުނީ ރާއްޖޭގެ އިގުތިސާދު މިއަހަރު ކުރިއަރާނެ ކަަމަށާއި އެހެން ނަމަވެސް މައްސަލަތައް އެބަހުރިކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ


ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ، އެކަމަކު މައްސަލަތަކެއް އެބަހުރި: އައިއެމްއެފް

15 ސެޕްޓެންބަރު 2022 - 14:47 0

ރާއްޖޭގެ އިގުތިސޯދު މިއަހަރުވެސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ނަމަވެސް މާލީ ގޮތުން ރާއްޖެއަށް އަދިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު ބުނެފި އެވެ.

އައިއެމްއެފްގެ ފަރާތުން ރާއްޖެ އަށް މިހާރު ވަޑައިގެން ތިއްބެވި ވަފުދުން ރައްްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ވަފުދުގެ ވެރިޔާ ޓިިޑިއާން ކިންޑާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ޓޫރިޒަމްގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށި ފަހުން ރަޝިޔާއިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް މިދިޔަ އަހަރު ރާއްޖޭން ޓޫރިޒަމްގެ މާކެޓް ފުޅާކޮށް، އެހެން ސަރަހައްދުތަކުން ޓޫރިސްޓް އެރައިވަލް އިތުރުކޮށްފައިވާ ކަމަށެވެ.

"އެހެންވެ 2021 ވަނަ އަހަރު [އިގުތިސާދީ] ކުރިއެރުން ވަރުގަދަ އަދި މިއަހަރު ވެސް އެކަން އެގޮތަށް ވާނެ،" ކިންޑާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ގާތްގަނޑަކަށް 19 ޕަސެންޓުން ކުރިއަށް ދިޔަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ.

ރާއްޖެއަށް ހުރި މައްސަލަތައް

އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ކިންޑާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަވެސް ކުރިއަށް ދަނިކޮށް، ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަތަކުގެ ސަބަބުން ޔޫރަޕްގެ އިގުތިސާދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވާނެ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ޕަސެންޓޭޖަކީ ޔޫރަޕުން އަންނަ މީހުންނަށް ވާއިރު ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވާ އެ މައްސަލައިގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ.

"ރާއްޖޭގެ ޓޫރިސްޓް އެރައިވަލްގެ ގާތްގަނޑަކަށް 50 ޕަސެންޓަކީ ޔޫރަޕް ކޮންޓިނެންޓުން އަންނަ މީހުން. އަދި އަޅުގަނޑުމެން ލަފާކުރާ ގޮތަކީ ޔުކްރޭން ހަނގުރާމައިން ފެށިގެން، ޔޫރަޕްގައި މިހާރު އޮތް އެނާޖީ ކްރައިސިސްގެ ބުރަ، ޔޫރަޕްގެ އިގުތިސާދުތަކަށް އަންނާނެ ކަމަށް. އަދި އެއާ އެކަމުގެ ކޮންމެވެސް އަސަރުތަކެއް ދިވެހިރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ކުރިމަތިވާނެ އަނެއް މައްސަލައަކީ އިންފްލޭޝަން މައްޗަށް ދިއުމާއި ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުުމުގެ ހަރަދު ބޮޑުވުމެވެ. މާލީގޮތުން ރާއްޖެއަށް އޮތް ރިސްކް އަދިވެސް ދާނީ ޓިިޑިއަން ވިދާޅުވި ގޮތުގައި އިތުރުވަމުންނެވެ.

"ފިސްކަލް ވަލްނަރަބިލިޓީ އޭ އަޅުގަނޑުމެން މި ދަންނަވަނީ ޑެފިސިޓް އޮތް ވަރު. ޑެފިސިޓް އޮތީ އަދިވެސް ވަރަށް މަތިކޮށް. އަދި ދަަރަނީގެ މިންވަރު ވެސް އޮތީ މަތިކޮށް،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކުން އަރައިގަތުމަށްޓަކައި އައިއެމްއެފްގެ ލަފަޔަކީ ދައުލަތުން ކުރާ ހަރަދު ކުޑަކުރުމެވެ. އަދި އާމްދަނީ އިތުރުކުރަން އިތުރު ފިޔަވަޅުތައް އެޅުމެވެ.