Advertisement

ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލުކުރުމުން، މިނިސްޓަރުގެ ތައުރީފު ކައުންސިލަށް

25 އޮގަސްޓު 2022 - 15:16 0

ނިމާ ހަސަން

ނިމާ ހަސަން

ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛ މިނިސްޓަރު ޝައުނާ ވިދާޅުވީ އެއީ ކައުންސިލުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް


ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލުކުރުމުން، މިނިސްޓަރުގެ ތައުރީފު ކައުންސިލަށް

25 އޮގަސްޓު 2022 - 15:16 0

ށ. ފުނަދޫގެ އަސާސީ ހިިދުމަތްތައް ފޯރުކޮށްދިނުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަކީ ކައުންސިލުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވެ، ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ، ފުނަދޫ ކައުންސިލަށް ތައުރީފު ކުރައްވައިފި އެވެ.

ފުނަދޫގެ 36 އަހަރުވީ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. އެ އިންޖީނުގެ ފެނަކައާ ހަވާލު ކުރުމާއެކު، ފެނަކައިން ވަނީ ފުނަދުއަށް ބޭނުންވާ ކަރަންޓު މެދުނިކެނޑި ދިނުމަށް 600 އަދި 800 ކިލޯވޮޓްގެ އާ ދެ ޖަނަރޭޓަރު އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އެގޮތުން އެކަން އެންމެ ފުރަތަމަ ކުރީ އަމިއްލަ ފަރުދުންނާއި ރަށް ކުރިއަރުވާ ކޮމެޓީތަކުންނާއި ކްލަބް ޖަމުއިއްޔާތަކުން ކަމަށެވެ.

އެފަދަ އަސާސީ ހިދުމަތްތައް އޭރުގައި ގާއިމުކޮށްފައިވަނީ އެކަށީގެންވާ ރަނގަޅު ޕްލޭނެއްނެތި ވަރަށް އާދައިގެ ގޮތަކަށް ކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ގިނަ ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކަކީ އެންމެ އެކަށޭނެ ގޮތަށް ގާއިމުކުރެވިފައިވާ ނިޒާމުތައް ނޫން ކަމަށެވެ. ހަމައެއާއެކު، އޭރު މި ނިޒާމުތައް ހިންގާ ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން ލިބުން ދަތިވުމުގެ ސަބަބުން ހަކަތަ އިސްރާފުވުމާއި ނުރައްކާތެރި ހާދިސާތައް ކުރިމަތިވެފައިވާކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ދުވަހަކައްވުރެ ދުވަހެއް ރަނގަޅުކޮށް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ދިނުމަށް," ޝައުނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް މުހިންމު، މިފަފަ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށްޓަކައި އަބަދުވެސް ބަދަލުތައް ގެނެސް ކަންކަން ތަރުތީބުވާން ޖެހޭ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ. ސަރުކާރުން ޔޫޓިލިޓީ ކުންފުނިތައް އުފެއްދީ އެ މަގުން ކުރިއަށް ދިއުމަށް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ދެތިން ހަތަރު ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް މިހާރު ފޯރޮށްދެމުންދަނީ ޔުޓިލިޓި ކުންފުނިތަކުން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މިހާރުވެސް 153 ރަށެއްގައި މި ހިދުމަތްތައް އަންނަނީ އިތުބާރާއެކު ފޯރުކޮށްދެއްވަމުން

ފެނަކައިން ރާއްޖޭގެ ގިނަ ރަށްތަކުގައި ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ފުނަދޫގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަކީ ކައުންސިލުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށްޓަކައި ކައުންސިލަށާއި ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.