Advertisement

އާ ހެދުން ނުދޮވެ ލަނީ ކޮން ބައެއް؟ ހުއްޓާލަންވީ އާދައެއް

24 އޮގަސްޓު 2022 - 07:24 0


އާ ހެދުން ނުދޮވެ ލަނީ ކޮން ބައެއް؟ ހުއްޓާލަންވީ އާދައެއް

24 އޮގަސްޓު 2022 - 07:24 0

ޝެއިން އިން އޯޑަރު ކޮށްގެން، ރީތި ހުދު ޕެކޭޖެއްގައި އަތަށް ލިބުނު އާ ހެދުމުގައި ހުންނާނީ ކޮން މިލައެއް ހެއްޔެވެ؟ އުނދަގޫ ވަހެއް ހުރީކީ ނޫނެވެ. ކުންޏެއް, މިލައެއް ނެތެވެ.

ހައިރާން ނުވާށެވެ. މި ކިޔައިދެނީ އަލަށް ފިހާރައަކުން ގަންނަ ހެދުމެއް، ނުވަތަ އޮންލައިން ކޮށް ގެންނަ ހެދުން ނުދޮވެ ލުމުގައި ހުރި ނުރައްކަލާއި، މި އާދައެއް ގެންގުޅޭނަމަ މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ސަބަބުތަކެވެ.

ލޮލަށް ނުފެނުނަސް، އާ ހެދުމެއްގައި ހަމަށް ނުރަނގަޅު މިލަ އާއި ކެމިކަލް ހުރޭ

ސެލޯފިން ޕެކޭޖެއްގައި ރީތިކޮށް ފަށްޖަހާފައި އޮންނަ ހެދުމުގައި މާބޮޑު ދޮވުމެއް ހުންނާނެ ކަމަށް ގިނަ ފަހަރަށް ހިތަށް ނުގެނެވެނީ އެވެ. އެކަމަކު، ސިކުނޑި ކުޑަކޮށް ހުޅުވާލައި ވިސްނާލުމުން ފެކްޓްރީ މަރުހަލާގައި ހެދުމެއް އުފައްދަން ކުރާނެ މަސައްކަތް ކޮންމެވެސް ވަރަކަށް އަންދާޒާކުރެވިދާނެ އެވެ. ހެދުމެއްގެ ސިފަ ޖެހުމުގެ ކުރިން އެ ފޭރާން ނުވަތަ ފޮތިގަނޑަށް ބޭނުންވާ ކުލައާއި ޓެކްސްޗާ ގެންނަން ފަހަރަކު ޑައި ކުރާނެ އެވެ. އެތައް ކެމިކަލް ޓްރީޓްމަންޓެއް ދީ، އެކި ކަހަލަ މެޝިން މަރުހަލާގައި ހިންގާނެ އެވެ.

އެހެންވީމަ، ކުރިން މީހަކު ބޭނުންކޮށްފައި އޮތް ހެދުމަކަށް ނުވަތަ ފޮތިގަނޑަކަށް ނުވެދާނެ އެވެ. އެކަމަކު ދެންމެ މިބުނި ކަންކަން އަންނާތީ، އެކި ކަހަލަ އިންޑަސްޓްރިއަލް މާއްދާތަކާއި ކެމިކަލާއި މެޝިން ތަކުގައި ހުންނަ ހިރަފުސް ފަދަ ލޮލަށް ނުފެންނަ މާއްދާތައް ހުންނާނެ އެވެ. އަދި ހެދުން އުފެއްދުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ގައިން ބެކްޓީރިއާ އާއި ވައިރަސް ވެސް ޓްރާންސްފާ ވެފައި ހުރުން އެކަށީގެންވެ އެވެ - މިކަންކަން އެއްކައިރީ ބާއްވާފައި، ހެދުންތައް ފެކްޓްރީތަކުގައި ގެންގުޅޭނެ ގޮތް ހިތަށް ގެނެސްލާށެވެ. ފުނި ފުންޏަށް ހެދުން ބެހެއްޓުމާއި ފަރުވާކުޑަކޮށް ގެންގުޅުމާއި މިކަހަލަ ކިތަންމެ ކަމެއް ލާޖް ސްކޭލްގައި މިކަހަލަ މަސައްކަތްކުރާ ފެކްޓްރީ ތަންތަނުން ފެންނާނެ އެވެ.

ހަމަކީ ސެންސިޓިވް ގުނަވަނެއް، ބީރައްޓެހި ކެމިކަލުން ނުރައްކާ

ފޮތި ތައްޔާރުކުރުމަށް ކެމިކަލް ބޭނުންކުރާކަން މިހާރު އެނގެ އެވެ. ނޭނގެނީ، ބޭނުންކުރަނީ ކިހާ މިންވަރަކަށް ކަމެވެ. މީގެ މާނައަކީ އުފެއްދުމުގެ މަރުހަލާގައި ބޭނުންކުރާ ކެމިކަލްތަކުގެ އަސަރު އެ ހެދުމުގައި އަބަދަށް ހުންނާނެއެކޭ ނޫނެވެ. އެކަމަކު ފުރަތަމަ ލުމުގެ ކުރިން ނުވަތަ ބޭނުންކުރުމުގެ ކުރިން ދޮވުން ކޮންމެހެން މުހިއްމުވާ މިންވަރު ބުނެދެ އެވެ.

ކެމިކަލް ގައި ހިމެނޭ ކޮންޕައުންޑް ތަކުން ހަންގަނޑު ކުރަކި ވުމާއި ހަމުގައި ބިހި ނަގައި، ހިރުވުން ފަދަ ކަންކަން ކުރިމަތިކުރުވަ އެވެ. ހާއްސަކޮށް އެކްޒީމާ ހުންނަ މީހުންނާއި، ހަންގަނޑު ނާޒުކު މީހުންނަށް މި ފަދަ މައްސަލަތައް ފަސޭހައިން މެދުވެރިވާނެ އެވެ.

ފޭރާމުން ހަމަށް އާންމުކޮށް މައްސަލަ މެދުވެރިވަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ، އިރިޓޭޝަން އަންނަ ގޮތަށް ހިރުވުމާއި ބިހި ނެގުން ނުވަތަ އެކްޒީމާ ޓްރިގާވުން ކަހަލަ ގޮތްތައް ވުމެވެ. ދެން އެލާޖިކް ވުމެވެ. އެއީ ފޭރާން އުފައްދުމުގައި ކެމިކަލް މާއްދާތަކުގެ ގޮތުގައި ބޭނުންކުރާ، ޑައި އާއި ރެސިން އާއި ލެޓެކްސް އާއި ތެރަސް ފަދަ މާއްދާތަކަށް އަންނަ އެލާޖީ އެވެ.

އެހެންވީމަ، އަލަށް ގަންނަ ހެދުމާއި ގަނެގެން ގެންނަ އަންޑަގާމެންޓްސް ފަދަ ތަކެތި ނުދޮވެ ބޭނުންކުރާއިރު މިފަދަ މިކަންކަމަށް ފަރުވާތެރިވުން މުހިއްމެވެ. ލޮލަށް ފެންނަން ހުންނަ ހިސާބަށްވުރެ ދުރަށް ވިސްނުން ހިންގާލުމަކީ ފަހުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން އޮންނަ އެންމެ ފަސޭހަ ގޮތެވެ..