Advertisement

ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުސަތު ހޯދައި ދޭނަން: ރައީސް

16 އޮގަސްޓު 2022 - 07:12 0


ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުސަތު ހޯދައި ދޭނަން: ރައީސް

16 އޮގަސްޓު 2022 - 07:12 0

ރާއްޖޭގައި ކުޅިވަރުގެ ކުރިއެރުވުމަށް ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ފަހިގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ގައި ވާދަކޮށް ތާރީހީ މެޑަލް ހޯދި ގައުމީ ޓޭބަލް ޓެނިސް އަންހެން ޓީމަށް މަރުހަބާ ކިޔުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީމް އިވެންޓުން ގައުމީ އަންހެން ޓީމް ހޯދި ލޯ މެޑައްޔަކީ މަތީ ފަންތީގެ ގޭމްސް އެއްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިވީ ޗެމްޕިއަންކަން ހޯދި އީރާނާ ވާދަކޮށްގެންނެވެ.

އިއްޔެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގައުމީ ޓޭބަލް ޓެނިސް ޓީމާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ޓީޓީ ޓީމުން ހޯދި މި ކާމިޔާބަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއް ކަމުގައެވެ. މީގެ ކުރިން ރާއްޖޭގެ ގިނަ ކުޅިވަރުތަކުން ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ސަރަޙައްދީ މުބާރާތްތަކުން ކަމުގައި ވެފައި، މިފަހަރު ޓީޓީ ޓީމުން މި ހޯދި ކާމިޔާބާއިއެކު ދުނިޔޭގެ ފެންވަރުގެ ގޭމްސްތަކާއި މަތީ މުބާރާތްތަކުން ވަނަ ހޯދުމަށް އުއްމީދެއް އާވެގެން ހިނގައްޖެކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަގީންކަން މިހާރު ލިބިވަޑައިގެންފިކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމަކަށް ރާއިސް ސޯލިހު ފާހަގަކުރެއްވީ ކުޅިވަރުން އިތުރު ފުރުސަތުތައް ހޯދައި ދެއްވުމުގައި ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް ހާއްސަކޮށް އިސްކަންދެއްވުމެވެ. މިގޮތުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އަދި އަދި މިކަންކަން މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، މުބާރާތްތަކުގައި ބައިވެރިވޭނެ ފުރުސަތުތައް އިތުރުކޮށްދިނުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އެތުލީޓުން ބޭރުގެ އެކި ކުޅިވަރު މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުން ކުޅިވަރުގެ ދާއިރާއަށް އެލިބޭ ކުރިއެރުންތަކާއެކު އެއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދިއުން ފަދަ އެތައް ފައިދާތަކެއް އެކުލެވޭކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.